Roadha Mihaaru
މަހާޒާއި ދިޔާނާގެ ނަން ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް

މަހާޒާއި ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީ އަށް

21 އޮކްޓޯބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދު އައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދު އައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅުގައި ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް މަހާޒް ނުވަތަ ދިޔާނާ އައްޔަން ކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ. އަބްދުﷲ ދީދީއާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ މަގާމުން ވަކި ކުރަން އެ ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ. އަދި މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެކަމަކު، ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން ލަފާ ދީފައި ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް މަހާޒު ނުވަތަ ދިޔާނާ އައްޔަން ކުރުމަށެވެ.

ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ވެސް ވަނީ ލަފާ އަރުވައިފަ އެވެ. އެކަމަކު، ރައީސް މަޖިލިހަށް ފޮނުއްވީ މަހާޒާއި ދިޔާނާގެ ނަން އެކަންޏެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.