Roadha Mihaaru
ގައުމުން ބޭރުގައި އުޅޭ ލަންކާ މީހުން ޑޮލަރު ފޮނުވައިދީ

ގައުމުން ބޭރުގައި އުޅޭ ލަންކާ މީހުން ޑޮލަރު ފޮނުވަން އެދިއްޖެ

15 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 15) - ގައުމުން ބޭރުގައި މަސައްކަތްކުރާ ސްރީ ލަންކާގެ ރައްޔިތުން އެ ގައުމަށް ޑޮލަރު ފޮނުވައިދީ، ގައުމަށް މިހާރު ދިމާވެފައިވާ އިގްތިސާދީ އަޑިއަޑުން ސަލާމަތްވުމަށް އެހީތެރިކަން ދިނުމަށް އެދިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 15) - ގައުމުން ބޭރުގައި މަސައްކަތްކުރާ ސްރީ ލަންކާގެ ރައްޔިތުން އެ ގައުމަށް ޑޮލަރު ފޮނުވައިދީ، ގައުމަށް މިހާރު ދިމާވެފައިވާ އިގްތިސާދީ އަޑިއަޑުން ސަލާމަތްވުމަށް އެހީތެރިކަން ދިނުމަށް އެދިއްޖެ އެވެ.

ކާނާ އާއި ތެޔޮ ވެސް ގަންނާނެ ޑޮލަރު ނެތި، ގައުމު ބަނގުރޫރުވުމާ ގުޅިގެން ލަންކާ އިން ވަނީ އެ ގައުމުގެ ބޭރުގެ 51 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކޭނެކަން އަންގާރަ ދުވަހު އިއުލާންކޮށްފަ އެވެ.

މަރުކަޒީ ބޭންކުގެ އާ ގަވަރުނަރު ނަންދަލަލް ވީރަސިންހަ ވިދާޅުވީ ގައުމުން ބޭރުގައި ދިރިއުޅޭ ލަންކާ މީހުންގެ އެހީތެރިކަން ވެސް މި ދަނޑިވަޅު ބޭނުންވާ ކަމަށެވެ. އޭނާ އެދިވަޑައިގަތީ އިގްތިސާދަށް އެހީއެއް ވެދިނުމުގެ ގޮތުން އެ މީހުން ވެސް ގައުމަށް ޑޮލަރު ފޮނުވައި ދިނުމަށެވެ.

ވީރަސިންހަ ވިދާޅުވީ ޑޮނޭޝަންތަކަށް އޭނާ މިހާރު ވާނީ އެމެރިކާ، އިނގިރޭސި ވިލާތް އަދި ޖަރުމަނުގައި ބޭންކް އެކައުންޓްތައް ހުޅުވާފައި ކަމަށެވެ. އަދި އެ ފައިސާ ޚަރަދު ކުރާނީ އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވައިފަ އެވެ.

"އެ ބާވަތުގެ ފޮރިން ކަރެންސީ ބޭނުންކުރާނީ ކޮންމެހެން ބޭނުންވާ އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ބޭސް އެތެރެކުރުމުގައި،" ވީރަސިންހަ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

ލަންކާގެ ލޯނުތައް ޑިފޯލްޓް ކުރުމުން، ވީރަސިންހަ ވިދާޅުވީ އިންޓަރެސްޓް ޕޭމަންޓުގެ ގޮތުގައި 200 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ފައިސާ ވެސް ބޭނުންކުރާނީ ތަކެތި އިމްޕޯޓް ކުރަން ކަމަށް ވީރަސިންހަ ވިދާޅުވި އެވެ.

ގައުމުން ބޭރުގައި އުޅޭ މީހުން ފައިސާ ފޮނުވަން އެދުނު ނަމަވެސް، ބައެއް މީހުންގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.

"އެހީވުމުގައި މައްސަލައެއް ނެތް. ނަމަވެސް އަހަރެމެންގެ ފައިސާއާ މެދު ސަރުކާރަކަށް އިތުބާރެއް ނެތް،" އޮސްޓްރޭލިއާގައި މަސައްކަތްކުރާ ލަންކާގެ ޑޮކްޓަރަކު ބުންޏެވެ.

ކެނެޑާގައި މަސައްކަތްކުރާ ލަންކާގެ ސޮފްޓްވެއާ އިންޖިނޭރަކު ބުނީ ފޮނުވާ ފައިސާ، އަސާސީ ކަންކަމުގައި ބޭނުންކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.

"ސުނާމީ ފަންޑަށް ވީހެން މި ފައިސާ އަށް ވެސް ވާނީ،" ޑިސެމްބަރު 2004 ގައި އެރި ސުނާމީއާ ގުޅިގެން ލަންކާ އަށް ލިބުނު އެތައް މިލިއަން ޑޮލަރުގެ އެހީ އަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ސުނާމީގައި ހާލުގައި ޖެހުނު ލަންކާ މީހުންނަށް ދިން އެހީ ސިޔާސީ މީހުންގެ ޖީބުތަކަށް ދިޔަ ކަމުގެ ތުހުމަތުތައް ވަނީ ކޮށްފަ އެވެ.