31 އޯގަސްޓް 2022
ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށާއި، އެ ހާލަތަށް ގައުމު ވެއްޓެން މެދުވެރިވި ސަބަބުތަކަށް ބަލާއިރު، ލޯނު އެހީގެ މައްޗަށް ގައުމުގެ އިގްތިސާދު ބަރޯސާ ކުރެވެން ނެތް ކަމަށް، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަށާއި، އެ ހާލަތަށް ގައުމު ވެއްޓެން މެދުވެރިވި ސަބަބުތަކަށް ބަލާއިރު، ލޯނު އެހީގެ މައްޗަށް ގައުމުގެ އިގްތިސާދު ބަރޯސާ ކުރެވެން ނެތް ކަމަށް، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.
މިއަހަރަށް އެކުލަވައިލި އިންތިގާލީ މަރުހަލާގެ ބަޖެޓް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަމުން ރައީސް ރަނިލް އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ އަރަނި ބަޖެޓަކަށް ހެދުމެވެ.
"އަހަރެމެން މަސައްކަތް މިކުރަނީ، އިގްތިސޯދު ކުރިއަރަމުން އަންނަ ރޭޓް ހަމައަކަށް އެޅުވުން. އަހަރެމެންގެ އުންމީދަކީ، 2026 ވަނަ އަހަރުގެ ނިޔަލަށް މި ގައުމުގައި ހަރުދަނާ އިގްތިސާދީ ބިންގަލެއް އެޅުން."
ރަނިލް ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރު ނިމުނު އިރު ލަންކާގެ އާންމު ދަރަނި ހުރީ ގައުމީ އާމްދަނީއާ އަޅައި ބަލާއިރު ގާތްގަނޑަކަށް 110 ޕަސެންޓްގަ އެވެ. އަދި އިއްޔެ ހުށަހެޅުއްވި ބަޖެޓްގެ މައިގަނޑު އަމާޒަކީ، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އެ މިންވަރު 100 ޕަސެންޓަށް ދަށް ކުރުން ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
"ސަރުކާރުން އެކުލަވާލާފައިވާ ގައުމީ އިގްތިސާދީ ސިޔާސަތުގެ މައްޗަށް، އަޅުގަނޑުމެންގެ މި ގައުމާއި ގައުމުގެ އާބާދީ ބިނާކޮށްފި ނަމަ، މި ގައުމުގެ މިނިވަންކަމަށް 100 އަހަރު ފުރުން، 2048 ވަނަ އަހަރު ފާހަގަކުރާ އިރު، މި ގައުމަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދިދާނެ."
ރަނިލް ވިދާޅުވި ގޮތުގައި ގައުމަށް މެދުވެރިވެފައިވާ އިގްތިސާދީ މައްސަލަތަކަށް ބަލާއިރު، ލޯނު އެހީއަށް ބަރޯސާވާ ގައުމެއްގެ ގޮތުގައި ސްރީ ލަންކާއަށް އޮވެވޭކަށް ނެތެވެ.
"ހަމަ އެފަދައިން އިގްތިސާދީ ގޮތުން ވަރުގަދަ ގައުމުތަކުން ނުފޫޒު ފޯރުވަން ބޭނުންކުރާ އާލާތެއްގެ ގޮތުގައި ވެސް ސްރީ ލަންކާއަށް އޮވެވޭކަށް ނެތް. މި ގައުމު މިނިވަންކަން މަތީ ދަމަހައްޓަން ބޭނުންވާ ނަމަ، މި ގައުމުގެ އެންމެންގެ ގުޅިފައިވާ ތަސައްވުރަކަށް ހަދަންވީ، އަހަރެމެންގެ ގައުމަކީ ހަމަޖެހުން ލިބިފައިވާ ވަރުގަދަ ގައުމަކަށް ހެދުން،" ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވި އެވެ.
އެކަން ހާސިލުކުރެވޭނީ ސްރީ ލަންކާގައި ހުރި ވިޔަފާރިއާ ބެހޭ މުއައްސަސާތަކަކީ، ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރެވޭ ވަރުގެ މުއައްސަސާތަކަކަށް ހެދުމަށް އެންމެން ގަދައަޅައި މަސައްކަތް ކޮށްގެން ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. އަދި ތައުލީމު ލިބިގެން ރަނގަޅު އަޚްލާގެއްގެ މަތީ ތަރުބިއްޔަތުވެފައިވާ މުޖްތަމައެއް ބިނާކުރެވިގެން ނޫނީ، އިޖްތިމާއީ އަދުލުވެރިކަން ވެސް ގާއިމު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންނަށާއި ގައުމުގެ އާންމު ރައްޔިތުންނަށް އަޅުގަނޑު މިއަދު މި ގޮވައިލަނީ، ތިޔަ ބޭފުޅުންގެ ޒާތީ ސިޔާސީ ލަނޑުދަނޑިތައް އެއްފަރާތްކޮށް، މި ގައުމުގެ ބިނާކުރުމުގެ މަސައްކަތުގައި ތިޔަ ހުރިހާ ބޭފުޅުން އެއްބައިވެ އެކަތިގަނޑަކަށް ވުމަށް. އަހަރެމެން އެންމެން އެއްގަލަކަށް އަރައިފިއްޔާ، އަހަރެމެންގެ މާދަރީ ވަޒަން މައްޗަށް އުފުލައިލުމަކީ އަހަރެމެންނަށް ކުރެވިދާނެ ކަމެއް. އަދި ބަދަލުވަމުންދާ ދުނިޔޭގައި ކުރިއަރަމުންދާ އަދި އެހެން ގައުމުތަކާ ވާދަކުރެވޭ ފަދަ ގައުމަކަށް މި ގައުމު ހެދިދާނެ."
އިގްތިސާދީ ގޮތުން ގައުމު ހަމައަކަށް އެޅުވުމުގެ ގޮތުން ސަރުކާރުން ކުރަން ރާވާފައިވާ އެހެން ބައެއް ކަންތައް ވެސް، ރަނިލް އިއްޔެ ވަނީ ގާނޫނު ހަދާ މަޖިލީހާ ހިއްސާ ކުރައްވައިފަ އެވެ. އެ ގޮތުން ގައުމުގެ އިގްތިސާދީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން މުޅިން އަލަށް ނުވަ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، މިހާރު އަމަލުކުރަމުން އަންނަ ހަތަރު ގާނޫނެއް އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ބިލަކާއި، ދައުލަތުގެ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ބިލަކާއި، އިގްތިސާދު ހަމައަކަށް އެޅުވުމުގެ ބިލަކާއި އޯފްޝޯ އިކޮނޮމިކް މެނޭޖްމަންޓް ބިލަކާއި ސަރުކާރު މުވައްޒަފުންގެ ޚިދުމަތުގެ ބިލަކާއި ދައުލަތުގެ ފައިސާ ބެލެހެއްޓުމާ ބެހޭ ބިލަކާއި ދިގު މުއްދަތަށް ކުއްޔަށް ދީފައިވާ ދައުލަތުގެ މުދަލާއި ތަންތަން އަނބުރާ ހޯދުމުގެ ބިލަކާއި ޕެންޝަން ފަންޑުގެ ބިލެއްގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ލަންކާ ރައްޔިތުންގެ ކަންތައް ބެލެހެއްޓުމާ ބެހޭ ބިލެއް މުޅިން އަލަށް އެކުލަވައިލާނެ އެވެ.
މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުތަކުގެ ތެރެއިން، ދަނޑުވެރިކަމުގެ ތަރައްގީއާ ބެހޭ ގާނޫނާއި މާލިއްޔަތުގެ ގާނޫނާއި ބޭރު ފައިސާގެ މުއާމަލާތްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ވެސް ވަރަށް އަވަހަށް ހުށަހަޅާނެ އެވެ.
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ
ރަނިލް، ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައިފި
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
ދޮޅު އަހަރުގެ ތެރޭގައި ލަންކާ ހަމައަކަށް އަޅުވަދޭނަން
ލަންކާގެ ކާފިއު އުވައިލުމުން ރޭލު ދަތުރުތައް ފަށައިފި