Roadha Mihaaru
އެމްއެންޔޫގެ ދިރާސާ ކޮންފަރެންސް ފަށައިފި

އެމްއެންޔޫގެ ދިރާސާ ކޮންފަރެންސް ފަށައިފި

09 ސެޕްޓެމްބަރ 2019

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ދިރާސާތަކާ ބެހޭ ކޮންފަރެންސް "ތެވެލި" އިއްޔެ ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބައިނަލްއަގްވާމީ ދިރާސާތަކާ ބެހޭ ކޮންފަރެންސް "ތެވެލި" އިއްޔެ ފަށައިފި އެވެ.

މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

އެމްއެންޔޫ އިން އިއްޔެ ކުރި ޓްވީޓެއް

އެމްއެންޔޫގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި 86 ކަރުދާސް ހުށަހަޅާނެ ކަމަށް އެތަނުުގެ ރިސާޗް ސެންޓަރުގެ ޑީން ޑރ. ރަހީމާ އަބްދުލް ރަހީމް "މިހާރު" އަށް ވިދާޅުވި އެވެ. މިއީ މި ކޮންފަރެންސަށް ހުށަހެޅި 111 ކަރުދާހުުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކަރުދާސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫގެ ދިރާސާ ކޮންފަރެންސްގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އެމްއެންޔޫ

އެމްއެންޔޫގެ ދިރާސާ ކޮންފަރެންސްގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އެމްއެންޔޫ

އެމްއެންޔޫގެ މުވައްޒަފުންގެ މެދުގައި ދިރާސާކުރުމުގެ އާދަކާދަ ކުރިއެރުވަން 2017 ގައި ފެށި މި ކޮންފަރެންސަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ރަހީމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި ބައިވެރިވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އަދި އެތަނަށް ހުށަހަޅާ ކަރުދާސްތަކުގެ ފެންވަރު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫގެ މުވައްޒަފުންގެ އިތުރުން، އެހެން މުއާސަސާތަކުންނާއި ބޭރު ގައުމުތަކުން ވެސް މި ކޮންފަރެންސްގައި ބައިވެރިވި ކަން ރަހީމާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އާއި އޮސްޓްރޭލިއާ ހިމެނެ އެވެ.

އެކި ދާއިރާތަކާ ގުޅޭ ތަފާތު ދިރާސާ ކަރުދާސްތައް މި ކޮންފަރެންސްގައި ހުށަހަޅާފައިވެ އެވެ. ތައުލީމާއި ތިމާވެށި، ސިއްހަތު އަދި ދީނީ ދިރާސާތައް ވެސް މި ކޮންފަރެންސްގެ ބައިވެރިން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުހުން ހުށަހަޅާފައިވާ ކަރުދާސް ހާއްސަކޮށް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ އަށް ޔުނިސެފުން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. މުހައްމަދު އެލް-މުނިރް އ. ސަލަފައްދީން އެމްއެންޔޫގެ ދިރާސާ ކޮންފަރެންސްގައި ކީ ނޯޓް ސްޕީޗެއް ދެނީ -- ފޮޓޯ: އެމްއެންޔޫ

ރާއްޖެ އަށް ޔުނިސެފުން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. މުހައްމަދު އެލް-މުނިރް އ. ސަލަފައްދީން އެމްއެންޔޫގެ ދިރާސާ ކޮންފަރެންސްގައި ކީ ނޯޓް ސްޕީޗެއް ދެނީ -- ފޮޓޯ: އެމްއެންޔޫ

"ތަފާތު ކަރުދާސްތަކެއް މި ކޮންފަރެންސްގައި ހުށަހެޅި. ފުލުހުން ހުށަހެޅި ކޮކެއިން ބޭނުންކޮށްފައި ހުރިކަން ދެނެގަނެވޭނެ އާ ގޮތެއް. އެއީ މީހެއްގެ ކުޅު ޓެސްޓުކުރުން. އެހެން ނޫނީ [ކޮކެއިން ބޭނުންކޮށްފައި ހުރިކަން ބަލަން] ލޭ ނުވަތަ ކުޑަކަމުދާ ތަކެތި ޓެސްޓުކޮށްގެން ދެނެގަންނާނީ،" ރަހީމާ ވިދާޅުވި އެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން އެމްއެންޔޫގެ މުވައްޒަފުންނަށް ހާއްސަ ދެ ވޯކްޝޮޕެއް ވެސް އެތަނުން ކުރިއަށް ގެންދިޔަ އެވެ.