02 އޮކްޓޯބަރ 2019
ޖިނާއީ އަދުލުގެ ނިޒާމުގައި ތަރުތީބު ވެފައިވާ ގޮތުން އާންމު އުސޫލަކީ ޖިނާއީ އިޖްރާއާތުގެ މަރުހަލާތަކަށް މުއްދަތުތަކެއް ކަނޑައެޅިފައި އޮތުމެވެ. އެއީ ދައުވާ ކުރުން ކަމަށް ވިޔަސް އަދި ކުށް ސާބިތުވެގެން ކުރާ ހުކުމެއް ކަމަށް ވިޔަސް ނުވަތަ ތަހުގީގުގެ ބޭނުމަށްޓަކައި ކޯޓަކުން ނެރޭ އަމުރެއް ކަމަށް ވިޔަސް، އެކަމެއް ފެށޭނެ ވަގުތަކާއި ނިމުން އަންނާނެ ދުވަހެއް ނުވަތަ ވަގުތެއް އެނގެން ޖެހޭނެ އެވެ. އެންމެ ކަމެއް ފިޔަވައި އެވެ: ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރޭ އަމުރެވެ.
ޖިނާއީ އަދުލުގެ ނިޒާމުގައި ތަރުތީބު ވެފައިވާ ގޮތުން އާންމު އުސޫލަކީ ޖިނާއީ އިޖްރާއާތުގެ މަރުހަލާތަކަށް މުއްދަތުތަކެއް ކަނޑައެޅިފައި އޮތުމެވެ. އެއީ ދައުވާ ކުރުން ކަމަށް ވިޔަސް އަދި ކުށް ސާބިތުވެގެން ކުރާ ހުކުމެއް ކަމަށް ވިޔަސް ނުވަތަ ތަހުގީގުގެ ބޭނުމަށްޓަކައި ކޯޓަކުން ނެރޭ އަމުރެއް ކަމަށް ވިޔަސް، އެކަމެއް ފެށޭނެ ވަގުތަކާއި ނިމުން އަންނާނެ ދުވަހެއް ނުވަތަ ވަގުތެއް އެނގެން ޖެހޭނެ އެވެ. އެންމެ ކަމެއް ފިޔަވައި އެވެ: ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރޭ އަމުރެވެ.
ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރަކީ ކޯޓުން ބަންދަށް ލުޔެއް ނުދޭހާ ހިނދަކު، އެ މައްސަލައެއް މުޅިން ނިމެންދެން ދެމި އޮންނަ އެއްޗެކެވެ. މި އިޖްރާއާތު މިހާރު މަޝްހޫރު ވެފައިވަނީ "ވާނުވާ" ގެ ނަމުންނެވެ. "ވާނުވާ" މި ބަސް އުފެއްދީ އެކި މައްސަލަތަކުގައި މިގޮތަށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައި ތިބި މީހުން ކަމަށް ބުނެ އުޅެ އެވެ. ފަހުން ވަކީލުންގެ ތުންތުން މަތިން އައިސް، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ދުލު ކުރީ ބަހަކަށް ވެސް މި ބަސް ވެއްޖެ އެވެ. މިހާރު މި ބަސް އާންމު ވެފައިވާ މިންވަރުން ދިވެހި ބަސް ފޮތުން ވެސް މި ބަހަށް ޖާގަ ލިބުމަކީ ދުރު ކަމެއް ނޫނެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު މައްސަލަ ނުނިމި އެތައް ދުވަހެއް ވަންދެން "ވާނުވާ" ގައި ތިބެން ޖެހޭ ކަމުގެ ޝަކުވާ މެދުކެނޑުމެއް ނެތި އިވޭތާ އެތައް އަހަރެކެވެ. މިކަމުގެ ކަންބޮޑުވުންތައް ވަކީލުން އުފުލާތާ ވެސް އެތައް އަަހަރެކެވެ. އެކަށީގެންވާ ހައްލެއް ނުލިބި، އެންމެ ފަހުން މިކަން މިހާރު އޮތީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ވެސް ކަންބޮޑުވާ ހިސާބުގަ އެވެ.
މި މައުޟޫއުގައި ވާހަކަ ދައްކާއިރު އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކުށް ސާބިތުވުމުގެ ކުރިން މީހުން ބަންދު ކުރުން (ޕްރީ ޓްރަޔަލް ޑިޓެންޝަން) އާ ދެކޮޅު މާއްދާއެއް މީގެ 10 އަހަރު ކުރިން ގާނޫނު އަސާސީގައި ލިޔުނީ ވަރަށް މުހިންމު ބޭނުމެއްގައި ކަމެވެ. އެއީ (ޕްރިސަމްޝަން އޮފް އިނޮސެންސް) ގެ އަސާސްގެ ދަށުން ކޮންމެ އިންސާނަކާ މެދު ވެސް ގާނޫނު ދެކެމުން އަންނަ އަސާސީ ހަމަ ކަމަށްވާ، ކުށެއް ސާބިތު ނުވަނީސް މައުސޫމް މީހެއް ކަމަށް ބެލުމުގެ ހައްގު ދެމި އޮއްވާ، ކުރެވޭ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މީހުން ބަންދުގައި ބޭތިއްބުމަކީ އޭގެ ސަބަބުން ހިމާޔަތް ކުރެވޭ މުޖްތަމައުގެ މަސްލަހަތަށް ވުރެ، ތުހުމަތުކުރެވޭ މީހުންގެ ކިބައިން ނިގުޅައިގަނެވޭ ނުވަތަ ނޭއްގާނީ ގޮތެއްގައި ނަގައިލެވޭ ހައްގުތަކާއި ގެއްލިގެންދާ މަސްލަހަތުތައް ބޮޑުކަމުންނެވެ.
ކުރިއަރާފައިވާ ޑިމޮކްރަޓިކް މުޖްތަމައުތަކެކޭ އެއްގޮތަށް، ކުށެއް ސާބިތުވުމުގެ ކުރިން މީހުން ބަންދު ކުރުން ގާނޫނު އަސާސީގެ 49 ވަނަ މާއްދާއިން ހުއްދަ ކުރީ އިސްތިސްނާ ހަތަރު ހާލަތެއްގަ އެވެ. އެއީ ފިލާފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ، މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ހާލަތެވެ. އެއިން ހާލަތެއް ނެތް ނަމަ، ތުހުމަތުކުރެވޭ ކުށް ސާބިތު ވަންދެން އޭނާގެ މިނިވަންކަން ނަގަހައްޓައި ދިނުމުގެ ޔަގީންކަން ގާނޫނު އަސާސީން ލިބިދެ އެވެ.
ބައެއް މައްސަލަތަކުގެ ބާވަތާއި އޭގެ ނުރައްކާތެރިކަން ބޮޑުކަމުން ޝަރީއަތުން ގޮތެއް ނުނިމެނީސް ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްނުލެވޭނެ ފަދަ މައްސަލަތައް އެބަ ހުއްޓެވެ. މިސާލަކަށް މީހުން މެރުމާއި ޓެރަރިޒަމް ފަދަ ނުރައްކާތެރި ކުށްތަކެވެ. އެފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކުރުމަކީ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނެ ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުން ފަދަ އަދުލު އިންސާފަށް ހުރަސް އެޅިދާނެ ކަންކަމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައި ދާނެތީ 49 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހަތަރު ހާލަތުގެ ބޭނުމަކީ މުޖްތަމައުގެ ހައްގާއި ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ބެލެންސް ކުރެވޭނެ މިންގަނޑެއް ބޭއްވުމެވެ.
މައްސަލައަކަށް މިކަން ވެގެން މި ދަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު "ވާނުވާ" ގައި ދިގު މުއްދަތުތަކެއް ހޭދަކުރަން ޖެހޭ ހިސާބުންނެވެ. ކުށްވެރިވާނެތޯ ނުވަތަ ނޫންތޯ ވެސް ޔަގީންނުވާ ހާލު، އާންމު އިންސާނެއްގެ ދިރިއުޅުމުން ދިގު މުއްދަތެއް ބަންދުގައި ހޭދަކުރުމަށް ފަހު ކުށް ސާބިތުނުވާ ހާލަތެއްގައި ލިބިގެން އެ ދަނީ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެކެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކީ އެ ކޯޓަކަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ނެރޭ އަމުރަކަށް ވާތީ މިކަން ގުޅިލާމެހިފައި އޮންނަނީ އެ މައްސަލައެއްގެ ޝަރީއަތް ހިނގާ ސްޕީޑެއްގެ މައްޗަށެވެ.
މާފުށީ ޖަލު: "ވާނުވާ"ގައި އެތައް ބަޔަކު ގެންދަނީ ޖަލުގައި ދުވަސްތައް ގުނަމުން -- ފޮޓޯ/މިހާރު
ތުހުމަތު ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ އިސްތިއުނާފީ މަރުހަލާގައި މައްސަލަ ހިނގާއިރު ހައި ކޯޓާއި ސުޕްރީމް ކޯޓަށް ވެސް އޮންނަ ބާރެއް ކަމަށް ވިޔަސް، އިސްތިއުނާފް މަރުހަލާގައި މިފަދަ އަމުރުތައް ނެެރެނީ ވަރަށް މަދު މައްސަލަތަކެއްގަ އެވެ. އެހެންވެ، އަބަދުވެސް "ވާނުވާ" ގެ ޝަކުވާ ބޮޑުވެފައި އޮންނަނީ ދަށު މަރުހަލާގެ ކޯޓުތަކާ ހިސާބުންނެވެ.
މީގެ ދެ އަހަރު ކުރިން އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ޝަރީއަތް އަވަހަށް ކުރިއަށް ގެންދަން ލާޒިމް ކުރުމުގެ ގޮތުން އެ ގާނޫނު ތަރުތީބު ކުރެވިފައި އޮތީ މެދުކެނޑުމެއް ނެތި އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހޭ ގޮތަށެވެ. އެގޮތުން މައްސަލާގައި ހިމެނޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ދުރާލާ ކަނޑައަޅޭ ވަކި ތާވަލެއްގެ ދަށުން އަޑުއެހުންތައް ކުރިއަށް ގެންދަން އެ ގާނޫނު ލާޒިމް ކުރެ އެވެ. އަދި ބައެއް މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ފަށަން ވެސް ލާޒިމް ކުރެ އެވެ. އެހެނަސް، މުޅި ޝަރީއަތް އެއްކޮށް ނިންމައި، ފައިލް ބަންދު ކޮށްލަން ޖެހޭ ސީދާ މުއްދަތެއް އެ ގާނޫނަކު ނެތެވެ.
މިސާލަކަށް، ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި ދައުވާގެ ލިޔުންތައް އެ މީހުންނާ ހަވާލުކުރެވޭ ދުވަހުން ފެށިގެން ގިނަވެގެން 70 ދުވަހުގެ ތެރޭގައި އިބްތިދާއީ މަރުހަލާ ނިންމައި، ޝަރީއަތުގެ މަރުހަލާ ފަށަން އެ ގާނޫނު ލާޒިމް ކުރިޔަސް، ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި އެ މަރުހަލާ ނިންމަން ގާނޫނު ލާޒިމެއް ނުކުރެ އެވެ. އެހެންވެ، ޝަރީއަތުގެ މަރުހަލާ އެތައް އަހަރަކަށް ވެސް ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އޭގެ ފަހަށް ދެން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ މަރުހަލާއެއް ހިނގަން ފަށަނީ ޝަރީއަތުގެ އަޑުއެހުންތައް އެއްކޮށް ނިންމާލުމުންނެވެ. އަޑުއެހުންތައް ނިންމާލުމުން 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. އެހެންވެ، ޝަރީއަތް ދިގުލައިގެން ދިއުމުގެ މުޅި މައްސަލައަށް އެ ގާނޫނުން ދާއިމީ ފަރުވާއެއް ދީފައިވާ ކަމަށް ބުނެވޭކަށް ނެތެވެ.
މީގެ އަނެއްކޮޅަށް ވިސްނާއިރު، ޝަރީއަތުގެ މަރުހަލާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްވާ ގޮތަށް (ލިމިޓޭޝަންތަކެއް) ގާނޫނުގައި ކަނޑައެޅުމަކީ ވެސް އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ނިކުމެދާނެ ކަމެކެވެ. ސަބަބަކީ މައްސަލަ ސާބިތު ކުރަން ހުށަހަޅާ ހެކިންނާއި ދިފާއީ ހެކިންގެ ހެކިބަސް ނެގުމާއި އެކްސްޕާޓުންގެ ބަސް ހޯދުން ފަދަ ކަންކަމަކީ ޝަރީއަތުގެ މަރުހަލާގައި ހިނގާ ކަމެއް ކަމަށް ވެފައި، މައްސަލައިގެ ބާވަތުން ހެކިންގެ އަދަދު ގިނަވުމާއި މީހުން ހާޒިރު ކުރުމުގައި ދިމާވާ މުއައްސަސާތަކުގެ ބާރު ނުފޯރާ ހާލަތްތަކުގެ ސަބަބުން އެ މަރުހަލާ ދިގު ދެމިގެންދާނީ ކިހާ މިންވަރަކަށް ކަން ލަފާކުރަން ފަސޭހަ ކަމަކަށް ނުވުމެވެ. އަދި ޚާއްސަކޮށް ގާނޫނެއްގައި އެކަން ލިޔުމަށް ބަލާއިރު، މިދެންނެވި ގޮތަށް ދިމާވެދާނެ ހުރިހާ ހާލަތްތަކަކީ ގާނޫނު ހަދާ ރައްޔިތުންގެ މަޖިލީހަށް އަދި މުއައްސަސާތަކަށް ވެސް ތަސައްވުރު ކުރެވޭނެ ފަދަ ކަންކަމެއް ނޫނެވެ.
ދުރާލާ ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން އަޑުއެހުންތައް ކުރިއަށް ގެންދަން ގާނޫނު ލާޒިމް ކުރިޔަސް، ގިނަ މައްސަލަތަކުގައި އެގޮތަކަށް އަމަލެއް ނުކުރެ އެވެ. އަދި ތާވަލް ކަނޑައަޅައިގެން ކުރިއަށް ގެންދާ ބައެއް މައްސަލަތަކުގައި ވެސް، ކޮންމެހެން ހާޒިރު ކުރަން ޖެހޭ މީހުން ހާޒިރު ނުކުރެވުމުންނާއި "ފިޔަވަޅު އެޅުމަކަށް ނުވާ ގޮތަށް، އަޅާ ފިޔަވަޅެއްގެ ގޮތުން" ފަނޑިޔާރުންގެ ރުހުމެއް ނެތި އިރުއިރުކޮޅުން އެހެން ކޯޓުތަކަށް ފަނޑިޔާރުން ބަދަލު ކުރަމުން ދިޔަ ދިއުމުގެ ސަގާފަތުގެ ސަބަބުން ވެސް ޝަރީއަތްތައް ލަސްވުމުގެ މައްސަލަ އިތުރަށް ބޮޑުވެގެން ދެ އެވެ.
ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރަން އަމުރު ކުރުމުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނު މިހާރު އޮތް ގޮތުން ދިމާވެދާނެ މައްސަލަތަކެއް ވެސް އެބަ ހުއްޓެވެ. އެ ގާނޫނުގެ 60 ވަނަ މާއްދާ ބުނާ ގޮތުން ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމުގެ އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮތް ނަމަ، އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރަންވާނެ އެވެ. އެކަމަކު އެ މާއްދާ އޮތް ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގައި، ތުހުމަތު ކުރެވޭ ކުށަކީ ކޮންމެހެން ޖިނާއީ ބޮޑު ކުށަކަށް ވުން ލާޒިމެއް ނުވެ އެވެ. މާނައަކީ ތުހުމަތުކުރެވެނީ އާދައިގެ ކުޑަ ކުށަކަށް ކަމަށް ވިޔަސް، ކުރިން މިދެންނެވި ދެ ޝަރުތު ހަމަވާ ނަމަ ޝަރީއަތް ނިމެންދެން ބަންދު ކުރެވިދާނެ ކަމެވެ.
"ވަކި މުއްދަތެއްގެ ތެރޭގައި ޝަރީއަތުގެ މަރުހަލާ ނިންމާށޭ ބުނެފިއްޔާ އެކަން ޕްރެކްޓިކަލީ ނުކުރެވިދާނެ. މި މައްސަލަ މި ދިމާވެގެން މި އުޅެނީ ގާނޫނުގައި މައްސަލައެއް އޮވެގެނެއް ނޫން. ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރާތީ މައްސަލައަކީ."
މިސާލަށް ނުރައްކާތެރި ހަތިޔާރެއް ބޭނުން ނުކޮށް އަދި މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ގޮތަށް މީހަކަށް އަނިޔާ ދީފި ނަމަ، އެ އަމަލު ފެތޭނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން، ޖެހުމުގެ ކުށަކަށެވެ. އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ހާލަތެއް ނެތް ނަމަ، އެ ކުށުގެ އަދަބަކަށް ވާނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. މިފަދަ އާދައިގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފި ނަމަ، ޝަރީއަތް ނުނިމި އޮއްވާ ދެ މަހާއި 12 ދުވަސް ފާއިތުވެގެން ދިއުމަކީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.
އެކަމަކު އެ ހާލަތުގައި ވެސް ކޯޓުން އޭނާއަށް ލުޔެއް ނުދޭ ނަމަ، މައްސަލަ ނިމެންދެން ހުންނަން ޖެހެނީ ބަންދުގަ އެވެ. އަދި ހުކުމް ކުރާއިރު ކުށް ސާބިތުވެއްޖެ ނަމަ، ބަންދުގައި އޭނާ ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމަށް ފަހު ބަންދުން ދޫކުރި ނަމަވެސް އޭނާ ކުރި ކުށުގެ އަދަބަށް ވުރެ އިިތުރަށް އޭނާ ބަންދުގައި ހޭދަކުރަން ޖެހުނު ދުވަސްތަކާ މެދު "ހިތްހެޔޮ ކޮށްލުން" ނޫން ގޮތެއް ނޯވެ އެވެ. އިތުރަށް ގެއްލިގެން ދިޔަ މުއްދަތަށް އެކަށީގެންވާ މުނާސިބު ބަދަލެއް ލިބޭނެ ނިޒާމެއް ރާއްޖޭގައި މިވަގުތަކު ނެތެވެ. މިގޮތަށް ކިތަންމެ މައްސަލައެއް ހިނގާފައި އެބަ ހުއްޓެވެ.
މިއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ. އެހެނީ، މީހަކު ކުރި ކުށުގެ އަދަބުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ބަންދުގައި "ވާނުވާ" ގައި ހޭދަ ކުރަން ޖެހޭ ނަމަ، އޭގެ ނަތީޖާއަކީ އޭނާ ކުރި ކުށަށް ގާނޫނުގައި އޮތް އަދަބަށް ވުރެ ބޮޑު "އަދަބެއް" މިނިވަންކަން ހިފެހެއްޓިފައިވާ ހާލަތެއްގައި ހުރެގެން އެ މީހަކަށް ލިބިގެން ދިއުމެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އިޖްރާއާތު ހިންގަނީ ގާނޫނަކުން ބާރު ލިބިގެން ކަމަށް ވިޔަސް، މިފަދަ ހާލަތެއްގައި އެ ނިކުންނަނީ ގާނޫނީ ގޮތުން ވަރަށް ހަމަނުޖެހޭ ނުވަތަ ހެއްވާ ނަތީޖާއެކެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު "ވާނުވާގައި" ތިބެން ޖެހޭ މައްސަލަ ޖިނާއީ ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ކުރަމުންދާ ނަމަ ހައްލުވާނެ އެވެ. އެ ޝަކުވާ ބޮޑުވެގެން އަންނަނީ އެ އިޖްރާއާތުތައް ފުރިހަމަ ނުކުރާތީ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އަދި ޝަރީއަތް ނިންމަން ޖެހޭ ވަކި މުއްދަތެއް އެ ގާނޫނުގައި ނެތަސް، ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ކުރާ ނަމަ "ވާނުވާ" ގެ މައްސަލަ ހައްލުވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ވަކި މުއްދަތެއްގެ ތެރޭގައި ޝަރީއަތުގެ މަރުހަލާ ނިންމާށޭ ބުނެފިއްޔާ އެކަން ޕްރެކްޓިކަލީ ނުކުރެވިދާނެ. މި މައްސަލަ މި ދިމާވެގެން މި އުޅެނީ ގާނޫނުގައި މައްސަލައެއް އޮވެގެނެއް ނޫން. ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރާތީ މައްސަލައަކީ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.
"ގާނޫނުގައި އޮތް ގޮތަށް ތާވަލެއް ކަނޑައަޅައިގެން އެއާ އެއްގޮތަށް ގެންދާ ނަމަ ދައުވާ ލިބޭ މީހާއަށް ވެސް އެނގޭނެ ދެން އަޑުއެހުން އޮންނާނީ ކޮން ދުވަހެއްގައި ކަން އަދި ހުކުމް ކުރާނީ ކޮން ދުވަހެއްގައި ކަން."
ދަށު ކޯޓުތަކުގެ އިތުރުން އިސްތިއުނާފް މަރުހަލާގައި މަތީ ކޯޓުތަކުން ވެސް މިދެންނެވި އުސޫލަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައި ކޯޓުން ވެސް ޖިނާއީ މައްސަލަތައް ގެންދަނީ ތާވަލް ދީގެނެއް ނޫން. އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ހައި ކޯޓުގެ މަރުހަލާއަށް ވަކި އިސްތިސްނާއެއް ދީފައި ނެތިއްޔާ ގާނޫނުގައި ހުރި ކަންކަން ހައި ކޯޓުން ވެސް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު، "ވާނުވާގައި" ދިގު މުއްދަތެއް ހޭދަވާން ޖެހޭ މައްސަލަ ހައްލުކުރަން ޝަމީމްގެ ހުށަހެޅުންތަކެއް ވެސް އެބަ އޮތެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމާއި އަދި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބަހައްޓަން ޖެހޭ ހާލަތްތަކުގައި ބަންދަށް ފަހަރަކު އިތުރު ކުރެވޭނެ މުއްދަތަކީ ގިނަވެގެން 30 ދުވަސް ކަމަށް ކަނޑައަޅައި، ގާނޫނު އިސްލާހު ކުރުމެވެ.
މިދެންނެވި ގޮތަށް ޝަރީއަތުގެ މަރުހަލާގައި މުއްދަތު އިތުރު ކުރެވޭނީ ގިނަވެގެން ހަ ފަހަރަށް ކަމަށް ކަނޑައެޅުމުގެ އިތުރުން އެއަށް ވުރެ އިތުރަށް ޝަރީއަތުގެ މަރުހަލާގައި މީހަކު ބަންދު ކުރާ ނަމަ، ހައި ކޯޓުގެ އަމުރެއްގެ ދަށުން ނޫނީ ބަންދު ނުކުރެވޭ ގޮތަށް އިސްލާހު ގެނައުމަކީ ވެސް ޝަމީމްގެ ހުށަހެޅުއްވުމެކެވެ. އޭގެ ބޭނުމަކީ ޝަރީއަތުގެ މަރުހަލާ އަވަހަށް ކުރިއަށް ގެންދަން ބާރު އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިވާ ގޮތަކީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ދެން އެ މީހާ މަތިން ހަނދާން ނެތެނީ. އެކަމަކު މަހަކު އެއް ފަހަރު ގެނެސް ބަންދުގެ މުއްދަތު އިތުރު ކުރަން ޖެހުނީމަ އެގޮތަކަށް ދިމައެއް ނުވާނެ. މިގޮތަށް ހަ މަސް ވަންދެން ޖަހާފައި އިތުރަށް ބަންދު ކުރަން ވިއްޔާ ހައި ކޯޓަށް ދިޔައިމަ ހައި ކޯޓަށް އެނގޭނެ ދަށު ކޯޓުގައި މައްސަލަ ކުރިއަށް ނުދަނީ ކަން،" ޝަމީމް ވިދާޅުވި އެވެ.
ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކެއް ހުރި ކަމީ ދެބަސްވެވެން ނެތް ކަމެކެވެ. ނަމަވެސް އެއީ ޝަރީއަތްތައް ނުނިމިގެން އެތައް ބަޔަކު ބަންދުގައި "ވާނުވާގައި" ތިބެން ތިބެން ޖެހޭ ޖެހުމަށް އޮތް ހުއްޖަތެއް ނޫނެވެ. ގާނޫނުތަކަށް ބަދަލު ގެނެސްގެން ވިޔަސް، އެއީ ހައްލު ހޯދަން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ.
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް
ވާނުވާގެ "ވެކްސިނު"ން ފަރުވާއެއް ނެތް!
ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލު އިސްލާހުކުރަނީ
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!
ޖިނާއީ އަދުލުގެ ބޮޑު ބަދަލަށް ވަގުތު ކުޑަތަންވެފައި
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟