Roadha Mihaaru
ކާމިޔާބީ އެެހެން ލެވެލަކަށް ގެންދަން ބޭނުން: އަޖުފާން

މި ކާމިޔާބީ އެެހެން ލެވެލަކަށް ގެންދަން ބޭނުން: އަޖުފާން

17 އޮކްޓޯބަރ 2018

ގައުމީ ބެޑްމިންޓަން ފިރިހެން ޗެމްޕިއަންކަން މި ފަހަރު ލިބުނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށާއި އުއްމީދަކީ މި ކާމިޔާބީ އެހެން ހަރުފަތަކަށް ގެންގޮސް ބައިނަލްއަގްވާމީ ކާމިޔާބެއް ހޯދުމަށް ކަމަށް ބެޑްމިންޓަން ކުޅުންތެރިއާ މުހައްމަދު އަޖުފާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ބެޑްމިންޓަން ފިރިހެން ޗެމްޕިއަންކަން މި ފަހަރު ލިބުނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށާއި އުއްމީދަކީ މި ކާމިޔާބީ އެހެން ހަރުފަތަކަށް ގެންގޮސް ބައިނަލްއަގްވާމީ ކާމިޔާބެއް ހޯދުމަށް ކަމަށް ބެޑްމިންޓަން ކުޅުންތެރިއާ މުހައްމަދު އަޖުފާން ބުނެފި އެވެ.

މިދިޔަ އަހަރުގެ ފައިނަލުން އަޖުފާން ވަނީ ޒަޔާން ޒަކީ އަތުން ބަލިވެފަ އެވެ. އަޖުފާން މި ފަހަރުގެ ސެމީ ފައިނަލުގައި ޒަޔާން އަތުން މޮޅުވިއިރު، ފައިނަލުގައި ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު އަތުން ވަނީ ފަސޭހައިން މޮޅުވެފަ އެވެ.

މިއީ އަޖުފާން ގައުމީ ތަށި އުފުލާލި އަށް ވަނަ ފަހަރެވެ. މި ޝަރަފްވެރި ކާމިޔާބީ ހޯދުމުގެ ފަހަތުގައި އަބަދުވެސް އޮންނަ ސިއްރަކީ ބުރަ މަސައްކަތާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކަމަށް އަޖުފާން ވަނީ ބުންޏެވެ.

"ހަމަ އަލަށް ލިބުނު ފަހަރެކޭ މި ފަހަރެކޭ ނެތް ތަފާތެއް. އޭރު ވެސް އެހާ މަސައްކަތްކުރިން. މިދިޔަ އަހަރު ބްރޭކެއްގައި ހުރެފައި އައިސް ކުޅުނީ. މި އަހަރުގެ މާޗް އިން ފެށިގެން މި އަންނަނީ ހުއްޓުމެއް ނެތި މުބާރާތް ކުޅެމުން. ޓްރެއިނިން ހަދަމުން. މި މުބާރާތަށް އައިއިރު ވަރަށް އިތުބާރާ އެކު ހުރީ. މި ފަހަރު ކުޅުމުން މި އޮތީ އެކަން ސާބިތުވެފައި ތަށި ވެސް ލިބިފައި،" ގައުމީ ޓީމުގައި ވެސް މި އަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަޖުފާން ބުންޏެވެ.

މި އަހަރު ޖޫން މަހުގައި އޮތް މޮރިޝަސް ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީސްގައި ފިރިހެން ޑަބަލްސް ބައިން އަޖުފާން ވަނީ އަހުމަދު ތޯއިފްއާ އެއް ޕެއާއެއްގައި ކުޅެ ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އެ މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ޖޫލިއަން ޕައުލާ ދެކޮޅަށް ކުޅުނު މެޗުން އަޖުފާން ބަލިވީ 21-17، 21-18 އިންނެވެ. މި މެޗުގައި އަޖުފާން ދެއްކި ކުޅުމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވަނީ ތައުރީފްކޮށްފަ އެވެ. އަދި ބައިނަލްއަގްވާމީ ލެވެލްގައި އަޖުފާނަށް ގިނަ ކަންތައްތަކެއް ދަސްވެ، ކާމިޔާބީ އަށް ދާން ފިލާވަޅުތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ގައުމީ ޓީމުގައި މި ފަހަރު މި ލިބުނު ކާމިޔާބީއާ އެކު އަޖުފާން އަމާޒު ހިފާފައިވަނީ ބައިނަލްއަގްވާމީ ކާމިޔާބީ އަކަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވެސް ވަނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑެއްޔެއް ހާސިލްކުރުމަށް ޓާގެޓްކޮށްފަ އެވެ.

ރޭގެ ފައިނަލް މެޗުގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭގެ ފައިނަލް މެޗުގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އިރާދަކުރެއްވިއްޔާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެއީ ބޮޑު ޓާގެޓް ކަމަށް ބަލައިގެން ރާއްޖޭގެ ބެޑްމިންޓަނުން މި އަންނަ އަހަރު ބޭނުންވަނީ ގޯލްޑް މެޑަލެއް. ޓީމް އިވެންޓުން ވިޔަސް އަދި އިންޑިވިޖުއަލް އިން ވިޔަސް. އަޅުގަނޑުމެން ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް އެބަކުރޭ އެ ހިސާބަށް ދާން. އަޅުގަނޑުގެ މި މޮޅަކީ މުޅި ޓީމަށް ވެސް ހިތްވަރެއް ގޮތުގައި ދެކެނީ،" އަޖުފާން ބުންޏެވެ.

ރޭގެ ފައިނަލުގައި އަޖުފާނާ ދެކޮޅަށް ކުޅުނު އުމުރުން 16 އަހަރުގެ ނިބާލަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ ކުޅުންތެރިއާ ކަމަށް އަޖުފާން ވަނީ ބުނެފަ އެވެ.

"ނިބާލް އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ ކުޅުންތެރިޔާ. ހަނދާންވޭ އެންމެ ފުރަތަމަ ފައިނަލްގައި އަޅުގަނޑު ކުޅުނީ ވެސް 15 އަހަރުގައި. އޭރު ވެސް ހަމަ އެހެން އަޅުގަނޑު ވެސް ހުރީ ފިނިވެފައި. އެ ނާވަސްކަން މަތީގައި އޭނަ ކުޅުނީ ވެސް. އެކަމަކު އޭނަގެ މުސްތަގުބަލު ވަރަށް އުޖާލާކޮށް ފެންނަނީ. ކުޅުން ވެސް ވަރަށް ރަނގަޅު. އޭނާ މޮޅުވާ މަންޒަރު ދެކެން އަޅުގަނޑު ވެސް ބޭނުން،" އޭނާ ބުންޏެވެ.

އަޖުފާން ދެކޭގޮތުގައި ރާއްޖޭ ބެޑްމިންޓަންގެ މުސްތަގުބަލު ވަރަށް ރަނގަޅެވެ. އެއީ ނިބާލް ކަހަލަ މަސައްކަތް ކުރާ ގިނަ ޒުވާން ކުޅުންތެރިން ތިބުމުންނާއި އެ ކުޅުންތެރިންނަށް ބޭނުންވާ މެޗު ތަޖުރިބާ ހޯދުމަށް އެސޯސިއޭޝަނުން ވެސް މަސައްކަތްތަކެއް ކުރަމުންދާތީ އެވެ.