Roadha Mihaaru
އާކިޓެކްޓުންގެ ޖަމިއްޔާ ޕްލޭނިންގައި ރަޖިސްޓަރީކޮށްފި

މޯލްޑިވްސް އާކިޓެކްޓްސް އެސޯސިއޭޝަން ރަޖިސްޓަރީކޮށްފި

10 އޮކްޓޯބަރ 2019

ރާއްޖޭގެ ގިނަ އާކިޓެކްޓުން ބައިވެރިވާ ޖަމިއްޔާ "މޯލްޑިވްސް އާކިޓެކްޓްސް އެސޯސިއޭޝަން" ފަންްނީ ޖަމިއްޔާއެއްގެ ގޮތުގައި ޕްލޭނިން މިނިސޓްރީގައި ރަޖިސްޓަރީ ކޮށްފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ގިނަ އާކިޓެކްޓުން ބައިވެރިވާ ޖަމިއްޔާ "މޯލްޑިވްސް އާކިޓެކްޓްސް އެސޯސިއޭޝަން" ފަންްނީ ޖަމިއްޔާއެއްގެ ގޮތުގައި ޕްލޭނިން މިނިސޓްރީގައި ރަޖިސްޓަރީ ކޮށްފި އެވެެ.

އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗް މަހު އެކުލަވައިލި އިމާރާތްކުރުމާ ގުޅޭ މީހުންގެ ފަންނީ ޖަމިއްޔާތަކުގެ ގަވައިދުގެ ދަށުންް އާކިޓެކްޓުންގެ ހޯމަ ދުވަހު އެވެ.

އާކިޓެކުޓުންގެ ޖަމިއްޔާގެ އެއް މުއައްސިސް މައުރޫފް ޖަމީލް މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ގާތްގަނޑަކަށް 161 އާކިޓެކްޓުންގެ ތެރެއިން 130 އާކިޓެކްޓުން މިހާރު އެ ޖަމިއްޔާގައި ބައިވެރިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓަރީ ވުމުން، އެ ޖަމިއްޔާ ރަސްމީކޮށް ފަންނީ ޖަމިއްޔާއަކަށް ވެފައިވާ ކަމަށާއި ރާއްޖޭގެ އިމާރާތް ކުރުމުގެ އިންޑަސްޓްރީއަށް ހިދުމަތް ކުރަން ކުރިއަށް ވުރެ ފަސޭހަވާނެ ކަމަށެވެ. އެއާ އެކު، އެ ޖަމިއްޔާގެ ޒިންމާ ވެސް ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިތުރަށް މަސަައްކަތް ކުރުމުގެ ފުރުސަތެއް މި ލިބުނީ މި ދާއިރާގެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކުރަން. އިމާރާތް ކުުރުމުގެ އިންޑަސްޓްރީ އަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އިންޑަސްޓްރީ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން އަދި ހުޅުމާލެ ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުރޫފް ވިދާޅުވި އެވެ.

އިމާރާތްކުރުމާ ގުޅޭ ފަންްނުވެރިންގެ ޖަމިއްޔާތަކާ ބެހެ ގަވައިދު ބުނާ ގޮތުން، ޕްލޭނިން މިނިސްޓްރީގައި އެ ފަދަ ޖަމިއްޔާއެއް ރަޖިސްޓަރީ ވުމަށް ފަހު، އެ ޖަމިއްޔާއަކަށް ދައުލަތުން މާލީ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި އެ ދާއިރާގެ މީހުން ހޭލުންތެރި ކުރުވުމުގެ މަަސައްކަތް އެ ޖަމިއްޔާއަކުން ކުރަން ވެސް ގަވައިދުގައި ވަނީ ލާޒިމްކޮށްފަ އެވެ.

މައުރޫފް ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ފެންވަރާއި މިންގަނޑުތައް މިހާރަށް ވުރެ ރަނގަޅުކުރުމަށާއި ބިލްޑިންކޯޑާ ގުޅިގެން އަންނަން ޖެހޭ އަދި މިހާރު ހުރި ގަވައިދުތަކާ ގުޅޭ ގޮތުން ފަންނީ ލަފާ ދިނުމަކީ ވެސް ޖަމިއްޔާއިން ކުރަން ގަސްދުކުރާ ކަމެއް ކަމަށެވެ.

"ބިލްޑިން ކޯޑާއި އެ ގާނޫނާ ގުޅިގެން ހަދާފައި ހުރި ގާނޫނުތައް އަދި އަލަށް ހަދާ ގަވައިދުތައް، އެކަތި އަނެކައްޗާ ލާމެހެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.