29 ނޮވެމްބަރ 2020
ލަންޑަން (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ބްރައިޓަން އިން ލިވަޕޫލާ 1-1 އިން އެއްވަރުކުރިއިރު، ރިޔާދު މާރޭޒްގެ ހެޓްރިކާ އެކު މެންޗެސްޓާ ސިޓީ 5-0 އިން ރެލިގޭޝަން ޒޯނާ ގާތުގައި އޮތް ބާންލީ އަތުން މޮޅުވެއްޖެ އެވެ.
ލަންޑަން (ނޮވެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ބްރައިޓަން އިން ލިވަޕޫލާ 1-1 އިން އެއްވަރުކުރިއިރު، ރިޔާދު މާރޭޒްގެ ހެޓްރިކާ އެކު މެންޗެސްޓާ ސިޓީ 5-0 އިން ރެލިގޭޝަން ޒޯނާ ގާތުގައި އޮތް ބާންލީ އަތުން މޮޅުވެއްޖެ އެވެ.
އެއް ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 10 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް ޗެލްސީ މިރޭ ކުޅޭ މެޗުން ނަތީޖާ ނުކުންނަ ގޮތަކުން ލިވަޕޫލަށް އެއް ވަނަ ގެއްލޭނެ އެވެ. ނުވަ މެޗުން 20 ޕޮއިންޓާ އެކު ޓޮޓެންހަމް ދެ ވަނައިގައި އޮތްއިރު ޗެލްސީ ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ލެސްޓާއާ އެއްވަރަށް ނުވަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. މި ހަފްތާގެ މެޗުތައް ނިމޭއިރު އެއް ވަަނައިގައި އޮތުމުގެ ފުރުސަތު ޓޮޓެންހަމާއި ޗެލްސީ އާއި ލެސްޓާ އަށް އެބައޮތެވެ.
ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލީޑުނަަގަން ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ލީޑުނަގަން ބްރައިޓަންގެ ނީލް މޯޕޭ ޖެހި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މިއީ ބްރައިޓަންގެ އާރޮން ކޮނޮލީ އަށް އޭރިއާ ތެރެއިން ލިވަޕޫލްގެ ނެކޯ ވިލިއަމްސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގައި ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން ސަލާހު ލިވަޕޫލަށް ލީޑުނަގައިދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މެޗުގެ 60 ވަނަ މިނިޓްގައި ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް ލީޑުނަގައިދިނީ ޑިއޯގޯ ޔޮޓާ އެވެ. އޭރިއާ ތެރެއިން ޔޮޓާ ޖެހި ބޯޅަ ތިރިތިރިން ވަނީ ގޯލުގެ ކަނަށެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލިވަޕޫލްގެ ސަޑިއޯ މާނޭ ޖެހި ގޯލު ވެސް ބަލައިނުގަތީ ވީއޭއާރް އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ. ލިވަޕޫލް މޮޅުވާން ދަނިކޮށް މަަންޒަރު ބަދަލުވީ އޭރި އާތެރެއިން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ބްރައިޓަންގެ ޑެނީ ވެލްބެކަށް ފައުލުކުރި ކަމަށް ވީއޭއާރް ބަލާފައި ނިންމުމަށް ފަހު ބްރައިޓަން އަށް ޕެނަލްޓީ އެއް ދިނުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޕަސްކާލް ގްރޮސް ވަނީ ބްރައިޓަން އަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ވީއޭއާރް އިން ބަލާފައި ރެފްރީ ނިންމާނީ ރަނގަޅަށް ކަމަށް އެންމެން ވެސް ބުނާ ކަމަށާއި އޭނާ ވެސް ދެކެނީ އެހެން ކަމަށެވެ. މީޑިއާ އިން ބޭނުންވާނީ އޭނާ ލައްވައި ރެފްރީގެ ނިންމުމަށް ފާޑުކިޔައި ސުރުހީއެއް ހޯދުމަށް ކަމަށާއި އެކަމަކު ކޮންމެ ފަހަަރަކު އެ ފުރުސަތެއް ނުދޭނެ ކަމަށް ކްލޮޕް ބުންޏެވެ.
ލީގުގައި މި ފަހަރު ސިޓީ ހޯދި އެންމެ ބޮޑު މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ނުވަ މެޗުން ލިބުނީ 15 ޕޮއިންޓެވެ. ބާންލީ އޮތީ ނުވަ މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.
ރޭގެ މެޗުގައި ލެސްޓާގެ މާރޭޒް ހެޓްރިކެއް ހެދިއިރު މިއީ ސިޓީއާ ގުޅުނު ފަހުން އެއް މެޗެއްގައި އޭނާ ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ޕްރިމިއާ ލީގުގައި ހެޓްރިކެއް ހެދީ 2015 ވަނަ އަހަރު ލެސްޓާ އަށް ކުޅެމުން ސްވަންސީއާ ދެކޮޅަށެވެ.
މާރޭޒް ބުނީ ހެޓްރިކެއް ހެދުމުން ލިބުނު ހިތްހަމަޖެހުމާ އެއްވަރަށް ސިޓީ އަށް ލިބުނު ބޮޑު މޮޅާ މެދު ވެސް އުފާކުރާ ކަމަށާއި މިއީ އުނދަގޫ ހާލަތެއްގައި ސީޒަން ފަށައި ސީޓީން ހަމަޖެހިލަން ލިބިގެންދިޔަ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ސިޓީގެ އަނެއް ދެ ގޯލު ޖެހީ ބެންޖަމިން މެންޑީ އާއި ފެރާން ޓޮރޭޒް އެވެ. މިއީ ވެލެންސިއާ ދޫކޮށް މި ސީޒަނުގައި ސިޓީއާ ގުޅުނު ސްޕެއިނުގެ ފޯވާޑް ޓޮރޭޒް ލީގުގައި ޖެހި ފުރަތަަމަ ގޯލެވެ. ދެން އޭނާ ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ޗެމްޕިއަންސް ލީގުގަ އެވެ. ސިޓީގެ ގަބްރިއެލް ޖީސޫސް ޖެހި ބޯޅައެއް ބާންލީގެ ގޯލުގައި ހުރި ޕީކޮކް-ފަރެލް އަތުން ބައިކޮޅަށް ވަން ނަމަވެސް އެ ގޯލު ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމުމަށް ފަހު އެވެ.
ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް ވަނީ ދެ ވަނަ ހާފްގައި ޖެހި ގޯލާ އެކު އެވަޓަން ދަނޑުގައި އެ ޓީމު އަތުން 1-0 އިން މޮޅުވެފަ އެވެ.
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް
ލީގުގައި ގާޑިއޯލާގެ 200 ވަނަ މެޗުން ބަލިވެއްޖެ
ގްރިލީޝްގެ ގޯލުން ސިޓީ އަށް މޮޅެއް
ލިވަޕޫލް އެއްވަރު، ޔުނައިޓެޑާއި ސިޓީ އަށް މޮޅެއް
ސިޓީ އާއި ޗެލްސީ މޮޅުވިއިރު، ލިވަޕޫލް ބަލިވެއްޖެ
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި