Roadha Mihaaru
ބީއެމްއެލް ލުއި ލޯނުގެ ލިމިޓު 1.2 މިލިއަނަށް!

ބީއެމްއެލް ލުއި ލޯނުގެ ލިމިޓު 1.2 މިލިއަނަށް އިތުރުކޮށްފި

25 ޖެނުއަރީ 2023

ބީއެމްއެލް އިން ރަހުނަކާ ނުލައި 1.2 މިލިއަން އާ ހަމަޔަށް ލޯނާއި ފައިނޭންސިން ނެގޭ ގޮތަށް "ލުއި ލޯނު" ގެ ލިމިޓް އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިން ރަހުނަކާ ނުލައި 1.2 މިލިއަން އާ ހަމަޔަށް ލޯނާއި ފައިނޭންސިން ނެގޭ ގޮތަށް "ލުއި ލޯނު" ގެ ލިމިޓް އިތުރުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލައިގެން ލޯނު ދޫކުރަމުންދާނީ "ބީއެމްއެލް ލުއި ލޯނު" ގެ ގޮތުގައި ކަމަށެވެ.

މި ބަދަލާ އެކު ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ އެވެ.

ކުރިން ބީއެމްއެލް އިން ލުއި ލޯނާއި އިސްލާމިކް ޕާސަނަލް ފައިނޭންސިން ދޫކުރަނީ ތިން ލައްކަ ރުފިޔާއާ ހަމައަށެވެ.

ލޯނުގެ ލިމިޓް ބޮޑު ކުރި އިރު ބީއެމްއެލް އިން ވަނީ ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން އެހެން އާމްދަނީތައް ވެސް ހިމެނޭ ގޮތް ހަދައިފަ އެވެ. މި ލޯނުތަކުގެ ލިމިޓް ބޮޑު ކުރި ނަމަވެސް، ކޮންމެ މީހަކަށް ވެސް ލޯނުގެ ލިމިޓް ކަނޑައަޅާފައިވާނީ އެ މީހެއްގެ ޖުމްލަ އާމްދަނީއަށް ބިނާކޮށެވެ.

ބޭންކުން ދޫކުރާ މި ލޯނުގެ އެންމެ ބޮޑު އަދަދަކަށްވާ 1.2 މިލިއަން ރުފިޔާ ލިބޭނީ، އެ މީހެއްގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީ 100،000ރ. އަށް އަރާ ނަމަ އެވެ.

ބޭންކުން ދޫކުރާ ލުއި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓެވެ. އަދި ފަސް އަހަރުގެ ތެރޭގައި ލޯނު އަނބުރާ ދައްކަން ޖެހެ އެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ލޯނު ހަމަޖެހޭނެ އެވެ.

ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކްގެ ޕޯޓްފޯލިއޯ އަށް މި ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާ ފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." އޭނާ ވިދާޅުވި އެވެ.