29 ޖޫން 2017
އާ ގާނޫނު އަސާސީއާ އެކު އެންމެ ބޮޑު އެއް ބަދަލެއް އައީ ޖިނާއީ އަދުލުގެ ނިޒާމަށެވެ. ތަހުގީގު މަރުހަލާގައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށްގެން ކުށް ސާބިތު ކުރަމުން އައި އައުން ނިމުމަކަށް އައިސް، ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރަން ޖެހުނެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ދޭން ޖެހުނެވެ. މިނޫނަސް ކިތަންމެ ކަމެކެވެ.
އާ ގާނޫނު އަސާސީއާ އެކު އެންމެ ބޮޑު އެއް ބަދަލެއް އައީ ޖިނާއީ އަދުލުގެ ނިޒާމަށެވެ. ތަހުގީގު މަރުހަލާގައިވާ އިއުތިރާފްގެ މައްޗަށް ބިނާކޮށްގެން ކުށް ސާބިތު ކުރަމުން އައި އައުން ނިމުމަކަށް އައިސް، ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކުށް ސާބިތު ކުރަން ޖެހުނެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ކުރިން ނުލިބޭ އެތައް ހައްގެއް ދޭން ޖެހުނެވެ. މިނޫނަސް ކިތަންމެ ކަމެކެވެ.
މި ބަދަލުތައް އަޔަސް ފުރިހަމަ ނުވެ އެއް ކަމެއް އޮތެވެ. ޖިނާއީ ކުށް ތަހުގީގު ކުރުމުގަ އާއި ހެކި ހޯދުމުގަ އާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގައި އަމަލު ކުރަން ޖެހޭ ތަފްސީލީ އިޖްރައާތުތަކެއް ހިމެނޭ ގާނޫނެއް ނެތުމެވެ. އެފަދަ ގާނޫނެއް ނެތުމުން ޖިނާއީ މައްސަލަތަކުގައި އަމަލު ކުރަމުން އައީ ކަމާ ބެހޭ އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކެއްގެ ދަށުންނެވެ.
އެ ގަވާއިދުތަކުގައި، އާ ގާނޫނު އަސާސީ އައުމުން ޖިނާއީ އަދުލުގެ ނިޒާމަށް އަލަށް އުފަންވި ބަދަލުތައް ވެސް ކޮންމެވެސް ވަރަކަށް ވަނީ ހިމަނައިފަ އެވެ. އެކަމަކު ބައެއް ކަންކަން ހުރީ ފަނޑިޔާރުންގެ އިހްތިޔާރަށް ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވެ، ޒަމާނީ ގާނޫނަކާ ހަމައަށް ދާން ދެން ބާކީ އޮތީ ތިން ހަތަރު ދުވަހެވެ.
އަހަރުތަކެއްގެ މަސައްކަތަށް ފަހު މިދިޔަ އަހަރުގެ މެއި 2 ގައި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ރާއްޖޭގެ ފުރަތަމަ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަންނަ އާދިއްތަ ދުވަހު އަމަލު ކުރަން ފަށާނެ އެވެ. މިއީ ބައި ގަރުނު ވީ ގާނޫނުލް އުގޫބާތެއް އުވާލައި، އާ ގާނޫނުލް އުގޫބާތަކަށް 2015 ގައި އަމަލު ކުރަން ފެށުމަށް ފަހު ޖިނާއީ އަދުލުގެ ނިޒާމަށް އަންނަ އެންމެ ބޮޑު ބަދަލެވެ.
އެ ގާނޫނުގައި ޖިނާއީ ކުށުގެ ތުހުމަތު މީހަކަށް ކުރެވޭ ވަގުތުން ފެށިގެން އެ މައްސަލައެއް ތަހުގީގު ކުރުމާއި މީހުން ހިފަހައްޓައި، ސުވާލު ކުރުމާއި ހައްޔަރުކުރުމާއި ބަންދުގައި ބެހެއްޓުމާއި ތަންތަން ބަލައި ފާސްކުރުމާއި ހެކި ހޯދުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ދައުވާ އުފުލުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ޝަރީއަތް ހިންގަން ޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކޮށްދީފައިވެ އެވެ. އެއިން ކޮންމެ މަރުހަލާއެއްގައި ކުރާ ކޮންމެ ކަމެއް ވެސް ކުރަން ޖެހޭ ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި އެ ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.
މިސާލަކަށް ތަނެއް ފާސްކުރަން ބޭނުންވާ ނަމަ އެކަމަށް ކޯޓު އަމުރަށް އެދި ހުށަހަޅަން ޖެހޭ ގޮތާއި ކޯޓު އަމުރު ނެރުމުގައި ކޯޓުން ބަލަން ޖެހޭ ކަންކަމާއި ކޯޓު އަމުރު ދޭން ޖެހޭ ވަގުތުތަކާއި ކޯޓުގެ އަމުރުގައި ހުންނަން ޖެހޭ މައުލޫމާތުތަކާއި ކޯޓު އަމުރުގެ ދަށުން ތަނެއް ފާސްކުރާއިރު އަމަލު ކުރަން ޖެހޭ އެންމެ އާދައިގެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.
އެހެންވެ މިއީ ހުރިހާ މައްސަލަތަކެއްގައި ވެސް އެއް އުސޫލަކުން އަމަލުކުރެވި އަދި ތުހުމަތު ކުރެވޭ މީހުންނަށް ލިބެން ޖެހޭ ހައްގުތައް ލިބޭކަން ކަށަވަރު ކުރެވުމާ އެކު އިންސާފު ގާއިމްކުރަން އެޅޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ.
އެ ގާނޫނާ އެކު ތަހުގީގާއި ދައުވާ ކުރުމަށް އަންނާނެ ބޮޑު އެއް ބަދަލަކީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހުމެވެ. ކުރިން އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ތަހުގީގު މަރުހަލާ ދިގުލައިގެން ދިއުމާއި ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވުމެވެ. އެކަމަކު މި ގާނޫނާ އެކު އެކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ އެވެ.
އެ ގާނޫނުގެ 94 ވަނަ މާއްދާ ބުނާ ގޮތުން ބަންދުކޮށްފައި ހުރި މީހަކު ނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ އެވެ. އަދި ބަންދުން ދޫކޮށްލާފައި ހުރި މީހެއް ނަމަ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ފަހަރަށް ކޯޓަށް ގެންދިޔަ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ލާޒިމްކުރެ އެވެ.
މާރާމާރީ ހިންގި ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ތަހުގީގު މަރުހަލާގައި އަމަލު ކުރަން ޖެހޭ އިޖްރާއަތުތައް ވެސް އާ ގާނޫނުގައި ވަނީ ބަޔާންކޮށްފައި --ފޮޓޯ/މިހާރު
އެ މުއްދަތުތަކުގެ ތެރޭގައި ދައުވާ ކުރުމަށްޓަކައި ތަހުގީގުތައް ނިންމަން އެ ގާނޫނު ލާޒިމްކުރެ އެވެ. އަދި މައްސަލައިގެ ބާވަތުން ތަހުގީގު ފުރިހަމަ ކުރަން އިތުރު ވަގުތު ބޭނުންވާ ނަމަ އެކަމަށް އެންމެ ގިނަވެގެން އިތުރުކޮށްދެވޭނެ މުއްދަތު ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ މިއީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާ އަވަސް ކުރަން އެޅޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ.
ކުދި ކުށްތައް ކުރާ ފަރާތްތަކަށް ލުއި ދީ، މުޖްތަމައަށް އަނބުރާ ގެނައުމަކީ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ. ރާއްޖޭގައި އެފަދަ ކަންކަމުގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް ނެތުމުން، ކުދި ކުށްތައް ކުރާ މީހުންނަށް ލުއި ދެމުން އައީ ޕީޖީ އޮފީހުން ހިންގި އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުންނެވެ. އެކަމަކު މި ގާނޫނާ އެކު، އެކަމުގެ އިޖްރާއަތުތައް ވެސް ކަނޑައެޅިގެންދާނެ އެވެ.
އެ ގާނޫނުގެ 98 ވަނަ މާއްދާ ބުނާ ގޮތުން އެއް އަހަރަށް ވުރެ ކުރު މުއްދަތުގެ ޖަލު ހުކުމް ހިމެނޭ ކުށަކަށް ތަހުގީގު މަރުހަލާގައި މީހަކު ކުށަށް އެއްބަސްވެފައިވާ ނަމަ އަދި ޕީޖީ ކަނޑައަޅާ ޝަރުތުތަކަށް އެ މީހާ އެއްބަސްވާ ނަމަ އެ މީހަކަށް ނަސޭހަތް ދިނުމަށް ފަހު ދައުވާ ނުކޮށް، ދޫކޮށްލެވިދާނެ އެވެ. އެގޮތަށް ދައުވާ ނުކޮށް ދޫކޮށްލުމުގައި ޕީޖީ ބަލަން ޖެހޭ ކަންކަމާއި ނަސޭހަތް ދިނުމުގެ ބަދަލުގައި އާންމު މަސްލަހަތަށް ބަލައި، އެފަދަ މީހަކަށް ދައުވާ ކުރާ ނަމަ ޕީޖީ ބަލަން ޖެހޭ ކަންކަން ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެ އުސޫލުން މީހަކަށް ދައުވާ ނުކުރަން ޕީޖީ ނިންމައިފި ނަމަ އެ މީހަކާ ޕީޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ގާނޫނު ލާޒިމް ކުރެ އެވެ. އެ އެއްބަސްވުމުގައި ޕީޖީ ކަނޑައަޅާ ޝަރުތުތަކާ ޚިލާފް ނުވާ ނަމަ އެ މީހަކަށް ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން އެ އެއްބަސްވުމުގެ ދަށުން އެ މީހަކަށް ލިބޭނެ އެވެ. އެކަމަކު އެއްބަސްވުން ހަދާ ތާރީޚުން ފެށިގެން ތިން އަހަރު ތެރޭގައި އެ މީހާ އިތުރު ކުށެއް ކޮށްފި ނަމަ އެއްބަސްވުން ނިމުމަކަށް އައިސް، އެ މީހަކަށް އަލުން ދައުވާ ކުރެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ނަސޭހަތް ދިނުމަށް ފަހު ދައުވާ ނުކޮށް ދޫކޮށްލަން ޝަރުތު ހަމަނުވާ މީހުންނަށް ވެސް އެ ގާނޫނުގައި ވަނީ ލުއި ގޮތްތަކެއް ހަމަޖައްސައިދީފަ އެވެ. އެ ގާނޫނުގެ 103 ވަނަ މާއްދާ ބުނާ ގޮތުން މީހަކަށް ދައުވާ ކުރިޔަސް ތަހުގީގު މަރުހަލާގައި ކުށަށް އެއްބަސްވެފައިވާ މީހެއް ނަމަ އެ މީހެއްގެ އަދަބު ލުއިކޮށް ދިނުމަށް ޕީޖީއަށް ކޯޓުގައި އެދެވޭނެ އެވެ.
ތުހުމަތުކުރެވޭ މީހާ އެދޭ އެދުމަކަށް ބިނާކޮށް އެ މީހާގެ އަދަބު ލުއިކޮށްދޭން ކޯޓުގައި އެދެން ޕީޖީ އެއްބަސްވެއްޖެ ނަމަ އެކަމުގެ އެއްބަސްވުމެއް ދެ ފަރާތުން ސޮއިކުރާނެ އެވެ. އެކަމަކު ދެ ފަރާތުން އެގޮތަށް އެއްބަސްވިޔަސް ބައެއް ހާލަތްތަކުގައި އެފަދަ އެއްބަސްވުމެއް ބަލައިނުގަތުމުގެ ބާރު އެ ގާނޫނުން ކޯޓުތަކަށް ލިބިދެ އެވެ. އެފަދަ ހާލަތެއްގައި ދައުވާ ލިބޭ މީހާއަށް އޮތް ފައިދާއަކީ އޭނާ ތަހުގީގު މަރުހަލާގައި ވެފައިވާ އިއުތިރާފް އަނބުރާ ގެންދިއުމުގެ ފުރުސަތު ލިބުމެވެ.
ޖިނާއީ ބައެއް މައްސަލަތައް ކޯޓުތަކުން ނުނިމި ލަސްވުމަކީ ޝަކުވާއެކެވެ. ޚާއްސަކޮށް، ބަންދުގައި ތިބޭ މީހުންގެ ފަރާތުން އެ ޝަކުވާ ވަކިން ބޮޑެވެ. އެކަމަކު މި ގާނޫނާ އެކު އެކަމަށް ވެސް ވަރަށް ބޮޑު ހައްލެއް އަންނާނެ އެވެ. އެކަމަށް ޚާއްސަ އުސޫލުތަކެއް އެ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ ގާނޫނުގެ 105 ވަނަ މާއްދާ ބުނާ ގޮތުން ޖިނާއީ ކޮންމެ މައްސަލައެއް ވެސް ކޯޓަށް ހުށަހެޅުމުން އެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހޭނެ އެވެ. އެ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ އަށް ދައުވާ ސާފުވެފައިވޭތޯ އާއި އޭނާ ދައުވާ އަށް އިންކާރު ކުރޭތޯ ނުވަތަ އެއްބަސްވޭތޯ ބަލާނެ އެވެ. އަދި ވަކީލަކު ނުވަތަ ތަރުޖަމާނަކު ބޭނުންވާ މީހެއްގެ ތަރުޖަމާނަކު ނެތް ނަމަ ވަކީލުން ހޯދުމަށް ފުރުސަތު ދިނުމާ އެކު ދައުވާ ލިބޭ މީހާއަށް ލިބިގެންވާ ހައްގުތައް އެ މީހަކަށް ބަޔާންކޮށްދޭން ޖެހޭނެ އެވެ.
މީގެ އިތުރުން އެ ދައުވާ ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ އާއި ދައުވާ ކުރިއަށް ގެންދަން ނިންމާ ނަމަ އެ މައްސަލައެއްގެ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ވަކި މުއްދަތުތަކެއް ކޯޓުން ދޭން އެ ގާނޫނު ލާޒިމްކުރެ އެވެ. އަދި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއި ގަޑިތައް ވެސް އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ކަނޑައަޅަން ޖެހޭނެ އެވެ. މީގެ ސަބަބުން ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތަށް ވެސް އޮންނާނީ އެ ޝަރީއަތް ހިނގާނެ ގޮތް ދުރާލާ އެނގި، މައްސަލައަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބިފަ އެވެ.
މީގެ އިތުރުން އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތް ފެށުމަށް ފަހު އަމަލު ކުރަން ޖެހޭނެ އުސޫލުތައް ވެސް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ގާނޫނުގެ 140 ވަނަ މާއްދާ ބުނާ ގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާ އަށް އިންކާރު ކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން 70 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ޝަރީއަތް ފަށަން ޖެހޭނެ އެވެ. އަދި ދައުވާ ލިބޭ މީހަކީ ބަންދުގައި ހުރި މީހަކަށް ނުވާ ނަމަ 90 ދުވަހުގެ ތެރޭގައި ޝަރީއަތް ފަށަން ގާނޫނު ލާޒިމްކުރެ އެވެ. އެކަމަކު ބައެއް ހާލަތްތަކުގައި، ދައުވާ ލިބޭ ފަރާތުން އެދޭ އެދުމަކަށް ބިނާކޮށް، އެއަށް ވުރެ ލަހުން ޝަރީއަތް ފެށުމުގެ ބާރު އެ ގާނޫނުން ކޯޓުތަކަށް ލިބިދެ އެވެ.
އެ ގާނޫނު ބުނާ ގޮތުން ޝަރީއަތް ފެށުމަށް ފަހު މެދުކެނޑުމެއް ނެތި އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަންވާނެ އެވެ. އަދި މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ހުކުމް ކުރަން ވެސް ގާނޫނު ލާޒިމްކުރެ އެވެ. ހުކުމް ކުރާއިރު ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ މީހަކަށް އަދަބު އެޅުމަކީ ވެސް އެ ގާނޫނު ލާޒިމްކުރާ ކަމެކެވެ. އަދި އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފްވާ މައްސަލަތައް އަވަސް ނިޔާއިން ނިންމަން ޖެހެ އެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށަން ގާތް ވެފައި ވަނިކޮށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް މި މަހު ހުށަހެޅި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް އިސްލާހުތަކާ މެދު މެމްބަރުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ވަނީ އިސްލާހުތައް އަނބުރާ ގެންގޮސްފަ އެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކަމާ ބެހޭ އިދާރާތަކުން ކުރިން ވެސް ދިޔައީ ފާޅުކުރަމުންނެވެ. އަހަރުތަކެއް ވަންދެން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އަންނަން މިހާރު ބާކީ އޮތީ ދެތިން ދުވަހެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ދެން އޮންނާނީ ތަހުގީގީ އިދާރާތަކާއި ޕީޖީ އޮފީހާއި ކޯޓުތަކުގެ ޒިންމާ އެވެ. ގާނޫނުގައިވާ ހުރިހާ އިޖްރާއަތުތަކެއް ފުރިހަމަ އަށް ތަންފީޒު ކުރެވިއްޖެ ނަމަ އޭގެ ހެޔޮ ބަދަލު މުޅި ޖިނާއީ އަދުލުގެ ނިޒާމުން ފެނިގެންދާނެ އެވެ.
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
މުއްދަތު ހިނގަނީ ދައުވާ ކުރުމަށް އެކަނިތަ؟
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް
ވާނުވާގެ "ވެކްސިނު"ން ފަރުވާއެއް ނެތް!
ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލު އިސްލާހުކުރަނީ
ވާނުވާ އަށް ފަހު ވީނުވީ ނޭނގުން: ހައްލެއް ނެތީތަ؟!
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!
ސިއްރު ހެކިން:ދެކޮޅަށް ވެސް ވިސްނަން ޖެހޭ މައްސަލައެއް
އަދުލުގެ ނިޒާމަށް މުޅިން އާ ކަންތައްތަކެއް