Roadha Mihaaru
ގޯޓާބޭގެ ތަގުރީރުން ރައްޔިތުން މައިތިރިއެއް ނުވި

ގޯޓާބޭގެ ތަގުރީރުން ވެސް ރައްޔިތުން މައިތިރިއެއް ނުވި

12 މެއި 2022

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ހެދި އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ގޮވާލައި، އާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ބީރު ކަންފަތެއް ދެއްވައި، ރޭ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަތަކުން ވެސް ރައްޔިތުން މައިތިރިވާ ގޮތެއް ނުވި އެވެ.

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ހެދި އެ ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ގޮވާލައި، އާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް ބީރު ކަންފަތެއް ދެއްވައި، ރޭ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަތަކުން ވެސް ރައްޔިތުން މައިތިރިވާ ގޮތެއް ނުވި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން، އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ގޯޓާބޭގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށި ފަހުން، އޭނާ ގައުމާ މުޚާތަބު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާތަބު ކުރައްވަމުން ގޯޓާބޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި ހުރި ބައެއް ބާރުތައް ގާނޫނު ހަދާ މަޖިލީހަށް ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް އެކަން ކުރައްވާނެ ގޮތުގެ ތަފްސީލެއް ވެސް އަދި އެކަން ކުރައްވާނެ މުއްދަތެއް ވެސް ވިދާޅެއްނުވެ އެވެ. މަގާމުން އިސްތިއުފާ ދެއްވުމުގެ ބަދަލުގައި ގިނަ ޕާޓީތަކުގެ ގުޅިފައިވާ ސަރުކާރެއް އެކުލަވައިލެއްވުމާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން އާންމު ރައްޔިތުން ބުނަނީ، ހަގީގީ މައްސަލަ އެއްފަރާތް ކުރައްވަން އުޅުއްވާ ކަމަށެވެ.

ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

"މިދިޔަ 30 ދުވަހު ކަލޭ ހުރީ ކޮންތާކު؟ ރައްޔިތުން ބޭނުންކުރާނެ ބޭހެއް ނެތް. ރައްޔިތުން ކާނެ ކާބޯތަކެއްޗެއް ނެތް. މުޅި ގައުމު އޮތީ ހުއްޓުން އަރާފައި،" ކޮޅުނބުގައި މުޒާހަރާ އަށް ނުކުމެ އުޅުނު އާންމުންގެ ތެރެއިން ކަވިންޑިޔާ ތެންނަކޫން ކިޔާ މީހަކު ބީބީސީ އަށް ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި، ގޯޓާބޭ ގައުމަށް ގެންނަން ބޭނުންވާ ކަމަށް އެ ވިދާޅުވާ އިސްލާހީ ބަދަލުތަކަކީ ރައްޔިތުން ބޭނުންވެގެން އަޑު އުފުލަމުންދާ ކަންތަކެއް ނޫނެވެ. އޭގެ ބަދަލުގައި ރައްޔިތުން މިވަގުތު ބޭނުންވަނީ ރައީސް ކަމުގެ މަގާމުން ގޯޓާބޭ އިސްތިއުފާ ދެއްވަން ކަމަށާއި، މިހާތަނަށް ކުރި މުޒާހަރާތަކުން ވެސް ގޯޓާބޭ އަށް އެކަން ވިސްނިވަޑައިނުގަންނަވާހެން ހީވާ ކަމަށް އޭނާ ބުންޏެވެ.

ރޭ ދެއްވި ތަގުރީރުގައި ގޯޓާބޭ ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ޕާޓީތައް ބައިވެރިވާ ސަރުކާރެއް އެކުލަވައިލައްވާނެ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި އަގުލަބިއްޔަތު އޮތް ގޮތެއްގެ މައްޗަށް ބޮޑުވަޒީރަކު ވެސް އައްޔަންކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ލަންކާގެ އާ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރައްވާނީ، ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ރަނިލް ވިކްރަމަސިންހަ އެވެ. އޭނާ ބޮޑުވަޒީރަކަށް ހަމަޖައްސައިފި ނަމަ، ރާޖަޕަކްސަގެ އާއިލާ އަށް، ދައުލަތުގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އެވެ.