Roadha Mihaaru
އައްޑޫގައި ޓީއެމްއޭގެ އޮޕަރޭޝަން ނޮވެމްބަރުގައި

އައްޑޫގައި ޓީއެމްއޭގެ އޮޕަރޭޝަން ނޮވެމްބަރު މަހު ފަށަނީ

23 ސެޕްޓެމްބަރ 2016

ކަނޑަށް ޖައްސާ އެއް މަތިންދާބޯޓާ އެކު ސ. ގަމުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން އޮޕަރޭޝަން އަންނަ ނޮވެމްބަރު މަހު ފަށަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކަނޑަށް ޖައްސާ އެއް މަތިންދާބޯޓާ އެކު ސ. ގަމުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭން އޮޕަރޭޝަން އަންނަ ނޮވެމްބަރު މަހު ފަށަން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ހިދުމަތްދޭ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު އެ އޮޕަރޭޝަން ފެށުމަށް ގަމުގައި ބޭސްއެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެތަނުގައި ފުރަތަމަ އޮޕަރޭޝަން ފަށާނީ 15 މީހުންގެ ޖާގައިގެ އެއް ބޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީމެއް އެތަނަށް ގޮސް ޕްލެޓްފޯމް ހެދުމާއި ޗެކިން ކައުންޓަރުތައް ހަދައި ސެޓަޕް ގާއިމުކުރުމުގެ މަސައްކަތްކުރަމުން ދަނީ. އަޅުގަނޑުމެން ނިންމާފައި ވަނީ ޑިމާންޑް އިތުރުވާ ވަރަކަށް ބޯޓުތައް އައްޑު އަށް ގެންދާ ގޮތަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޓީއެމްއޭ އިން ނިންމާފައި ވަނީ ޔޫރަޕުން ގަމަށް އަންނަ ޓޫރިސްޓުން ގއ. އަދި ގދ. އަތޮޅުގެ ރިސޯޓްތަކަށް އުފުލައިދިނުމަށެވެ.

"ޓޫރިސްޓުން ރިސޯޓްތަކަށް އުފުލުމުގެ އިތުރުން ފޮޓޯ ފްލައިޓްތައް ވެސް ކުރިޔަށް ގެންދާނަން. އަޅުގަނޑުމެން ދަނީ އެ ސަރަހައްދުގެ ރިސޯޓްތަކާ ވާހަކަދައްކަމުން ޓޫރިސްޓުން އުފުލައިދިނުމާ ބެހޭ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮޕަރޭޝަން ކުރިޔަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަގެންދާ ކަމަށެވެ. އެގޮތުން ޕައިލެޓުންނާއި ކްރޫންނާއި އިންޖިނިއަރުންނާއި ޓެކްނިކަލް މުވައްޒަފުން ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.