Roadha Mihaaru
މަޝްރޫއުތައް ދިވެހި ކުންފުނިތަކަށް ދޭން ރައީސް ތައްޔާރު

ސަރުކާރުގެ މަޝްރޫއުތައް ދިވެހި ކުންފުނިތަކަށް ލިބޭނެ ގޮތް ހަދައިދޭން ރައީސް ޑރ. މުއިއްޒު ތައްޔާރު

24 ޑިސެމްބަރ 2023

ރާއްޖެ ތަރައްގީ ކުރުމުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް މިހާރު ހިންގަނީ ބޭރުގެ ކުންފުނިތަކުން ކަމަށާއި އޭގެ ބަދަލުގައި ގިނަ ފުރުސަތުތައް ދިވެހި ކުންފުނިތަކަށް ލިބޭނެ ގޮތަކަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖެ ތަރައްގީ ކުރުމުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް މިހާރު ހިންގަނީ ބޭރުގެ ކުންފުނިތަކުން ކަމަށާއި އޭގެ ބަދަލުގައި ގިނަ ފުރުސަތުތައް ދިވެހި ކުންފުނިތަކަށް ލިބޭނެ ގޮތަކަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ، މަސީގެ ބިލްޑާޒް އެވޯޑު ދިނުމަށް މާގިރި ހޮޓަލުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބު ކުރުމުގައި ބޭރުގެ ކުންފުނިތަކުން އަތްގަދަ ކޮށްފައި އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"ގަވާއިދުތަކާއި ގާނޫނުތަކަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ވަންޏާ އެ ކަން ތިޔަ ބޭފުޅުންނާ މަޝްވަރާ ކޮށްގެން އަޅުގަނޑުމެން ގެންނާނަން. އެވޯޑު ކުރުމުގަ ޕޮއިންޓު ދިނުމުގައި ބަދަލެއް ގެންނަން ޖެހޭ ކަމަށް ވަންޏާ އެ ކަން ވެސް އަޅުގަނޑުމެން ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި ގައުމިޔައްތު ދިރުވައި ހިމާޔަތްކުރާ ވާހަކަ ސަރުކާރުން ދައްކަނީ ހުރިހާ މާނައެއްގައި އެ މިނިވަންކަން ދިވެހިންނަށް ހޯދައި ދިނުމަށެވެ.

މަސީގެ ބިލްޑާސް އެވޯޑު ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

މަސީގެ ބިލްޑާސް އެވޯޑު ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

އެހެންކަމުން، މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގައި ވެސް ދިވެހިންނަށާއި ދިވެހި ކުންފުނިތަކަށް އެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު މިރޭ ދެއްވި އެވެ.

އިމާރާތްކުރުމުގެ ދާއިރާ މިހާރަށް ވުރެ ބޮޑަށް "އިންކްލޫސިވް" ކުރަންޖެހޭ ކަން ފާހަގަކުރައްވައި، ރައީސް ވަނީ އަންހެނުންނަށާއި އެކިއެކި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެ ދާއިރާ އިން މިހާރަށް ވުރެ ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސީއާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރާއި އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާ ގުޅިގެން އެ ކަން ހާސިލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް ގިނަ ފުރުސަތުތަކެއް ހުންނާނެ އެވެ.

އޭގެ ތެރޭގައި ކ. ފުށިދިއްގަރުފަޅު ހިއްކައިގެން "ރަސްމާލެ" ގެ ނަމުގައި އާ ސިޓީއެއް ތަރައްގީ ކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއު ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ދިވެހިންގެ މުސްތަގުބަލާ ގުޅިފައިވާ އެ ތަން ހަގީގަތަކަށް ހެދުމުގައި ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީން މުހިންމު ދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.