Roadha Mihaaru
ސިޓީ އާއި ޗެލްސީ މޮޅުވިއިރު، ލިވަޕޫލް އެއް ވަނަ އަށް

ސިޓީ އާއި ޗެލްސީ މޮޅުވިއިރު، ލިވަޕޫލް އެއް ވަނަ އަށް

01 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޗެލްސީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ރެކޯޑަކާ ހަމަކޮށް ލިވަޕޫލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލަންޑަން (ނޮވެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޗެލްސީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ރެކޯޑަކާ ހަމަކޮށް ލިވަޕޫލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޝެފީލްޑް ޔުނައިޓެޑް ދަނޑުގައި ސިޓީ މޮޅުވީ 1-0 އިންނެވެ. ބާންލީ އަތުން ޗެލްސީ 3-0 އިން މޮޅުވިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ރޭގެ ނަތީޖާއާ އެކު ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލީ ހަތް މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އެވަޓަން މިރޭ ރަށުން ބޭރުގައި ނިއުކާސަލް ބަލިކޮށްފިނަމަ އެ ޓީމަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ވަނީ ހަތް މެޗުން 12 ޕޮއިންޓް ހަމަކޮށް ހަތަރަކަށް އަރައިފަ އެވެ. ސިޓީ އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

ލިވަޕޫލްް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނިޓްގައި ވެސްޓް ހޭމް ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕަބްލޯ ފޯނާލްސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލަށް ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ސަލާހު އެވެ. ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އަރައި ލިވަޕޫލް މޮޅުކޮށްދޭން އެހީތެރިވީ ޒެރްޑަން ޝަގީރީ އާއި ޑިއޯގޯ ޔޮޓާ އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ޔޮޓާ ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހީ ޝަގީރީ ދިން ބޯޅައަކުންނެވެ. އެ ގޯލު ޖެހުމުގެ ކުރިން ޔޮޓާ ޖެހި އެހެން ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ލީގުގައި ބަލިނުވެ 63 މެޗު ހަމަކޮށް އެ ކްލަބްގެ ރެކޯޑާ ހަމަކޮށްފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެހާ ގާތްގާތުގައި ތިން ދުވަހުން މެޗެއް ކުޅެން ޖެހިފައިވާއިރު ވެސް ލިވަޕޫލް ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރަށް ތައުރީފު ހައްގު ކަމަށެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ފަހަތަށް ކުޅުނު އިނގިރޭސި ޑިފެންޑަރު ނެޓް ފިލިޕްސް އަށް ކްލޮޕް ވަނީ ތައުރީފުކޮށްފަ އެވެ.

ބާންލީގެ ޓަކޯސްކީ (ކ) ކައިރިން ޗެލްސީގެ ޒިޔެކް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ބާންލީގެ ޓަކޯސްކީ (ކ) ކައިރިން ޗެލްސީގެ ޒިޔެކް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލީގުގެ ފުލުގައި އޮތް ބާންލީ އަށް ރޭގެ މެޗު ފަށައިގެން ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުނަަގައިދިނީ މޮރޮކޯގެ ވިންގް ހަކީމް ޒިޔެޗް އެވެ. ދެ ވަނަ ހާފްގައި ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ ޑިފެންޑަރު ކާޓް ޒޫމާ އެވެ. އަދި ޗެލްސީގެ ފަހު ގޯލު ޖެހީ ޓިމޯ ވާނާ އެވެ. ވާނާ ރޭގެ މެޗުގައި ޗެލްސީ ފުރަތަމަ އެގާރައިގައި ކުޅުނީ ކްރިސްޓިއަން ޕުލިސިޗް އަށް އަނިޔާވުމުންނެވެ.

ރޭގެ މެޗުގައި ވެސް ޗެލްސީގެ ގޯލުގައި ހުރި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ ކައިރިން ގޯލެއް ނުވަދެ އެވެ. ޗެލްސީ އަށް މިހާތަނަށް މެންޑީ ކުޅެދިން ހަ މެޗުން އޭނާ ކޮޅަށް ވަނީ އެއް ގޯލެވެ. ކުރިން ޗެލްސީ ގޯލު ބެލެހެއްޓި ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރު ކެޕާ އަރިއްޒަބަލާގާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި އޭނާ ކޮޅަށް 14 ގޯލު ވަނީ ވަދެފަ އެެވެ.

ޝެފީލްޑް ދަނޑުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގައި ޖަހައިދިނީ އިނގިރޭސި ފުލްބެކް ކައިލް ވޯކާ އެވެ. ދެ ވަނަ ހާފްގައި ޝެފީލްޑް އިން ކުޅުން ރަނގަޅުކޮށް ލަނޑު ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. މި މެޗުގައި ޝެފީލްޑަށް ލަނޑު ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ޖޯން ލުންޑްސްޓްރަމް އަށެވެ.