Roadha Mihaaru
ނެޓްފްލިކްސްގެ "ކައުންސިލް" އަށް ވިލް ސުމިތު

ނެޓްފްލިކްސްގެ "ދަ ކައުންސިލް" އަށް ވިލް ސުމިތު

27 ސެޕްޓެމްބަރ 2019

ނެޓްފްލިކްސް ހަދާ ކްރައިމް ޑްރާމާ "ދަ ކައުންސިލް" ގައި ޑްރަގް ލީޑަރެއްގެ ރޯލް ކުޅެން ވިލް ސުމިތު ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސް ހަދާ ކްރައިމް ޑްރާމާ "ދަ ކައުންސިލް" ގައި ޑްރަގް ލީޑަރެއްގެ ރޯލް ކުޅެން ވިލް ސުމިތު ތައްޔާރުވާން ފަށައިފި އެވެ.

އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމަކީ 70 އާއި 80 ގެ އަހަރުތަކުގައި އެމެރިކާގެ ނިއު ޔޯކްގެ ހާލެމަށް އަތްގަދަކޮށްގެން އުޅުނު ހަތް މެމްބަރުން ހިމެނޭ ގޭންގެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ދަ "ދަ ކައުންސިލް" ގައި ވިލް ކުޅޭނީ އޭރު އެ ގޭންގުގެ އިސް ލީޑަރަކަށް އުޅުނު ޑްރަގް ޑީލަރު ނިކޮލަސް (ނިކީ) ބާނެސްގެ ރޯލެވެ. އޭރު އޭނާގެ ގޭންގަކީ އިޓާލިއަން-އެމެރިކަން މާފިއާ ގްރޫޕަކާ ގުޅިގެން ވަރަށް ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރި ބައެކެވެ.

ކުށުގެ ބޮޑު ހާއްޔެއްގެ ތެރެއިން ބާނެސް ހައްޔަރުކޮށްފައި ވަނީ 1978 ގަ އެވެ. އަދި އޭނާ މަރުވީ 2012 ގަ އެވެ. ރިޑްލީ ސްކޮޓް 2007 ގައި ގެނެސްދިން ފިލްމު "އެމެރިކަން ގޭންގްސްޓާ" ގައި ވެސް ބާނެސްގެ ކެރެކްޓާ ދައްކުވައި ދީފައިވެ އެވެ. އެ ފަހަރުގެ އޭނާގެ ރޯލް ކުޅުނީ ކިއުބާ ގުޑިން ޖޫނިއާ އެވެ.

"ދަ ކައުންސިލް" ގެ ސްކްރީންޕްލޭ ލިޔަނީ 2015 ގައި ވިލް ސުމިތު ކުޅުނު ސްޕޯޓްސް ޑްރާމާ "ކޮންކަޝަން" ލިޔެ، ޑައިރެކްޓްކުރި ޕީޓާ ލެންޑެސްމަން އެވެ. އެކަމަކު މި ފަހަރުގެ ފިލްމު އޭނާ ޑައިރެކްޓްކުރާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ޕީޓާ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގެ ބައޮގްރަފިކަލް ޕޮލިޓިކަލް ތުރިލާ "މާކް ފެލްޓް: ދަ މޭން ހޫ ބްރޯޓް ޑައުން ދަ ވައިޓްސް ހައުސް" އެވެ.

ނިކޮލަސް (ނިކީ) ބާނެސް.

ނިކޮލަސް (ނިކީ) ބާނެސް.

"ދަ ކައުންސިލް" އަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، މި ފިލްމުގައި ވިލް ސުމިތާއެކު ދެން ފެންނާނެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ.

މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ވިލް ސުމިތު އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މެއި މަހު ރިލީޒްކުރި "އަލައްދިން" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ "ޖެމިނީ މޭން" އެވެ.