Roadha Mihaaru
ޗެލްސީ އަށް ނަސީބު މޮޅެއް، ލިވަޕޫލާއި ސިޓީ އެއްވަރު

ޗެލްސީ އަށް ނަސީބު މޮޅެއް، ލިވަޕޫލާއި ސިޓީ އެއްވަރު

04 ސެޕްޓެމްބަރ 2022

ލަންޑަން (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ނަސީބު މޮޅެއް ހޯދި އިރު، ލިވަޕޫލާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސް ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ނަސީބު މޮޅެއް ހޯދި އިރު، ލިވަޕޫލާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވެސް ކުޅުނު މެޗު އެއްވަރު ވެއްޖެ އެވެ.

ޗެލްސީ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް ބަލިކުރީ ފަހަތުން އަރައި 2-1 އިންނެވެ.

ވެސްޓް ހޭމްގެ ޑިފެންސުން މޮޅަށް ކުޅުނު މެޗުގައި އެންމެ ވެސްޓް ހޭމް އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ދެވަނަ ހާފުގެ 62 ވަނަ މިނިޓުގައި މިޝޭލް އެންޓޯނިއޯ އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅަ ކީޕަރު އެޑުއާޑް މެންޑީ އަށް ދިފާއު ނުކުރެވުމުގެ ފައިދާ ނަގައެވެ.

ވެސްޓް ހޭމް އިން ލީޑު ނެގިތާ 10 މިނިޓު ފަހުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މާކް ކުކުރޭޔާ އާއި މަޓެއޯ ކޮވަސިވްގެ ބަދަލުގައި ބެން ޗިލްވެލް އާއި ކައި ހަވާޓްޒް ކުޅެން އަރުވައިފަ އެވެ. އަދި ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް ވަނީ އެޓީމުން ލަނޑު ޖެހި އެންޓޯނިއޯގެ ބަދަލުގައި ސައީދު ބެންރަހްމާ ކުޅެން ނެރެފަ އެވެ.

އެންޓޯނިއޯ ވެސްޓް ހޭމް އިން ލީޑު ނެގި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އެންޓޯނިއޯ ވެސްޓް ހޭމް އިން ލީޑު ނެގި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކުޅެން ނުކުތްތާ ހަތަރު މިނިޓު ފަހުން ޗެލްސީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ވާތުބެކް ޗިލްވެލް އެވެ. އޭނާގެ ލަނޑު ޖަހަން އެހީތެރިވީ، މިރޭގެ މެޗުގައި ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޑިފެންޑަރު ތިއާގޯ ސިލްވާ އެވެ. ޗެލްސީން ލީޑު ނެގީ 88 ވަނަ މިނިޓުގައި ޗިލްވެލް ނެގި ހުރަހަކުން ހަވާޓްޒް ކާމިޔާބުކުރި ލަނޑަކުންނެވެ.

ޗެލްސީން ލަނޑު ޖެހުމުގެ ދެ މިނިޓު ކުރިން ކުޅެން އެރި ވެސްޓް ހޭމްގެ ސްޓްރައިކަރު މެކްސްވެލް ކޯނޭ ވަނީ، ޗެލްސީން ލީޑު ނެގިތާ މިނިޓެއް ފަހުން ވެސްޓް ހޭމް އަށް ނަތީޖާ އެއްވަރުކުރަން ލަނޑު ޖަހައި ދީފަ އެވެ. ރެފްރީ އެންޑްރޫ މެޑްލޭ އެއީ ގޯލެއް ކަމަށް ފުރަތަމަ ނިންމި ނަމަވެސް، ފަހުން ވަނީ ދިގު ވީއޭއާރު ރިވިއު އަކަށް ފަހު އެ ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ގޯލު ބަލައި ނުގަންނަން ނިންމީ، ޗެލްސީގެ ކުޅުންތެރިއެއް ބޮލުން ފަހަތަށް ޖައްސާލި ބޯޅަ އަށް ކީޕަރު މެންޑީ އެރި ވަގުތު، އެ ބޯޅައަށް މަސައްކަތް ކުރި ވެސްޓް ހޭމްގެ ޖަރޯޑް ބޯވެން ކުރިއަށް އަރަނިކޮށް ކީޕަރު އަތުގައި އޭނާގެ ފައި ޖެހުމުން އެއީ ފައުލެއް ކަމަށް ބަލައިފަ އެވެ.

ވެސްޓް ހޭމްގެ ކޯޗު މޮޔެސް، މެޗަށް ފަހު ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމްގެ ކޯޗު މޮޔެސް، މެޗަށް ފަހު ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހުން ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ވެސްޓް ހޭމްގެ ކޯޗު މޮޔެސް ވަނީ އެޓީމު ޖެހި ފުރަތަމަ ގޯލުގައި ވެސް މެންޑީ އަށް އަނިޔާވި ކަމަށް ހެދިގެން މަކަރު ހެދި ކަމަށް ބުނެ، ވީއޭއާރުގައި އިން ރެފްރީ ޖަރެޑް ޖިލޭގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.

"ޖަރޯޑް (ބޯވެން) ބުނީ އޭނާ ކީޕަރު ގައިގައި ޖެހި ނުގަންނަ ކަމަށް. ތި މީހުން އެ ބޯޅައިގެ ރީޕްލޭ ބެލިއަސް ފެންނާނެ ކީޕަރު ގައިގައި ޖެހުމުގެ ކުރިން އޭނާ ފުންމާލާ ތަން. ދެން އެވަގުތު ކީޕަރު އަތުގައި އޭނާގެ ބޫޓު ކޭއްތިލައިފައި ދިޔައީ، އިތުރު ކޮންޓެކްޓެއް ނެތް،" މޮޔެސް ބުންޏެވެ.

"އަހަރެންނަށް ވެސް ބައިވަރު ގޯސް ހެދޭ، ރެފްރީންނަށް ވެސް ގޯސް ހެދިދާނެ، އެކަމަކު ވީއޭއާރުގެ ބޭނުމަކީ ރެފްރީންނަށް ހެދޭ ގޯސްތައް ރަނގަޅު ކުރަން ކަމަށް އަހަރެން ދެކެނީ."

އެވަޓަން އާއި ލިވަޕޫލް ކުޅުނު މެޗުގައި، ލިވަޕޫލްގެ ފޯވާޑް ނޫނޭޒް ބޯޅައާ އެކު.-- ފޮޓޯ: އޭއެފްޕީ

އެވަޓަން އާއި ލިވަޕޫލް ކުޅުނު މެޗުގައި، ލިވަޕޫލްގެ ފޯވާޑް ނޫނޭޒް ބޯޅައާ އެކު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް އާއި އެވަޓަން ވާދަކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. ލިވަޕޫލުން ކެރިއަރު ފަށައިގެން، ވުލްވްސް އަށް ކުޅެ މި ސީޒަނުގައި ލޯނު އުސޫލުން އެވަޓަން އަށް ކުޅޭ ކޮނޯ ކޯޑީ ވަނީ މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް ދިގު ވީއޭއާރު ރިވިއު އަކަށް ފަހު ރެފްރީ ވަނީ އޮފްސައިޑު ކަމަށް ބުނެ ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ފުރަތަމަ ހާފުގައި އެވަޓަންގެ ޓޮމް ޑޭވިސް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވިއިރު، ލިވަޕޫލްގެ ޑާވިން ނޫނޭޒް އާއި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ވެސް ގޯލު ދަނޑީގައި ޖެހުނެވެ. ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ރޮބާޓޯ ފިރްމީނޯ ފޮނުވާލި ތިން ހަމަލާއެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ދިފާއު ކުރި އިރު، ފަހު ވަގުތު ސަލާހު ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ.

ޗެމްޕިއަން މެންޗެސްޓާ ސިޓީ އެއްވަރުވީ އެސްޓަން ވިލާއާ ވާދަކޮށް ރަށުން ބޭރުގައި 1-1 އިންނެވެ.

އެސްޓަން ވިލާއާ މި ސީޒަނުގައި އަލަށް ގުޅުނު މިޑްފީލްޑަރު ބައުބަކާ ކަމާރާ، ބެނާޑޯ ސިލްވާ އަތުން ބޯޅަ ހޯދަން ޓެކުލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާއާ މި ސީޒަނުގައި އަލަށް ގުޅުނު މިޑްފީލްޑަރު ބައުބަކާ ކަމާރާ، ބެނާޑޯ ސިލްވާ އަތުން ބޯޅަ ހޯދަން ޓެކުލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑެއް ޖެހިފައި ނުވާއިރު، ލީޑު ނެގީ ސިޓީ އިންނެވެ، ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓުގައި ކެވިން ޑިބްރޭނާ ނަގައިދިން ހުރަހަކުން އެޓީމަށް ލީޑު ނަގައިދިނީ އާލިން ބްރައުޓް ހާލަންޑެވެ. މިއީ ހާލަންޑް ލީގުގައި ކުޅުު ހަ މެޗުން ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

އެސްޓަން ވިލާ އަށް އެއްވަރު ކޮށްދިނީ މެޗުގެ 74 ވަނަ މިނިޓުގައި ލިއޯން ބެއިލީ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ 2-1 އިން ފުލަމް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ޕިއޭ އެމީލް ހޮއިބިއޭ ޓޮޓެންހަމަށް ލީޑު ނަގައިދީފައި ވަނިކޮށް ލީޑު ފުޅާ ކޮށްދިނީ 75 ވަނަ މިނިޓުގައި ހެރީ ކޭން އެވެ.

ޓޮޓެންހަމްގެ ރިޗާލިސަން މެޗުގެ ފަހު ވަގުތު ލަނޑެއް ޖަހަނީ، ނަމަވެސް އޮފްސައިޑު ވެގެން ރެފްރީ އެ ގޯލު ބަލައެއް ނުގަތް.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ރިޗާލިސަން މެޗުގެ ފަހު ވަގުތު ލަނޑެއް ޖަހަނީ، ނަމަވެސް އޮފްސައިޑު ވެގެން ރެފްރީ އެ ގޯލު ބަލައެއް ނުގަތް.-- ފޮޓޯ: އޭއެފްޕީ

ފުލަމްގެ ހަމައެކަނި ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ އެލެކްޒެންޑާ މިޓްރޮވިޗެވެ. އޭގެ ފަހުން އެއްވަރުކުރަން އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ދިފާއު ކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އެވެ. މިއީ ލީގުގައި ފުލަމް ކުޅުނު ހަ މެޗުން އޭނާ ޖަހައިދިން ހަވަނަ ލަނޑެވެ. ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހިއިރު އޭނާ ލަނޑު ނުޖަހަނީ ހަމައެކަނި ދެވަނަ މެޗުގަ އެވެ.

މެޗުގެ ފަހު ވަގުތު ޓޮޓެންހަމްގެ ރިޗާލިސަން އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އޮފްސައިޑު ކަމަށް ބަލައި ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ބްރެންޓްފޯޑުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ވާދަކޮށް 5-2 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ބްރެންޓްފޯޑުގެ އައިވާން ޓޮނޭ މި މެޗުގައި ހެޓްރިކް ހެދިއިރު، އެޓީމުގެ ބްރަޔާން އެމްބެއުމޯ އާއި ޔޮއާނޭ ވީސާ ވެސް ލަނޑު ޖެހި އެވެ. ލީޑްސް އަށް ލަނޑު ޖަހައިދިނީ ލުއިސް ސިނިސްޓެރާ އާއި މާކް ރޮކާ އެވެ.

އައިވާން ޓޮނޭ، ބްރެންޓްފޯޑަށް ލަނޑެއ ޖެހުމަށް ފަހު. އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފައި.--

އައިވާން ޓޮނޭ، ބްރެންޓްފޯޑަށް ލަނޑެއ ޖެހުމަށް ފަހު. އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފައި.--

ނިއުކާސަލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވިއިރު، ވުލްވްސް ވަނީ 1-0 އިން ސައުތެމްޓަން ބަލިކޮށް އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވުލްވްސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑެނިއެލް ޕޮޑެންސް އެވެ.

ބޯންމައުތުން ވަނީ ރަށުން ބޭރުގައި، ފަހަތުން އަރައި 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. ޓްރާންސްފާ ރެކޯޑަކާ އެކު ފޮރެސްޓުން ވަނީ މި މެޗުގައި ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ފުރަތަމަ ލަނޑު ޗީކޫ ކުޔާޓޭ ޖަހައިދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ބްރޭނަން ޖޯންސަން އެވެ.

ބޯންމައުތުގެ ތިން ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ފިލިޕް ބިލިން، 51 ވަނަ މިނިޓުގައި ޖަހައިދީފައި ވަނިކޮށް 63 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ޑޮމިނީކް ސޮލަންކޭ އެވެ. އަދި އެޓީމު މޮޅުކޮށްދިން ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ ޖައިޑޯން އެންތަނީ އެވެ.