Roadha Mihaaru
ލަންކާގެ ގާނޫނު ހަދާ މަޖިލިސް އެއްކޮށްދޭން އެދިއްޖެ

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އެއްކޮށްދިނުމަށް ގޮވާލައިފި

10 މެއި 2022

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ވީއެންމެ އަވަހަކަށް އެއްކޮށްދިނުމަށް އެދިވަޑައިގެން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނާ، ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަށް ގޮވާލައްވައިފި އެވެ.

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ވީއެންމެ އަވަހަކަށް އެއްކޮށްދިނުމަށް އެދިވަޑައިގެން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނާ، ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އަށް ގޮވާލައްވައިފި އެވެ.

ގާނޫނު ހަދާ މަޖިލިސް އެއްކޮށްދިނުމަށް (ހާއްސަ ޖަލްސާއެއް ބާއްވައިދިނުމަށް) މަޖިލީހުގެ ރައީސް މި އެދިވަޑައިގަތީ، ލަންކާ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުން މަރުވެފައިވަނިކޮށެވެ. ގާނޫނު ހަދާ މަޖިލީހުގެ މިއަހަރުގެ ތާވަލު ހަމަޖެހިފައި އޮތް ގޮތުން، އެ މަޖިލީހުގެ ޖަލްސާއެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ނަމަވެސް ކުއްލި ހާލަތްތަކުގައި، ގައުމުގެ ރައީސް ނެރުއްވާ ގަރާރަކުން ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ތާވަލުކުރެވޭނެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވަނީ، ލަންކާގެ ރައީސްގެ އެދިވަޑައިގަތުމަކަށް ބާއްވާ ޚާއްސަ ޖަލްސާއެއްގެ ގޮތުގައި، ދައުރުން ބޭރުގައި ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށެވެ.

ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާއި ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި، އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރަކު ވަނީ އަވަހާރަވެފަ އެވެ. އަދި ވެރިކަންކުރާ ޕާޓީގެ ބައެއް މެންބަރުންގެ ގެތަކާއި އެއްގަމު އުޅަނދުތަކާއި ބައެއް ފިހާރަތަކުގައި ހުޅުޖަހައި، މުޅި ކޮލޮމްބޯގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ.

ލަންކާ ސަރުކާރާއި ރައީސްގެ އިސްތިއުފާ އަށް ގޮވަމުން، އެތައް ހާސް ބަޔަކު ލަންކާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަން ފެށީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކާފިޔޫ ހިންގާފައި ވަނިކޮށެވެ. މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، މުޒާހަރާތައް ރޫޅާލައި މަގުމަތިން މީހުން ހުސްކުރުމަށް، ހަތިޔާރުގެ ބޭނުން ކުރުމުގެ އިޚްތިޔާރު ސިފައިންނަށް ލިބިދެ އެވެ.

އިއްޔެ އިން ފެށިގެން ލަންކާގެ މުޒާހަރާތައް ވަރުގަދަވީ، ރައީސް ގޯޓާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލައި، ގޯލް ފޭސް ސަރަހައްދުގައި، ހަމަހިމޭން މުޒާހަރާގައި ތިބި މީހުންގެ ތެރެއަށް، ރާޖަޕަކްސަގެ ގާތްތިމާގެ މީހުންނާއި އޭނާ އަށް ތާއީދުކުރާ މީހުން ވަދެ، މުޒަހަރާގެ ބައިވެރިންނަށް ހަމަލާދީ ހަމަނުޖެހުން ހިންގަން ފެށުމާ ގުޅިގެންނެވެ.

އިއްޔެގެ ހަމަނުޖެހުންތަކުގައި މަދުވެގެން ފަސް މީހަކު ވަނީ މަރުވެފަ އެވެ. އަދި އިތުރު އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބި ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.