Roadha Mihaaru
ލަންކާގެ ރިޔާސީ އިންތިޚާބު ނޮވެމްބަރު 16 ގައި

ލަންކާގެ ރިޔާސީ އިންތިޚާބު ނޮވެމްބަރު 16 ގައި

19 ސެޕްޓެމްބަރ 2019

ކޮލަމްބޯ (ސެޕްޓެމްބަރު 19) - ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 16 ވަނަ ދުވަހު ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ސެޕްޓެމްބަރު 19) - ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 16 ވަނަ ދުވަހު ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކޮށްފި އެވެ.

ކޮމިޝަންގެ ޗެއާމަން މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ އިންތިޚާބަށް ނަން ހުށަހަޅާ ކެންޑިޑޭޓުންގެ ޑިޕޮސިޓް މިއަދުން ފެށިގެން އަންނަ މަހު 6 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަަމަށެވެ. އެހެންވެ ކެމްޕޭން ކުރުމަށް ލިބޭނީ ހަ ހަފުތާ އަށް ވުރެ ވެސް ކުރު މުއްދަތެކެވެ.

ލަންކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 15.99 މިލިއަން މީހުންނަށެވެ.

އިންތިޚާބު ބާއްވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ރިޔާސީ ދައުރު ހަމަވުމުގެ ދެ މަސް ކުރިންނެވެ. ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ސިރިސޭނާ އަދި އިއުލާން ކުރައްވައިފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީން އިންތިޚާބަށް ނުކުންނަ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ގޯޓާބޭ ރާޖަޕަކްސާ، 70، ހަމަޖައްސައިފަ އެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ޕާޓީގެ އެތެރޭގެ ވާދަވެރިކަން މާބޮޑެވެ.

ތަޖްރިބާކާރުން ބުނަނީ އިންތިޚާބުގައި އެންމެ ބޮޑަށް ވާދަވެރިކަން އޮންނާނީ ކުރީގެ ރައީސް ރާޖަޕަކްސާގެ ކޮއްކޯފުޅު އަދި ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޯޓާބޭ އާއި ރަނިލްގެ ޔޫއެންޕީން ނެރޭ ކެންޑިޑޭޓަކާ ދެމެދު އެވެ.

މިއީ ލަންކާގައި ބާއްވާ އަށް ވަނަ ރިޔާސީ އިންތިޚާބެވެ. އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ ޖެނުއަރީ 8، 2015 ގަ އެވެ. ރިޔާސީ ދައުރެއްގެ މުއްދަތަކީ ހަ އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް ގާނޫނު އަސާސީ އަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން ރިޔާސީ ދައުރު މިހާރު ވަނީ ފަސް އަހަރަށް ކުރުކޮށްފަ އެވެ. އަދި އެކަކަށް ވެރިކަން ކުރެވޭނީ ދެ ދައުރުގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.