05 ޖުލައި 2022
މިހާރު އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާގެ އިގްތިސާދު ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބަ އޮތް ކަމަށާއި، ނަމަވެސް އެކަމަށް މަދުވެގެން ދޮޅު އަހަރު ނަގާނެ ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
މިހާރު އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާގެ އިގްތިސާދު ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބަ އޮތް ކަމަށާއި، ނަމަވެސް އެކަމަށް މަދުވެގެން ދޮޅު އަހަރު ނަގާނެ ކަމަށް ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ރަނިލް ވިދާޅުވި ގޮތުގައި މިހާރު ލަންކާ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިކަން ފިލައިގޮސް، ހަމަޖެހުން އައުމަށްޓަކައި 18 މަސްދުވަސް ބޭނުންވާނެ އެވެ.
"މިއަންނަ 2023 ވަނަ އަހަރަކީ ދަތި އުނދަގޫ އަހަރަކަށް ވާނެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ކަންކަން ރަނގަޅުވާން ފަށާނެ،" މިދިޔަ ބުރާސްފަތި ދުވަހު، އަލް ޖަޒީރާ ޓީވީ ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިދާޅުވި ގޮތުގައި އޭނާ ގައުމު ހިންގުމާ ހަވާލުވެވަޑައިގަތީ ވަރަށް އާދަޔާ ޚިލާފު ދަނޑިވަޅެއްގެ ތެރޭގަ އެވެ.
"ގައުމު ހިންގާނެ ސަރުކާރެއް ނެތި އަހަރެމެން ދެ ދުވަސް ހޭދަކުރިން. އޭރު ކަންތައް ދިޔައީ ގޯހުން ގޯހަށް،" ކައްކާ ގޭހާއި ތެލުގެ ބާވަތްތައް ލިބުން ދަތިވެ، ކަރަންޓުގެ ޚިދުމަތަށް ބުރޫއެރުމާ ވިދިގެން އާންމުން މަގުތަކަށް ނުކުމެ ކުރަން ފެށި ސިލްސިލާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ރަނިލް ވިދާޅުވި އެވެ.
"އަހަރެންނަށް އެވަގުތު ވިސްނުނީ ގައުމުގެ ހާލަތު މިހާރު މިއޮތީ ވަރަށް ގޯސްވެފައޭ. މިއީ ކަލޭގެ ވެސް ގައުމޭ. އެހެންވީމާ، ކާމިޔާބުވާނެތޯ ނުވާނެތޯ ވިސްނަން ހުރުމަކަށް ވަގުތެއް ނެތޭ. މަގާމާ ހަވާލުވެ ކާމިޔާބުވޭތޯ މަސައްކަތް ކުރަންވިއްޔޭ ހިތަށް އެރީ. ގައުމުގެ ހާލަތު ބަދަލުކޮށްލެވޭނެ ކަމުގެ ޔަގީންކަން އަހަރެންނަށް އެބަ އޮތް."
ރަނިލް ވިދާޅުވި ގޮތުގައި މި މަހުގެ 22 ވަނަ ދުވަހު ޕެޓްރޯލްގެ އާ ޝިޕްމެންޓް ލިބުމުން، ޕެޓްރޯލް ލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ކައްކާ ގޭހުގެ އާ ޝިޕްމެންޓް ވެސް ލިބޭނެ އެވެ. އޭގެ އިތުރުން ކަރާސީނާއި ޑީސަލްގެ އާ ޝިޕްމެންޓަކަށް ވެސް މިހާރު އޯޑަރު ދީފައިވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.
ބޭރު ފައިސާ ލިބުން ދަތިވެ، އަސާސީ ކާބޯތަކެއްޗާއި ކައްކާ ގޭހާއި ތެލުގެ ބާވަތްތަކާއި ބޭސްވެރިކަމަށް ބޭނުންވާ ސާމާނު އެތެރެކުރުން ހުއްޓުމަކަށް އައުމާ ގުޅިގެން، ލަންކާގެ 22 މިލިއަން މީހުން މިހާރު ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހިފަ އެވެ. ބޭރު ފައިސާގެ ރިޒާވް ހުސްވެ، ބޭރުގެ ދަރަނިތައް އަދާކުރެވޭނެ ގޮތެއް ނެތި، ގައުމު ބަނގުރޫޓުވުމާ ގުޅިގެން، ލަންކާ އަށް ލޯނު ދިނުމަށް ވެސް ގިނަ ގައުމުތައް މިހާރު ދެކޮޅު ހަދަ އެވެ.
އާންމު ދަތުރުފަތުރުތައް ހުއްޓުމާ ގުޅިގެން، ވެރިރަށް ކޮލަމްބޯގެ މަގުތައް ވެސް މިހާރު އާންމު ގޮތެއްގައި ފެންނަނީ މުޅިން ހުސްކޮށެވެ. ކޮންމެވެސް ދުވަހަކުން ޕެޓްރޯލާއި ޑީސަލް ލިބޭނެ ކަމުގެ އުންމީދުގައި ޕެޓްރޯލް ސްޓޭޝަންތައް ކައިރީ އެތައް ސަތޭކަ މީޓަރަކަށް، އެއްގަމު އުޅަނދުތަކުގެ ދިގު ކިޔޫތައް މިހާރު ވެސް އެބަ އޮތެވެ.
ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި ގިނަ ވިޔަފާރިތައް ބަންދުކޮށްފައި ހުރި ނަމަވެސް، ކޮލަމްބޯގެ ޓޫރިސްޓު ހޮޓާތައް އަދިވެސް ހުރީ ހުޅުވައިފަ އެވެ. ކާބޯތަކެތީގެ އަގު ގާތްގަނޑަކަށް 60 އިންސައްތަ އުފުލިފައިވާ އިރު، ލަންކާ ފައިސާގެ އަގު ވަނީ، އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، 80 އިންސައްތަ ވެއްޓިފަ އެވެ.
ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ
ރަނިލްގެ އަމާޒަކީ ލަންކާ ހަމައަކަށް އެޅުވުން
ލަންކާ އަށް ޕެޓްރޯލް ލިބޭނީ ޖުލައި 22 ގައި
ލަންކާގައި އާންމުންނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި
ސްރީ ލަންކާ އިން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ހާލުގައި ޖެހިފައިވާ ލަންކާ އަށް ރަޝިޔާގެ ތެޔޮ
ލަންކާ އަށް ތެޔޮ ފޯރުކޮށްދޭން ގިނަ ހުށަހަޅުންތަކެއް
ލަންކާގައި ވަގަށް ތެޔޮ ވިއްކާ މީހުން ހައްޔަރުކުރަނީ
ލަންކާގެ ކާފިއު އުވައިލުމުން ރޭލު ދަތުރުތައް ފަށައިފި