28 އޮކްޓޯބަރ 2019
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުގައި ފޯރިގަދަ މެޗަކަށް ފަހު ދެ ސެޓު އެއް ސެޓުން ޒަޔާން ޒަކީ ބަލިކުރުމަށް ފަހު މުބާރާތުގެ ތަށި އަށް ފަހަރު އުފުލާލާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އަޖުފާން އަނެއްކާ ވެސް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ސެމީ ފައިނަލުގައި ފޯރިގަދަ މެޗަކަށް ފަހު ދެ ސެޓު އެއް ސެޓުން ޒަޔާން ޒަކީ ބަލިކުރުމަށް ފަހު މުބާރާތުގެ ތަށި އަށް ފަހަރު އުފުލާލާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އަޖުފާން އަނެއްކާ ވެސް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންކަން އަޖުފާން ހޯދީ ވެސް ސެމީގައި ޒަަޔާން ކަޓުވާލުމަށް ފަހު އެވެ. މިދިޔަ އަހަރުގެ ސެމީގައި ސީދާ ދެ ސެޓުން އަޖުފާން މޮޅުވި ނަމަވެސް މި ފަހަރު މޮޅުވީ އެ އަށް ވުރެން އުނދަގޫ މެޗަކަށް ފަހު އެވެ. މިއަދުގެ މެޗުގެ ސެޓުތައް ދިޔައީ 21-17، 08-21 އަދި 21-16 އިންނެވެ.
ކުޅިވަރު އެކުވެނީ އިންޑޯ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފެށިގެން އަޖުފާން ލީޑުގައި އޮތެވެ. ދެ ފަހަރެއްގެ މަތިން ސްކޯ އެއްވަރުވި ނަމަވެސް މި ސެޓުގައި އެއްކޮށް ލީޑުކުރީ އަޖުފާން އެވެ. ޒަޔާނަށް ހެދޭ ގޯސްތަކުގެ ފައިދާ ނަގައި އަޖުފާން ވަނީ މޮޅު ކުޅުމަކާ އެކު 21-17 އިން ސެޓު ގެންގޮސްފަ އެވެ.
ފުރަތަމަ ސެޓު ގެއްލުމުން 2017 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ޒަޔާން ނުކުތީ ދެ ވަނަ ސެޓު ގެންގޮސް އަލުން މެޗުގެ ތެރެއަށް އައުމަށެވެ. އެ ގޮތުން މި ސެޓު ފެށިގެން ޒަޔާން ލީޑުކުރަމުން ގޮސް ވަކި ހިސާބަކުން އަޖުފާންގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވުމުން އޭނާގެ ކުޅުމަށް އަސަރުކުރި އެވެ. ޒަޔާން ބޮޑު ލީޑެއްގައި އޮވެ ހަމަޖެހިލައިގެން ކުޅެމުންދިޔައިރު، އޭނާ މި ސެޓު ގެންދިޔައީ 08-21 އިންނެވެ.
ދެ ވަނަ ސެޓަށް ފަހު އަޖުފާން ލައިގެން ހުރި ޖޯޒީ ބަދަލުކުރަން ގިނަ ވަގުތުތަކެއް ނެގުމާ އެކު އަމްޕަޔަރު ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައި ޒަޔާނަށް ޕޮއިންޓެއް ދީފަ އެވެ. ޒަޔާން ކުރީގައި އޮވެގެން ސެޓު ފެށި ނަމަވެސް 7-7 އިން ސްކޯ އެއްވަރުވި ފަހުން އަޖުފާން މެޗުގެ ކޮންޓްރޯލް ނެގި އެވެ. އަދި ފުރަތަމަ ސެޓުގައި ދެއްކި ކުޅުން ތަކުރާރު ކުރުމުގެ ނަތީޖާ އަކަށްވީ 21-16 އިން ސެޓު ގެންގޮސް ފައިނަލުގެ ފުރުސަތު އަނެއްކާ ވެސް ހޯދުމެވެ.
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އަޖުފާން ފައިނަލުން ފުރުސަތު ހޯދާފައިވާއިރު، ފައިނަލުގައި މި ފަހަރު ވެސް އޭނާއާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ޒުވާން ތަރި ނިބާލް އަހުމަދު އެވެ. މިދިޔަ އަހަރުގެ ފައިނަލުން އަޖުފާން އަތުން ސީދާ ދެ ސެޓުން ބަލިވި ނިބާލް މި ފަހަރުގެ ފައިނަލުން ފުރުސަތު ހޯދީ މިއަދު ކުޅުނު އަނެއް ސެމީ ފައިނަލް މެޗުން ހަސަން އަފްޝީންގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.
ސެމީ ފައިނަލް މެޗުގެ ތެރެއިން ޒުވާން ކުޅުންތެރިޔާ ނިބާލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ ފުރަތަމަ ފަައިނަލަށް މިދިޔަ އަހަރު ނިބާލް ދަތުރުކުރީ ސެމީގައި ރިޝްވާން ޝިޔާމް ބަލިކުރުމަށް ފަހު އެވެ. އެ ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ނިބާލް ސެމީން މޮޅުވީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު ފަށައިގެން ވާދަވެރިކޮށް ދިޔަ ނަމަވެސް ވަކި ހިސާބަކުން ނިބާލް ވަނީ މެޗުގެ ކޮންޓްރޯލް ނަގައި 21-18 އިން ސެޓު ގެންގޮސްފަ އެވެ. ދެ ވަނަ ސެޓުގައި ވެސް އެ ފޯމުގައި ކުޅެ ނިބާލް ވަނީ ދެ ވަނަ ސެޓު 21-12 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.
ބެޑްމިންޓަނުގައި މި ވަގުތު އެންމެ އުއްމީދީ ތަރި ނިބާލްގެ ފަހަރަކަށް ވުރެ ފަހަރެއް ކުޅުން ރަނގަޅުކުރަމުން އަންނައިރު މި ފަހަރު އޭނާގެ އަޒުމަކީ ކުރިއަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
މުބާރާތުގެ އަންހެން ސިންގަލްސް އަދި އެހެން ކެޓަގަރީތަކުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ އެވެ. އަދި ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ. އަންހެން ސިންގަލްސް ފުރަތަމަ ސެމީ ފައިނަލުގައި އައިމިނަތު ނަބީހާ ބައްދަލުކުރާނީ މައިސާ ފަތުހުﷲއާ އެވެ. އަދި އަނެއް ސެމީގައި ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފާތިމަތު ނަބާހާއާ އެވެ.
އަޖުފާނަށް ނުވަ ވަނަ ފަަހަރަށް ގައުމީ ޗެމްޕިއަންކަން
ކާމިޔާބީ އެެހެން ލެވެލަކަށް ގެންދަން ބޭނުން: އަޖުފާން
އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ކަންބޮޑުވުންތަކާ އެކު ނީލާ ގައުމީ މުބާރާތާ ދުރަށް
ނިބާލް އަތުގައި ނަސީބު ހިފައި ގައުމީ ޗެމްޕިއަނަކަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ބައްޕަ ދިން ސަޕޯޓް، ތޯއިފްގެ އެންމެބޮޑު ހިތްވަރު
ބެޑްމިންޓަން: މިފަހަރު ވެސް ދެބެންގެ ފައިނަލެއް
ޒަޔާން ބަލިކުރީ ތޯއިފް، ނިބާލް ތިންވަނަ ފައިނަލަށް