30 އޮކްޓޯބަރ 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު ނުވަތަ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ގޮތެއް ނުނިމި އޮންނަތާ ހަފްތާއެއް ވީ އެވެ. އެކަމުގައި ގިނަ ބަޔަކު ކުރަމުން އަންނަ އެއް ސުވާލަކީ ގޮތެއް ނުނިންމާ ލަސްކުރަނީ ކީއްވެތޯ އެވެ؟
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު ނުވަތަ ފާތުމަތު ދިޔާނާ ސައީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގައި ގޮތެއް ނުނިމި އޮންނަތާ ހަފްތާއެއް ވީ އެވެ. އެކަމުގައި ގިނަ ބަޔަކު ކުރަމުން އަންނަ އެއް ސުވާލަކީ ގޮތެއް ނުނިންމާ ލަސްކުރަނީ ކީއްވެތޯ އެވެ؟
ސުޕްރީމް ކޯޓުގެ ބެންޗަށް ބަލާ އިރު، މިހާރު މަދު ވަނީ އެންމެ ބޭފުޅެކެވެ. ކޯޓުތަކާ ބެހޭ ގާނޫނަށް އެންމެ ފަހުން އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ވަނީ ބަދަލުކޮށްފަ އެވެ. މިއީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަށް ބަދަލު ގެނައި ހަތަރު ވަނަ ފަހަރެވެ. އެ ކޯޓުގައި މިހާރު ތިއްބެވީ ފިރިހެން ހަތަރު ފަނޑިޔާރުންނާއި ދާދި ފަހުން އެ ކޯޓަށް އައްޔަން ކުރި ދެ އަންހެން ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ބައެއް މައްސަލަތައް ޖޭއެސްސީން ބަލަމުން އަންނާތީ ބޮޑަށް ލަފާކުރެވެނީ އަދިވެސް ބެންޗަށް ބަދަލު އައުން ކައިރިކަމެވެ.
ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ވަދެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ނިންމުންތަކެއް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ބުނެ، ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގަން މަޖިލިިހުގެ ޖުޑިޝަރީން ކޮމިޓީން ރިޕޯޓެއް އެކުލަވާލައިފައިވެ އެވެ. އެ ރިޕޯޓު މިހާރު އޮތީ މަޖިލިހުގައި ވޯޓަކާ ހަމައިގަ އެވެ.
އެހެންވެ ސުޕްރީމް ކޯޓުގެ ބެންޗަށް އާ ފަނޑިޔާރުން އައްޔަން ކުރުމުގެ ފުރުސަތު ބޮޑެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް ނުވަތަ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ އައްޔަން ކުރަން ލަފާ ދެއްވުމާ ގުޅިގެން މަޖިލިހުގެ ރިޔާސަތުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު މައްސަލަ ފޮނުވީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. ކޮމިޓީން ހަމައެކަނި ބެލީ ޖޭއެސްސީ އިން ސުޕްރީމް ކޯޓަށް ބޭފުޅަކު އައްޔަން ކުރުމުގައި އަމަލުކޮށްފައި ހުރި އިޖުރާއަތު ފުރިހަމަތޯ އެވެ. ޖޭއެސްސީ އިން ވެސް ލަފާދިނީ މަހާޒު ނުވަތަ ދިޔާނާގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު މަޖިލިހުން ކަނޑައަޅައި ދިނުމަށެވެ.
ޖޭއެސްސީ އިން އަމަލުކޮށްފައި އޮތް "ޕްރޮސެސް" ރަނގަޅު ކަމަށް ނިންމައި، ކޮމިޓީން ހަމަ އެ ދުވަހު ރިޕޯޓު އެކުލަވައިލުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި އެވެ. އެކަމަކު ކޮމިޓީން އެ މައްސަލަ ވަކި ގޮތަކަށް ނުނިންމާ ކަމަށް ވިދާޅުވެ، ޖެހިގެން އައި ދުވަހު މައްސަލަ ކޮމިޓީ އަށް އަލުން ފޮނުވާލެއްވީ އެވެ. އެއާ އެކު، ދެން ފެނުނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުސެއް ކުރި ތަނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓަކީ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ މެދުގައި ޖޭއެސްސީން ހިންގި ޕްރޮސެސް ރަނގަޅުތޯ ބެލުން ކަމަށެވެ. އެ ބައި ފުރިހަމަކޮށް މަޖިލިހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ގޮތެއް ނިންމަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއާ އެކު، ނަޝީދުގެ ނިންމެވުން ބަދަލުކުރައްވައި މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ތިން ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު، އެޖެންޑާ ތަރުތީބުކޮށްފައި އޮތް ގޮތުން ޖަލްސާ ނިމުނު އިރު ވެސް އެ މައްސަލައާ ހަމައަކަށް ނުދެ އެވެ.
މިއަދުގެ ޖަލްސާ އަށް ވެސް އެކަން ވަނީ އެޖެންޑާކޮށްފަ އެވެ. ކޮމިޓީން ހުށަހަޅާ ކަންކަމުގެ އެންމެ ކުރީގައި މިފަހަރު އޮތީ ޖުޑިޝަރީ ކޮމިޓީގެ އެ ރިޕޯޓު ހުށަހެޅުމެވެ.
ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާ އެކު --- ފޮޓޯ: ރައީސް އޮފީސް
މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން، މާސްޓަ އޮފް ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ތައުލީމް ހާސިލްކުރައްވާފައިވާ މަހާޒް 35، ގދ. މަޑަވެލި، މޭނާ ސާނަވީ ތައުލީމް ހާސިލްކުރެއްވީ މައުހަދުންނެވެ. ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީ ނެންގެވީ، ގައުމީ ޔުނިވަސިޓީ ކޮލެޖެއްގެ ގޮތުގައި ހިންގި އިރު، މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަނުންނެވެ.
ދިވެހި ބަހުގެ އިތުރުން އިނގިރޭސި، އަރަބި ބަހަށް ފަރިތަ މަހާޒް ބަންޑާރަ ނައިބު އޮފީހުގެ އެސިސްޓަންޓް ސްޓޭޓް އެޓާނީ ކަމުގައި ހަތް މަހެއްހާ ދުވަހު ހުންނެވި އެވެ. އަދި ސެޕްޓެމްބަރު 7، 2008 އިން ފެށިގެން ފެބްރުއަރީ 25، 2012 އާ ހަމައަށް ހުންނެވީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރަކަށެވެ. އޭގެ ފަހުން ޑްރަގް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ.
މަހާޒްގެ ގާތް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މަހާޒަކީ ނަޒާހަތްތެރި، އިލްމީ، އަދި ފޮތް ކިޔުއްވާ ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދިި ކަންކަމުގެ ހައްލު ހޯއްދަވަން "ރަނގަޅު ސިކުނޑިއެއް" ހުންނެވި ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މުޅިން އަލަށް އުފެއްދި ޑްރަގް ކޯޓަށް ބޭނުންވާ ގަވައިދުތަކާއި އުސޫލުތަކާއި ކޯޓުގެ މަސައްކަތްތައް ފަށަން ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން އިސް ފަނޑިޔާރެއްގެ ހައިސިއްޔަތުން އެ ކޯޓުގައި މަސައްކަތް ކުރެއްވީ ވެސް މަހާޒެވެ. ޑްރަގް ކޯޓުގައި މިހާރު އަމަލުކުރާ އުސޫލުތަކާއި ގަވައިދުތަކަކީ އޭނާގެ ވަރަށް ބޮޑު މަސައްކަތެކެވެ.
"ޑްރަގް ކޯޓު އުފަން ކުރުމުގައި މަހާޒްގެ ދައުރު ވަރަށް ބޮޑު. ގާނޫނަކުން ކޯޓު އުފަން ވިޔަސް، އޭގައި ކުލަ ޖެއްސުމުގައި އުޅުއްވި ބޭފުޅަކަށް މަހާޒް ވާނެ،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް (ވ)، ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒްއާ ސަލާމް ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
ބަންޑާރަ ނައިބުގެ އޮފީހާ ފެބްރުއަރީ 17، 2008 ގައި ގުޅިވަޑައިގެން މައިގަނޑު ގޮތެއްގައި ކުރެއްވީ އެ އޮފީހަށް އަންނަ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރެވޭނެ ކަން ނުވަތަ ނޫން ކަން ކަނޑައެޅުމާއި ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވުމެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް ގާއިމްކުރުމާ ގުޅިގެން އެ އޮފީހުގައި ޖިނާއީ މައްސަލަތަކުގެ ހުރިހާ ކަމެއްގައި ވެސް މަހާޒް ބައިވެރިވެވަޑައިގެންނެވި އެވެ. ރާއްޖޭގެ ހުރިހާ މަރުހަލާތަކެއްގެ ކޯޓުތަކުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ވެސް މަހާޒެވެ. ޕީޖީ އޮފީހުގައި އެންމެ ފުރަތަމަ އެކުލަވާލި ޕްރޮސިކިއުޝަން ގައިޑްލައިން ޑްރާފްޓް ކުރެއްވުމާއި ޖިނާއީ މައްސަލަތަކާ ގުޅުން ހުރި ގާނޫނުތައް އެކުލަވާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އެވެ.
މަހާޒު ވަނީ ކީރިތި ގުރުއާން ހިތު ދަސްކުރުމާ ގުޅޭ ގޮތުންނާއި މަސްތުވާތަކެއްޗާއި ގާނޫނީ ދާއިރާ އިން ބައެއް ފޮތްތައް ވެސް ލިޔުއްވާފަ އެވެ. އަދި "ހެކިންގެ ހެކިބަސް - އުސޫލުތަކާއި ދިވެހިރާއްޖޭގެ ގަޒިއްޔާތައް" ގެ ނަމުގައި ވެސް ފޮތެއް ލިޔުއްވައި ޝާއިއުކޮށްފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު.
އިނގިރޭސި ވިލާތުގެ ލެސްޓަ ޔުނިވަސިޓީން މަތީ ތައުލީމް ހާސިލްކުރެއްވި އަދި ދިވެހި ބައެއް އަންހެނުން ނަމޫނާއެއްގެ ގޮތުގައި ބަލާ ދިޔާނާ 47، ވަނީ އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އިން މާސްޓަސް އޮފް ލޯ ނަންގަވައިފަ އެވެ. ސ. ހުޅުދު އަށް އުފަން ދިޔާނާގެ ތައުލީމީ ހަޔާތަށް ބަލާއިރު ޖަޕާންގެ އޮސަކާ ޔުނިވަސިޓީ އާއި އޮސްޓްރޭލިއާގެ ޓަސްމޭނިއާ ޔުނިވަސިޓީން ވެސް ކިޔަވާވިދާޅުވި އެވެ.
އާ ގާނޫނުއަސާސީ ހެދިއިރު ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުން ދިޔާނާގެ ބައިވެރިވުން އޭގައި އޮތެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމި، އެމްޑީޕީގެ ކޯލިޝަނުން އެކުލަވާލި ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގެ ޖެންޑަ މިނިސްޓަރު ކަން ކުރެއްވި އެވެ. އަންހެނުންގެ ހައްގުތަކުގައި އޭނާގެ އަޑު ގަދަ އެވެ.
ސިޔާސީ މަސައްކަތްތަކުގައި އުޅުއްވަނިކޮށް، ބައެއް ފަހަރު ދިޔާނާ ހައްޔަރު ވެސް ކުރި އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ މިހާތަނަށް އުފުއްލެވި ދިވެހި ހަމައެކަނި އަންހެން ބޭފުޅަކީ ދިޔާނާ އެވެ.
ގާނޫނީ މަސައްކަތަށް ބަލާއިރު އޮގަސްޓް 2004 އިން މެއި 2007 އަށް ދިޔާނާ ހުންނެވީ ބަންޑާރަ ނައިބު އޮފީހުގެ އެގްޒެކްޓިވް ޑިރެކްޓަރަކަށެވެ. އޭގެ ކުރިން 2001 އިން 2004 އާ ހަމައަށް އެ އޮފީހުގެ ސްޓޭޓް އެޓާނީ ކަން ކުރެއްވި އެވެ.
ދިވެހި ބަހުގެ އިތުރުން އިނގިރޭސި އާއި ޖަޕާން ބަސް ދެނެވަޑައިގަންނަވާ ދިޔާނާ ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ އިތުރުން މަޖިލިހަށް ހުށަހެޅި ބައެއް ބިލްތައް ޑްރާފްޓް ކުރެއްވި އެވެ. މައުމޫން ސަރުކާރުން އިއުލާންކުރި އިސްލާހީ އެޖެންޑާގެ ބައެއް ސިޔާސަތުތައް ކަނޑައެޅުމުގައި ދިޔާނާގެ ބައިވެރިވުން ވެސް އޮތެވެ.
ދިޔާނާގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ސިފަކުރެއްވި ގޮތުގައި ދިޔާނާއަކީ "ތައުލީމީ ގޮތުން ވަރަށް މޮޅު، ތަޖުރިބާ ހުރި ބޭފުޅެކެ"ވެ. އަދި އަންހެނުންގެ ތެރެއިން ސުޕްރީމް ކޯޓު ކަހަލަ ކޯޓެއްގެ ބެންޗަށް ނެގޭނެ އެންމެ ރަނގަޅު ބޭފުޅަކީ ވެސް ދިޔާނާ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން ގަބޫލުކުރޭ ދިޔާނާއަކީ ގާބިލް ބޭފުޅެއް ކަމަށް،" ޖާބިރު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި އަންހެންނަށް ވެސް މަތީ މަގާމުތަކުން ޖާގަ ލިބެން ޖެހެ އެވެ.
ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު.
މަޖިލިހުގެ މެޖޯރިޓީ ލީޑަރު އާޒިމް ވިދާޅުވީ ދިޔާނާ އާއި މަހާޒްގެ މައްސަލާގައި މަޖިލިހުގެ ތެރެއިން ލަސްކަމެއް އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެމްޑީޕީން ބޭނުންވަނީ އެ މަގާމަށް އެންމެ އެކަށީގެންވާ އަދި ގާބިލް ބޭފުޅަކު އައްޔަން ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޖެންޑާ 19 ވަރަށް ތަފާތު ވާނެ. އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ނަތީޖާ ކުރިން އޮތީ ފެނިފައި. އެހެންވީމަ އެމްޑީޕީން ކަމެއް ނިންމާނީ ވަރަށް ވިސްނާފައި،" އާޒިމް ވިދާޅުވި އެވެ.
މަޖިލިހުގެ ސުޕަ މެޖޯރިޓީ ބިނާވެފައި އޮތް އެމްޑީޕީގެ 65 މެމްބަރުން ވޯޓުން ދޭނެ ގޮތެއް އަދި ނުނިންމަ އެވެ. އެކަމާ ބެހޭ ގޮތން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ވެސް ބާއްވާފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި، އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރޭނީ އެންމެ ފަހު ވަގުތު އެވެ.
މަހާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި
މަހާޒަށް ވޯޓަށް އެހިއިރު ޖާބިރު ޖަލްސާ ބޮއިކޮޓްކޮށްފި
ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ރުހުން ދީފި
ނަޝީދުގެ ނިންމެވުން ބަދަލުކޮށް ރިޕޯޓު އެޖެންޑާއަށް
މަހާޒާއި ދިޔާނާގެ ނަން ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
މުއުތަސިމާއި ސުއޫދު އައްޔަންކުރުން ކޮމިޓީ އަށް
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
އުއްތަމަފަނޑިޔާރާއި އާދަމް ވަކި ކުރުން ހޯމަ ދުވަހު