Roadha Mihaaru
ބީއެމްއެލް ސްޓިމިޔުލަސް ލޯން: ސުންގަޑިއަކީ ހޮނިހިރު

ބީއެމްއެލް މެދުވެރިކޮށް ސްޓިމިޔުލަސް ލޯނަށް އެދި ހުށަހެޅޭނީ އަންނަ ހޮނިހިރުގެ ނިޔަލަށް

11 ޖުލައި 2021

ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޭ ސްޓިމިޔުލަސް ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޭ ސްޓިމިޔުލަސް ލޯނަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްޓިމިޔުލަސް ލޯން ސްކީމަކީ ވަކި އަދަދެއް ކަނޑައެޅިފައިވާ ލޯން ސްކީމެއް ކަމަށެވެ. އަދި މިހާތަނަށް އެ ބޭންކަށް ލިބިފައިވާ އެޕްލިކޭޝަންތަކުގެ އަދަދު ސްކީމުގެ ލިމިޓަށްވުރެ އިތުރު ކަމަށް ވެސް ބީއެމްލް އިން ބުންޏެވެ.

ބީއެމްއެލް އިން ލޯނު ދޫކުރާނީ ފޯމު ހުށަހަޅާ ތަރުތީބަށް ބަލައި ޝަރުތު ހަމަވާ ވިޔަފާރިތަކަށް އިސްކަން ދީގެންނެވެ.

އެ ބޭންކުން ބުނިގޮތުގައި ސުންގަޑި ހަމަވާއިރު ލިބޭ އެޕްލިކޭޝަންތައް އިވެލުއޭޓުކޮށް، ޝަރުތު ހަމަވާ ވިޔަފާރިތަކަށް ލޯނު ދިނުމަށްފަހު ބާކީ ފަންޑު ހުރި ނަމަ އަލުން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނެ އެވެ.

ސްޓިމިއުލަސް ލޯން ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން ދޭ ލޯނެކެވެ. މި ލޯނު ސްކީމުގެ ދަށުން ވިޔަފާރިތަކަށް 10 މިލިއަން ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެ އެވެ.

މިއީ ރަހުނަކާނުލައި ހަ ޕަސެންޓުގެ ކުޑަ އިންޓްރެސްޓު ރޭޓާއެކު ދޫކުރާ ލޯނެކެވެ. މި ލޯނު ދައްކަން ވިޔަފާރިތަކަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ސްޓިމިއުލަސް އިކޮނޮމިކް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ދޭ 20 މިލިއަން ޔޫރޯ (375 މިލިއަން ރުފިޔާ)ގެ ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުތަކެވެ. މި ސްކީމުގެ ދަށުން ބީއެމްއެލްގެ އިތުރުން އެސްޑީއެފްސީ ބޭންކް ބެދުވެރިކޮށް ވެސް ލޯނު ދޫކުރަން ވަނީ ފަށައިފަ އެވެ.