Roadha Mihaaru
ގްރިލީޝްގެ ގޯލުން ސިޓީ އަށް މޮޅެއް

ގްރިލީޝްގެ ގޯލުން ސިޓީ އަށް މޮޅެއް

21 އޯގަސްޓް 2021

މެންޗެސްޓާ (އޮގަސްޓް 21) - ޖެކް ގްރިލީޝް މެންޗެސްޓާ ސިޓީގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑުން، ނޯވިޗް ސިތީގެ މައްޗަށް 5-0 އިން ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (އޮގަސްޓް 21) - ޖެކް ގްރިލީޝް މެންޗެސްޓާ ސިޓީގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑުން، ނޯވިޗް ސިތީގެ މައްޗަށް 5-0 އިން ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅު ވެއްޖެ އެވެ.

ގާތްގަނޑަކަށް 117 މިލިއަން ޑޮލަރު ހަރަދުކޮށް ސިޓިން ސޮއިކުރުވި ގްރިލީޝް ޖެހި ލަނޑަކީ ގެބްރިއަލް ޖެސޫސް ދިން ފުރުސަތަކުން ކާމިޔާބު ކުރި ގޯލެކެވެ. އޭރިއާ ބޭރުގައި ހުރެފައި، ޖެސޫސް ބޯޅަ ދިނީ ގްރިލިޝް ބޯޅަ އަށް އަރާނެކަން އެނގިގެންނެވެ. އޮފްސައިޑް މަޅިން ސަލާމަތްވެ ހުރެ ގްރިލިޝް ވަނީ ސިޓީގެ ދެ ވަނަ ޖަހައިފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑަކީ ނޯވިޗްގެ ކީޕަރު ޓިމް ކްރޫލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނެޓްގައި އައިމެރިކް ލަޕޯޓް އެވެ. މެޗުގެ ކުރިން ޚަބަރު ފެތުރިފައި އޮތީ އޭނާ ވިއްކާލަން ސިޓީން ބާޒަރަށް ނެރެފައިވާ ކަމަށެވެ. ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން 80 މިލިއަން ޑޮލަރު ދޭ ކްލަބަކަށް އޭނާ ވިއްކާލަށް ސިޓީން އޮތީ ތައްޔާރަށެވެ.

ސިޓީގެ އަނެއް ދެ ލަނޑު ޖެހީ ރަހީމް ސްޓާލިން އާއި ރިޔާދު މަހްރޭޒެވެ. މި ސީޒަންގައި ސިޓީ ކުރިން ކުޅުނު ދެ މެޗުން ބަލިވީ ޓޮޓެންހަމް ހޮޓްސްޕާސް އަދި ލެސްޓާ ސިޓީ އަތުންނެވެ

ގްރިލީޝް  އާއި ޖެސޫސް މެޗުގައި އުފާފާޅު ކުރަނީ ---- ފޮޓޯ: އޭއެފްޕީ

ގްރިލީޝް އާއި ޖެސޫސް މެޗުގައި އުފާފާޅު ކުރަނީ ---- ފޮޓޯ: އޭއެފްޕީ

ބާންލީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ލިވަޕޫލް ވެސް ވަނީ އެ ޓީމު ކުޅުނު ދެ ވަނަ މެޗު މޮޅުވެފަ އެވެ. އެންފީލްޑްގެ ފުލު ސްޓޭޑިއަމްގައި ކުޅެލުމުގެ ފުރުސަތު ލިވަޕޫލަށް މި ލިބުނީ 534 ދުވަސް ފަހުންނެވެ.

ޕްރިމިއާ ލީގުގެ ނަމުގައި އިނގިރޭސި އެންމެ ޓޮޕް ލީގު ބާއްވަން ފެށި ފަހުން، ފުރަތަމަ ފަހަރަށް ލިވަޕޫލް ހޯދި ލީގުގެ ތަށި ވެސް އުފުލާލަން ޖެހުނީ ސަޕޯޓަރުންނާ ނުލަ އެވެ. އެންފީލްޑްގައި ސަޕޯޓަރުންގެ ކުރިމަތީ ކުޅެލަން ލިބުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވެސް ވަނީ އެކަމުގެ ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ.

ބާންލީ ކޮޅަށް ލިވަޕޫލްގެ ދެ ލަނޑު ޖެހީ ޖޯޓާ އާއި މާނޭ. --- ފޮޓޯ: ގެޓީ އިމޭޖަސް

ބާންލީ ކޮޅަށް ލިވަޕޫލްގެ ދެ ލަނޑު ޖެހީ ޖޯޓާ އާއި މާނޭ. --- ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލަށް މެޗުގެ 18 ވަނަ މިނެޓްގައި ލީޑު ނަގައިދިނީ ޑިއޭގޯ ޖޯޓާ އެވެ. ދެ ވަނަ ހާފުގައި ސާޑިއޯ މާނޭ އެ ޓީމަށް ލީޑް ފުޅާ ކޮށްދިނެވެ.

ލޮކްޑައުން ތެރޭގައި ހިމޭން ސްޓޭޑިއަމެއްގައި މީގެ ކުރިން ބާންލީއާ ދެކޮޅަށް ކުޅުނު ދެ ފަހަރު ވެސް ލިވަޕޫލަށް މޮޅުވެވިފައެއް ނުވެ އެވެ. ކޯޗް ޝޯން ޑައިކްގެ ޓީމުން ވަނީ މިދިޔަ ސީޒަންގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލި ނުވެ ދެމެހެއްޓި ރެކޯޑަށް ނިމުން ގެނެސްފަ އެވެ. އަދި ލީގު ޗެމްޕިއަންކަން ހޯދި ސީޒަންގައި، ލިވަޕޫލްގެ މޮޅުވުމުގެ ރޭހަށް ވެސް ބާންލީން ނިމުން ގެނަ އެވެ.