Roadha Mihaaru
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ

މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ

12 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 12) - ރައްޔިތުން ނުކުމެ މަގުތަކުގައި މުޒާހަރާކުރާ ކޮންމެ މިނިޓަކީ ގައުމަށް ޑޮލަރު ހޯދަން ލިބިފައި އޮތް ފުރުސަތު ގެއްލިގެން ދިއުން ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 12) - ރައްޔިތުން ނުކުމެ މަގުތަކުގައި މުޒާހަރާކުރާ ކޮންމެ މިނިޓަކީ ގައުމަށް ޑޮލަރު ހޯދަން ލިބިފައި އޮތް ފުރުސަތު ގެއްލިގެން ދިއުން ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ރައްޔިތުން ނުކުމެ އެންމެ ފަހުން އިހްތިޖާޖް ކުރަން ފެށި ފަހުން، ގައުމާ މުޚާތަބް ކުރައްވައި މަހިންދާ ދެއްވި ފުރަތަމަ ބަޔާނުގައި ވަނީ ރައްޔިތުންގެ ކެތްތެރިކަމަށް އެދިވަޑައިގެންފަ އެވެ.

"ދެތިން ދުވަހުން މިކަން ހައްލު ނުކުރެވުނު ނަމަވެސް، އަޅުގަނޑުމެން މިކަން ވަރަށް އަވަހަށް ހައްލު ކުރާނަން،" ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި މަހިންދާ ވިދާޅުވި އެވެ. "މި ނާޒުކް ދަނޑިވަޅުގައި ބޭނުންވަނީ ރައްޔިތުންގެ ކެތްތެރިކަން."

ތެޔޮ ގަންނާނެ ބޭރު ފައިސާ ނުލިބިގެން ލަންކާގެ 22 މިލިއަން ރައްޔިތުން މުޅި ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ކަރަންޓް ނެތި އެވެ. އެންމެ އަސާސީ ތަކެތީގެ އަގުތައް ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން ރައްޔިތުން ނުކުމެ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދަނީ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ރަސްމީ ގެކޮޅު ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. ރައްޔިތުން އެދެނީ ރާޖަޕަކްސާގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

ރައީސް އާއި ބޮޑުވަޒީރުގެ އިސްތިއުފާ އަށް ގޮވާ ގޮވުންތަކަށް އިޝާރާތް ނުކުރައްވައި، މަހިންދާ ވަނީ ސަރުކާރުގެ ސިޔާސަތުތައް ދިފާއު ކުރައްވައިފަ އެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅު ފަރާތްތަކަށް ދިން ދައުވަތު ގަބޫލް ނުކުރިކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"މިކަން ހައްލު ކުރަން ހުރިހާ ޕާޓީތަކަކަށް ދައުވަތު ދިނިން. އެކަމަކު އެ މީހުން އެއްބަހެއް ނުވި. ދެން މިކަން ހައްލު ކުރާނީ އަޅުގަނޑުމެން،" މަހިންދާ ވިދާޅުވި އެވެ.

ލަންކާ ސަރުކާރުން މިހާރު ދަނީ އައިއެމްއެފް އިން ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ސަރުކާރުން އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަ މަހަށް ތިން ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.

ލަންކާ އިން މިއަދު ވަނީ ބޭރުގެ 51 ބިލިއަން ޑޮލަރުގެ ދަރަނި ޑިފޯލްޓްކޮށްފަ އެވެ.