Roadha Mihaaru
ބީއެމްއެލްގެ ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ

ބީއެމްއެލް ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ

14 ފެބުރުއަރީ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ފޯމުތައް ވަގުތުން ޕްރޮސެސް ކުރަން އެ ބޭންކުން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ފޯމުތައް ވަގުތުން ޕްރޮސެސް ކުރަން އެ ބޭންކުން ނިންމައިފި އެވެ.

އެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު ބީއެމްއެލް އިން ބޭއްވި ބައްދަލުވުމެއްގައި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ޒަމާނާ އެއްގޮތަށް ހިދުމަތްތައް ބަދަލުކޮށް އަދި ފުޅާކޮށް، ކަސްޓަމަރުންގެ ޑިމާންޑުތަކާ އެއްގޮތަށް ބައްޓަންކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ލުއި ލޯނަކީ އެ ކުންފުނީގެ އެންމެ ޑިމާންޑު ބޮޑު، މަގުބޫލު ލޯނަށް ވާއިރު، އަލަށް ތައާރަފުކުރި ފީޗާއާ އެކު ހިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ލުއި ލޯނަށް އިތުރު ކުރި "އިންސްޓަންޓް އެޕްރޫވަލް" ފީޗާއާ އެކު ލޯނު އެޕްރޫވްކުރާތާ ހަތަރު ގަޑިއިރު ތެރޭގައި އެކައުންޓަށް ފައިސާ ޖަމާކުރާނެ އެވެ.

މިހާރު ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭކިންގައި "ކްރެޑިޓް ލިމިޓު" ފެންނަން ހުންނާނެ އެވެ. އިންޓަނެޓް ބެންކިންގައި ސާވިސް އޮޕްޝަނަށް ގޮސް، ކްރެޑިޓް ލިމިޓު ހިޔާރުކޮށް، ކަނޑައަޅާފައިވާ ލިމިޓަށް ފައިސާ ނުވަތަ ކްރެޑިޓް ކާޑު ނެގުމުގެ އޮޕްޝަން ލިބޭނެ އެވެ. މި އޮޕްޝަނުން ލޯނު ހިޔާރުކުރުމުން، އެ ކަސްޓަމަރަކީ ލޯނަށް އެލިޖަބަލް ކަސްޓަމަރެއް ނަމަ ވަގުތުން ލޯނު ލިބޭނެ އެވެ.

ރެންޓަލް ނޫނީ ބިޒްނަސް އިންކަމް ލިބޭ ކަސްޓަމަރުންނަށް "ކްރެޑިޓް ލިމިޓް" ފެންނަން ނެތް ނަމަ ވެސް އެ ކަަސްޓަމަރުންނަށް ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލޯނަށް ހުށަހެޅޭނެ އެވެ.

ލޯނަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ ބަރާބަރަށް 12 މަސް ދުވަހުގެ މުސާރަ އެކަންޓަށް ޖަމާވެފައިވާ، މީގެ ކުރިން ނަގާފައިވާ ލޯނެއްގައި މައްސަލައެއް ނުޖެހި ފައިސާ ދައްކާފައިވާ ކަސްޓަމަރަކަށް ވާނެ ޖެހޭނެ އެވެ.

ލުއި ލޯނު ދިނުމަށް ގެނައި ބަދަލުގެ ދަށުން ރޭގަނޑު 10 ގެ ފަހުން ލޯނަށް އެދިއްޖެ ނަމަ ފައިސާ ދިނުން ޕްރޮސެސް ކުރާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ގެ ފަހުންނެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ނަގާ ކަސްޓަމަރުންނަށް ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކްރެޑިޓް ލިމިޓު ފެންނަން ހުންނާނެ އެވެ. މި ލިމިޓް އޮޕްޝަން ހިޔާރުކޮށް ލޯނަށް އެދުމުން، ވަގުތުން އެޕްރޫވަލް ޕްރޮސެސް ކުރާނެ އެވެ. އަދި ހަތަރު ގަޑިއިރު ފަހުން "ސެލް" އެގްރީމެންޓު ކަސްޓަމަރަށް ފޮނުވާނެ އެވެ. މި އެގްރިމަންޓަކީ އިންޓަނެޓް ބޭންކިން އިން އެޕްރޫވް ކުރެވޭނެ އެގްރިމެންޓެކެވެ. އެއްބަސްވުން އެޕްރޫވް ކުރާތާ 30 މިނެޓު ތެރޭގައި ފައިސާ ޖަމާވާނެ އެވެ.

ބީއެމްއެލް ލުއި ލޯނަކީ 1.2 މިލިއަން ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާއި ގެރެންޓަރަކާ ނުލައި ނެގޭ ލޯނެކެވެ.