Roadha Mihaaru
ނޯވިޗް އަތުން ސިޓީ ބަލިވުމުން ލިވަޕޫލަށް ލީޑެއް

ނޯވިޗް އަތުން ސިޓީ ބަލިވުމުން ލިވަޕޫލަށް ލީޑެއް

15 ސެޕްޓެމްބަރ 2019

ލަންޑަން (ސެޕްޓެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުން މި ފަހަރު ލީގަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން 3-2 އިން ބަލިވިއިރު، ލީގުގެ އެއް ވަނައިގައި ލިވަޕޫލަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުން މި ފަހަރު ލީގަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން 3-2 އިން ބަލިވިއިރު، ލީގުގެ އެއް ވަނައިގައި ލިވަޕޫލަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ލީގުގައި މިހާތަނަށް ފަސް މެޗު ކުޅުނުއިރު. ލިވަޕޫލް އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ރޭ ކުޅުނު މެޗުން ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހަށް ފަހު ފުރަތަމަ ފަހަރަށް ރޭ ލީގުގައި ސިޓީ ބަލިވިއިރު، އެ ޓީމު ދެ ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ.

ތިން ވަނައިގައި ޓޮޓެންހަމް އޮތީ ރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 އިން ހޯދި މޮޅާ އެކު ފަސް މެޗުން އަށް ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ވަނީ ފަސް މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އަދި ރޭ ރަށުން ބޭރުގައި ވުލްވްސް އަތުން 5-2 އިން މޮޅުވި ޗެލްސީ ހަ ވަނައިގައި އޮތްއިރު އެ ޓީމަށް ވެސް ވަނީ ފަސް މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ.

އަނިޔާގެ ސަބަބުން ނޯވިޗްގެ އަށް ކުޅުންތެރިއަކު ނެތި ކުޅުނުއިރު، އެ ޓީމުން ވަނީ ފުރަތަމަ 28 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ސިޓީގެ އެއް ވަނަ ޑިފެންޑަރު އައިމެރިކް ލަޕޯޓް ނެތުމުން ގިނަ މައްސަލަތަކެއް އެ ޓީމަށް ދިމާވި މި މެޗުގައި ނޯވިޗުން ލީޑުނެގީ މެޗުގެ 28 ވަނަ މިނިޓްގައި ކެނީ މެކްލީން ޖެހި ގޯލުންނެވެ. އޭގެ 10 މިނިޓް ފަހުން ކައުންޓަ އެޓޭކުގައި ޓޮޑް ކާންޓްވެލް ވަނީ ނޯވިޗްގެ ލީޑުފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސާޖިއޯ އަގުއޭރޯ ވަނީ ގޯލެއް ޖަހައި ސިޓީ އަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ހޯދައިދީފަ އެވެ.

އެކަމަކު ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ޓީމޫ ޕޫކީ ވަނީ ނޯވިޗަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. ނިކޮލަސް އޮޓަމެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ނޯވިޗްގެ އެމިލިއާނޯ ބުއެންޑީއާ ދިން ބޯޅަ ޕޫކީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ނަތީޖާ ހަމަހަމަކުރަން ސިޓީން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމަށް ޖެހުނީ އެންމެ ލަނޑެކެވެ. އެއީ މެޗުގެ 88 ވަނަ މިނިޓްގައި ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީގޯ ޖެހި ގޯލެވެ.

ނޯވިޗްގެ ކޯޗު ޑެނިއަލް ފާކާ ބުނީ މިއީ އެ ކްލަބްގެ ތާރީހުގައި ވެސް ހާއްސަވާނެ ދުވަހެއް ކަމަށާއި ސިޓީ ކަހަލަ ޓީމެއްގެ އަތުން މޮޅުވެވުމަކީ ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކުރެވިގެންވާނެ ކަމެއް ކަމަށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ނޯވިޗުން ހޯދި ކާމިޔާބަށް މަރުހަބާ ކިޔައިފަ އެވެ. އަދި މީގެން ސިޓީން ދަސްކުރަންޖެހޭ ގިނަ ކަންތައްތައް ފާހަގަވި ކަމަށް ބުންޏެވެ.

ޗެލްސީގެ ޓެމީ އަބްރަހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ރޭގެ މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދާފައި. -- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ޓެމީ އަބްރަހަމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ރޭގެ މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދާފައި. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑުނެގީ ނިއުކާސަލް އިންނެވެ. އެ ޓީމުގެ ޖެޓްރޯ ވިލެމްސް މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނަގައިދީފައި ވަނިކޮށް ލިވަޕޫލް ކޮޅަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އަނބުރާލައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ސަޑިއޯ މާނޭ އެވެ. ދެ ވަނަ ހާފްގައި ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅަ އަކުން މުހައްމަދު ސަލާހު އެވެ.

ރަށުން ބޭރުގައި ވުލްވްސް އަތުން ޗެލްސީ މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ރޭގެ މެޗުގައި ހެޓްރިކެއް ހެދި ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމް އެވެ. އަބްރަހަމް އަތުން ވަނީ ރޭގެ މެޗުގައި ބައިކޮޅަށް ވެސް ގޯލެއް ވަދެފަ އެވެ. ޗެލްސީގެ އަނެއް ދެ ލަނޑު ޖެހީ މޭސަން މައުންޓާއި ފަހަތަށް ކުޅޭ ފިކާޔޯ ޓޮމޯރީ އެވެ. ވުލްވްސްގެ ފަހު ގޯލު ޖެހި ޕެޓްރިކް ކުޓްރޯނޭ އެވެ.

ލެސްޓާގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ މާކަސް ރެޝްފޯޑް އެވެ.

އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް އިން ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރު ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ދެ ގޯލު ޖެހިއިރު، އެރިކް ލަމޭލާ ވަނީ ލަނޑެއް ޖަހައިފަ އެވެ. އަނެއް ގޯލަކީ ކްރިސްޓަލް ޕެލަސްގެ ޕެޓްރިކް ވެން އާން ހޯލްޓް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.