Roadha Mihaaru
ގައުމީ ޓީމު މައްސަލައިގައި ރިޒޭ މައާފަށް އެދިއްޖެ

ގައުމީ ޓީމު މައްސަލައިގައި ރިޒޭ މައާފަށް އެދިއްޖެ

22 އޮކްޓޯބަރ 2019

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެކަމަށް މައާފަށް އެދިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެކަމަށް މައާފަށް އެދިއްޖެ އެވެ.

ރިޒޭގެ އިތުރުން ގުއާމް މެޗަށް އަމިއްލަ ސަބަބަކާ ހުރެ އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) ވެސް ނުދެ އެވެ. ރިޒޭ އާއި ސެންޓޭ ގުއާމް މެޗަށް ނުދިއުމުން އެފްއޭއެމް އިން އެ މައްސަލަ ބެލުމަށް ފަހު ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދެއްކީ ކްލަބް އީގަލްސް އިންނެވެ.

ގުއާމަށް ދިއުމަށް އެމެރިކާ ވިސާ ނަގަން ސްރީ ލަންކާގައި ދިގު މުއްދަތަކަށް ތިބެން ޖެހޭތީ ގައުމީ ޓީމު އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޮތީ އެ ގައުމުގައި ކޭމްޕްކޮށްފަ އެވެ. އެ ގައުމުގައި ކޭމްޕް ކުރުމަށް އޮގަސްޓް 13 ވަނަ ދުވަހު ގައުމީ ޓީމު ފުރިއިރު، އެ ދުވަހު ސެންޓޭ އާއި ރިޒޭ ޓީމާ އެކު ދާން އޮތް ނަމަވެސް އެ ދެ ކުޅުންތެރިން ނުދެ އެވެ. އެފްއޭއެމުން އެ ދުވަހު ބުނީ އެ ދެ ކުޅުންތެރިން އަމިއްލަ ސަބަބަކާ ހުރެ ޓީމާ އެކު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެ ދުވަހު ގައުމީ ކޯޗު ޕީޓަ ސެގާޓް ވެސް މާ ބޮޑަށް ވާހަކައެއް ނުދައްކަ އެވެ.

ރިޒޭ ރޭ ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ނުދާން ނިންމި ނިންމުމާ މެދު މާޔޫސްވާ ކަމަށެވެ.

"ކުރެވުނު ކަންތަކާ މެދު ހިތާމަކުރަން. ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން. ކުރިއަށް އޮތްތަނުގައި މި ފަދަ އިތުބާރު ގެއްލޭކަމެއް ތަކުރާރުނުކުރާނަން. މި ކަމަށްޓަކައި ޓީމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން،" ކ. ދިއްފުށްޓަށް އުފަން ރިޒޭ ލިޔެފައިވެ އެވެ.

"އުއްމީދުކުރަނީ އަހަންނަށް މާފު ދިނުމަށް ފަހު އަލުން ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް."

އުމުރުން 23 އަހަރުގެ ރިޒޭ އަށް މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ދިނީ ނޮވެމްބަރު މަހު މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށެވެ. މިދިޔަ ސީޒަނުގައި ރާއްޖޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރިޒޭ ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ. މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ޓީމުގައި ހިމެނުނު ރިޒޭ ވަނީ މި ސީޒަނުގައި މިހާތަނަށް 14 ގޯލު ޖަހައިފަ އެވެ. ލީގުގައި އެންމެ ފަހުން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ރިޒޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެެ.

ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުންވާކަން ރިޒޭ އިއުލާނުކޮށްފައިވާއިރު، ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު މާލޭގައި މުހިއްމު ދެ މެޗެއް ރާއްޖޭން ކުޅޭނެ އެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ކުރިއަށްދާއިރު އެންމެ މުހިއްމު ދެ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާއިރު 19 ވަނަ ދުވަހު ކުޅޭނީ ގުއާމްއާ އެވެ. ރާއްޖޭން ވަނީ ގުއާމް އަތުން އެ ގައުމުގައި 1-0 އިން މޮޅުވެފަ އެވެ.