24 އެޕްރީލް 2018
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.
އެކަން އިއުލާނު ކުރީ ރާއްޖެ ވަޑައިގެން އުޅުއްވާ އިފޮޕްކާގެ ރައީސް މެތިއު ޓީ ކައި ވޫން، އޭނާގެ ޝަރަފުގައި އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން އިންތިޒާމުކޮށްގެން ރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުގެ ވެރިން ބައިވެރިވި ރަސްމިއްޔާތުގައި މެތިއު ވިދާޅުވީ، ރާއްޖޭގައި ބާއްވާ ކޮންފަރެންސް ކާމިޔާބުވާނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ކޮންފަރެންސްގައި ބައިވެރިވުމަށް ގިނަ ބަޔަކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ފެށިގެން ކުރިއަށްދާ ތަން އަޅުގަނޑު މިއަދު ހުޅުމާލެ އަށް ދިއުމުން އެކަނި ވެސް ފެނިއްޖެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ދާއިރު ސްކިލްޑް މަސައްކަތްތެރިން ހޯދަން ވަރަށް އެބަ ދަތިވޭ. އަޅުގަނޑުމެންނަށް މެލޭޝިޔާގައި ވެސް އެކަން ދަތިވޭ. އިފޮޕްކާ އިން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިފަދަ ދަތިތަކަށް އެންމެން ގުޅިގެން ހައްލު ހޯދައިދޭން،" މެތިއު ވިދާޅުވި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އިފޮޕްކާގެ ކޮންފަރެންސް ރާއްޖޭގައި ބޭއްވުމަކީ، ދިވެހި ކުންފުނިތައް ކުރި އަރަން ލިބޭ ރަގަޅު ފުރުސަތަކަށް ވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާ އެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ކުރި އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުމަށް ވެސް ކޮންމެހެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެބަ ބޭނުންވޭ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިނާރާ ނަމަ ޓޫރިޒަމެއް ވެސް އަދި ސަރުކާރުގެ ޕްރޮޖެކްޓްތަކެއް ވެސް ކާމިޔާބެއް ނުވާނެ،" އަޒްލީން ވިދާޅުވި އެވެ.
އިފޮޕްކާގެ 44 ވަނަ އަހަރީ ޖަލްސާ މި އަހަރު ނޮވެމްބަރުގައި މެލޭޝިޔާގައި ބާއްވާއިރު، 45 ވަނަ ކޮންފަރެންސް ރާއްޖޭގައި ބާއްވާނީ ޖުލައި 2020 ވަނަ އަހަރު އެވެ.
އެ ޖަމިއްޔާގެ އަހަރީ ޖަލްސާތައް ބާއްވަނީ ކޮންމެ 20 މަހަކުން އެއްފަހަރު އެވެ. އަދި ކޮންމެ އަހަރީ ޖަލްސާއެއްގައި ވެސް ކުރިއަށް އޮންނަ 20 މަހަށް އެ ޖަމިއްޔާގެ އިސް މަގާމުތަކަށް ބޭފުޅުން ވެސް ކަނޑައަޅާނެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ޖަނާ (ވ) އިފޮޕްކާގެ ރައީސް އަށް ހަދާނީ ފިލައެއް ދެއްވަނީ.-- ފޮޓޯ: މިހާރު
އެގޮތުން މި އަހަރުގެ ޖަލްސާގައި އިފޮޕްކާގެ ރައީސް ކަމަށް، މަސީގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) އައްޔަން ކުރާނެ އެވެ. އަދި އިފޮޕްކާގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަދި މަސީގެ ރައީސް އަބްދުﷲ މުހައްމަދު އައްޔަން ކުރާނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޖަނާ ވިދާޅުވީ، އިފޮޕްކާގެ އަހަރީ ބަައްދަލުވުން ރާއްޖޭގައި ބާއްވާއިރު، އެ ޖަލްސާ އަށް 1،000 ވުރެ ގިނަ މަންދޫބުން ރާއްޖެ އަށް އަންނާނެ ކަމަށެވެ. އަދި އެ ކޮންފަރެންސް ވެގެންދާނީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކޮންފަރެންސް ބޭއްވުމަަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އެކަމަށް މަސީގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިފޮޕްކާގެ ރައީސްކަމުގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރަން ފަސޭހަ ކަމާ އެކު ފައިސާ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.
"ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ޖަމިއްޔާ ތަކަކީ މިހާރު ވެސް އިފޮޕްކާގެ ޕާޓްނަރުން. އެތަންތަނާ ގުޅިގެން ފައިނޭންސިން އަށް އިތުރު ލުއި ގޮތްތަކަކެއް ހޯދައިދިނުން ވާނީ އަޅުގަނޑުގެ މައިގަނޑު މަސައްކަތަކަށް،" ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެޗްއާރުސީގެ ޗެއާމަންކަން ވެސް ކުރައްވާ ޖަނާ ވިދާޅުވި އެވެ.
އިފޮޕްކާ އަކީ އޭޝިޔާ އަދި ވެސްޓާން ޕެސިފިކް ގައުމުތަކުގެ ކޮންސްޓްރަކްޝަން ޖަމިއްޔާތައް ބައިވެރިވާ، ނުފޫޒުގަދަ އެސޯސިއޭޝަަނެކެވެ.
މަސީގެ އެންމެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒަށް
އިމާރާތް ކުރުމުގެ މަސައްކަތް ފެށީ ބޮޑު ބަދަލަކާ އެކު
ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ދެނެގަތުމަށް ސާވޭއެއް
އަންނަ އަހަރުގެ ބަޖެޓުން އުންމީދު އާވެއްޖެ: ޖަނާ
މަސީގެ ތިން ވަނަ ކޮންސްޓްރަކްޝަން ކޮންފަރެންސް ފަށައިފި
ރާއްޖޭގެ ބޭންކިން ދާއިރާ ތަރައްގީ ކުރަންޖެހޭ: ޖަނާހް
އިމާރާތްކުރުމުގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަކުރަނީ
މަޝްރޫއުތައް ދިވެހި ކުންފުނިތަކަށް ދޭން ރައީސް ތައްޔާރު
އެޒްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓަކީ ސޯލާ ޕްރޮޖެކްޓެއް
ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ ގޮތް ހުސްވެފައި