Roadha Mihaaru

36 ޕަސެންޓު ފައިސާ ނުލިބުނަސް ލޯނު ދައްކާ މިންވަރު އަންނަނީ އިތުރުވަމުން: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 36.29 ޕަސެންޓު ފައިސާ ލިބިފައި ނުވި ނަމަވެސް މިދިޔަ އަހަރުން ފެށިގެން އަނބުރާ ދައްކާ ވަރު އިތުރު ކަމަށް އެ ކޯޕަރޭޝަނުން އިއްޔެ ބުނެފި އެވެ.

36 ޕަސެންޓު ފައިސާ ނުލިބޭ: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 36.29 ޕަސެންޓު ފައިސާ ލިބިފައި ނުވި ނަމަވެސް މިދިޔަ އަހަރުން ފެށިގެން އަނބުރާ ދައްކާ ވަރު އިތުރު ކަމަށް އެ ކޯޕަރޭޝަނުން އިއްޔެ ބުނެފި އެވެ.

"މިހާރު" އިން ކުރި ސުވާލުތަކެއްގެ ޖަވާބުގައި އެސްޑީއެފްސީން ބުނީ، ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ މިންވަރު 2023 ވަނަ އަހަރާ ބަލާއިރު 24 ޕަސެންޓު އިތުރު ވެފައިވާ ކަމަށެވެ.

"މި ކުރިއެރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްލަނީ ކޯޕަރޭޝަންގެ ރިކަވަރީ މަސައްކަތްތައް އިތުރު ވުމާއި ނޮން ޕާފޯމިން ކަސްޓަމާ ގްރޫޕްތަކަށް ޕޭމަންޓް ޕްލޭންތައް ފޯރުކޮށްދިނުމެވެ،" ލިޔުމުން ދިން ޖަވާބުގައި އެސްޑީއެފްސީން ބުންޏެވެ.

ލޯނުތަކުގެ ފައިސާ އަނބުރާ ހޯދުމުގައި ދިމާވާ ދަތިތަކަކީ އެސްޑީއެފްސީން ބުނިގޮތުގައި، ނުރަސްމީ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާލީ ހޭލުންތެރިކަން ދަށްވުމެވެ. އެހެންވެ، ކަސްޓަމަރުންނަށް ހާއްސަ ފައިނޭންޝަލް ލިޓްރޭސީ ޕްރޮގްރާމްތަކާއި މައުލޫމާތު ސެޝަންތައް މިހާރު ބާއްވަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ލޯނުތަކުގެ ފައިސާ އަނބުރާ ހޯދުމުގައި ދިމާވާ އިތުރު ދަތިތަކުގެ ގޮތުގައި އެސްޑީއެފްސީން ފާހަގަކުރީ:

• އިގުތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމުގައި ވުން.

• ޖިއޮގްރަފިކަލީ ރާއްޖެ އުފެދިފައިވާ ގޮތުން މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ޕްރޮޖެކްޓްތައް ނިންމުމުގެ މުއްދަތު އިތުވުމާއި ޕްރޮޖެކްޓުން ފޯކާސްޓް ކުރާ އާމްދަނީ ނުލިބުން.

• ކަސްޓަމަރުން އެކި ބޭންކުތަކުގައި ވިޔަފާރީގެ އާމްދަނީ ބެހެއްޓުމުގެ ސަބަބުން ފައިސާ އަނބުރާ ހޯދުމުގައި ދަތިތަކާ ކުރިމަތިވުން.

އެސްޑީއެފްސީން ބުނީ، ލޯނު ފައިސާ އަނބުރާ ދެއްކުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ޕްރޮޖެކްޓް ނިންމުމުގައި ހުރި ގޮންޖެހުންތަކަށް ލުއި ދިނުމަށްޓަކައި އިތުރު ކަންކަން އެ ކޯޕަރޭޝަނުން ފަހިކޮށްދޭ ކަމަށެވެ. އޭގެ ތެރޭގައި ލޯނު ރީޝެޑިއުލް ކޮށްދިނުމާއި ގްރޭސް ޕީރިއަޑް އިތުރު ކޮށްދިނުން ފަދަ ހައްލުތައް ހިމެނެ އެވެ.

އެސްޑީއެފްސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ރީޓެއިލް ވިޔަފާރިތަކަށެވެ. އެއީ 699 ފެސިލިޓީ އަށް ޖުމްލަ 205.9 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ގެސްޓް ހައުސް ވިޔަފާރިތަކަށެވެ. އެއީ 677 ފެސިލިޓީ އަށް 403.88 މިލިއަން ރުފިޔާ އެވެ.