Roadha Mihaaru
ގޯލް ފޭސްގެ ހާދިސާ ތަހުގީގުކުރަން އަންގައިފި

ގޯލް ފޭސްގެ ހާދިސާ ތަހުގީގުކުރަން އަންގައިފި

10 މެއި 2022

ސްރީ ލަންކާގެ ގޯލް ފޭސްގައި ސުލްހަވެރި މުޒާހަރާއެއްގައި ތިބި ގިނަ އަދަދެއްގެ އާންމުންގެ ތެރެއަށް، ވަދެގަނެ ހަމަލާ ދީ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް، ސްރީ ލަންކާގެ ޖިނާއީ ތަހުގީގުތަކާ ބެހޭ މައި އިދާރާ އަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސްރީ ލަންކާގެ ގޯލް ފޭސްގައި ސުލްހަވެރި މުޒާހަރާއެއްގައި ތިބި ގިނަ އަދަދެއްގެ އާންމުންގެ ތެރެއަށް، ވަދެގަނެ ހަމަލާ ދީ ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް، ސްރީ ލަންކާގެ ޖިނާއީ ތަހުގީގުތަކާ ބެހޭ މައި އިދާރާ އަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ލަންކާ ފުލުހުން ބުނި ގޮތުގައި، އިއްޔެ ގޯލް ފޭސްގައި ހަމަނުޖެހުން އުފައްދައި، މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިން މީހުން މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް މިހާރު ވާނީ އަންގައިފަ އެވެ. ފުލުހުން މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ އިރު، އެ ތަހުގީގު އަވަސްކޮށް، ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް، ލަންކާގެ އެޓާނީ ޖެނެރަލް އިއްޔެ ވަނީ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލަށް އަންގަވައިފަ އެވެ.

އިއްޔެ އިން ފެށިގެން ލަންކާގެ މުޒާހަރާތައް ވަރުގަދަވީ، ރައީސް ގޯޓާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލައި، ގޯލް ފޭސް ސަރަހައްދުގައި، ހަމަހިމޭން މުޒާހަރާގައި ތިބި މީހުންގެ ތެރެއަށް، ރާޖަޕަކްސަގެ ގާތްތިމާގެ މީހުންނާއި އޭނާ އަށް ތާއީދުކުރާ މީހުން ވަދެ، މުޒަހަރާގެ ބައިވެރިންނަށް ހަމަލާދީ ހަމަނުޖެހުން ހިންގަން ފެށުމާ ގުޅިގެންނެވެ.

ވެރިކަން ކުރާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އަށް ތާއީދު ކުރާ މީހުންތައް، ދަގަނޑުބުރިތަކާއި ލަކުޑިބުރި ފަދަ ތަކެތި ހިފައިގެން، ގޯލް ފޭސްގައި މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއަށް ވަދެގަތް އިރު، އެ ސަރަހައްދުގެ އަމަން ބަލަހައްޓަން ތިބި ފުލުހުން ތިބީ، މަންޒަރު ބަލާށެވެ.

ވެރިކަން ކުރާ ޕާޓީ އަށް ތާއީދުކުރާ މީހުން ގޯލް ފޭސް އަށް ވަދެ، އެ ތަނުގައި މުޒާހަރާ ކުރަން ތިބި މީހުންގެ ފޭލިގެތައް ވައްޓާލައި، ތަކެއްޗަށް ގެއްލުން ދިނުމަށް ފަހު، މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދޭން ފެށީ އެވެ. އެ ސަރަހައްދުގައި ތިބި ފުލުހުން، ކަރުނަގޭސް ޖަހައި، ޕްރެޝަރުގައި ފެން ޖަހައިގެން ހަމަނުޖެހުން މައިތިރިކުރަން ފެށި އިރު، ދެ ފަރާތުގެ ދެމެދުގައި ވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކަށް އަނިޔާވެފަ އެވެ.

"ގޯޓާގޯގާމާ" (ގޯޓާބޭ ރަށަށް ދޭ) ގެ ޝިއާރުގެ ދަށުން ގޯލް ފޭސްގައި މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއަށް، ވެރިކަން ކުރާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުން ވަދެ ހަމަނުޖެހުން ހިންގަން ފެށީ، މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރުމަށް ފަހު އެ ތަނަށް ގޮހެވެ. ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތައް ހިނގައި، "ގޯޓާގޯގާމާ" ގެ ބައިވެރިން އެންމެ ފަހުން ސަރުކާރުގެ ތަންތަނަށް ގެއްލުން ދޭން ފެށީ އެވެ.

"ގޯޓާގޯގާމާ" ގެ ބައިވެރިން ސުލްހަވެރި މުޒާހަރާގައި ތިބީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީއާ މާ ދުރު ނޫން ހިސާބަކުން، ގޯލް ފޭސްގެ ތެރޭގަ އެވެ.

ރާޖަޕަކްސަ އަށް ތާއީދުކުރާ މީހުން، ގޯލް ފޭސް ތެރެއަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން، "ގޯޓާގޯގާމާ" ގެ ބައިވެރިން ބަދަލު ހިފުމުގެ ޖޯޝްގައި ނުކުމެ، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނާ ދިމާކުރަން ފެށި އެވެ. އެ ގޮތުން އިއްޔެ އިސްތިއުފާ ދެއްވި ބޮޑުވަޒީރުގެ ގެއަކާއި އޭނާގެ ތިމާގެ މީހުންގެ ގެއެއްގައި ހުޅުޖަހައި ރޯކޮށްލި އެވެ.

އޭގެ އިތުރުން ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ ގޭގޭގައި ވެސް ހުޅުޖަހައި އެމީހުންގެ އެއްގަމު އުޅަނދުތަކުގައި ވެސް ހުޅުޖެހި އެވެ. އިއްޔެގެ ހަމަނުޖެހުންތަކުގައި މަދުވެގެން ފަސް މީހަކު މަރުވެ އިތުރު 200 މީހަކު ޒަހަމްވި އެވެ.