Roadha Mihaaru
އާންމު ހުރިހާ ބޭންކަކުން ކްރެޑިޓް ގެރެންޓީގެ ލޯނު ދެނީ

އާންމުކޮށް ހިދުމަތް ދޭ ހުރިހާ ބޭންކަކުން ކްރެޓިޑް ގެރެންޓީ ސްކީމްގައި ބައިވެރިވެއްޖެ

23 ސެޕްޓެމްބަރ 2016

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯންތަކަށް ގެރެންޓީ ދޭ ސްކީމްގައި ރާއްޖޭގައި ހިދުމަތް ދޭ އެއް ބޭންކް ފިޔަވައި އެހެން ހުރިހާ ބޭންކަކުން ބައިވެރިވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯންތަކަށް ގެރެންޓީ ދޭ ސްކީމްގައި ރާއްޖޭގައި ހިދުމަތް ދޭ އެއް ބޭންކް ފިޔަވައި އެހެން ހުރިހާ ބޭންކަކުން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު ތައާރަފްކުރި އެސްއެމްއީ ކްރެޑިޓް ގެރެންޓީ ސްކީމްގައި ބައިވެރިވެފައިވާ ބޭންކްތަކުން 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. ގެރެންޓީ ދެނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯންތަކުގެ ތެރެއިން، މި ސްކީމްގެ ދަށުން ގެރެންޓީ އަށް އެދި ހުށަހަޅާ ލޯނުތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ލޯނުތަކަށެވެ.

ފަންސާސް މިލިއަން ރުފިޔާގެ މި ސްކީމް ފެށި އިރު ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި 90 ޕަސެންޓްގެ ގެރެންޓީއެއް ދޭ އެސްއެމްއީ ކްރެޑިޓް ގެރެންޓީ ސްކީމްގައި ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް) އަދި މޮރިޝަޝް ކޮމާޝަލް ބޭންކް (އެމްސީބީ)އާ އެކު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއިގެ ކުރިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވަނީ އެ ސްކީމްގައި ބައިވެރިވެފަ އެވެ. އެއީ ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކްތަކުގެ ތެރެއިން އެ ސްކީމްގައި ބައިވެރިވި ފުރަތަމަ ބޭންކެވެ.

އެހެންކަމުން ރާއްޖޭގައި ހިދުމަތް ދޭ އެއް ބޭންކް ފިޔަވައި އެހެން ހުރިހާ ބޭންކަކުން އެސްއެމްއީ ކްރެޑިޓް ގެރެންޓީ ސްކީމްގައި ބައިވެރިވެފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މި ސްކީމްގައި ބައިވެރި ނުވަނީ އެޗްއެސްބީ އެވެ. އެޗްއެސްބީއަކީ އާންމުންނަށް ވުރެ ބޮޑަށް، ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތަކަށް ހިދުމަތް ދޭ ބޭންކެކެވެ.

ވިޔަފާރި ފުޅާކުރުމަށާއި އެސެޓް އިތުރުކުރުމަށާއި ވިޔަފާރި ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯން ސްކީމަށް ހުށަހެޅޭނެ އެވެ. ބައެއް ބޭންކްތަކުން ސީދާ ފައިސާ ދޭ އިރު، ހަަމައެކަނި އެސެޓް ވެސް ބައެއް ބޭންކްތަކުން ގަނެދެ އެވެ.