Roadha Mihaaru
ޔުއެފާ ސުޕަ ކަޕް މެޗަށް އަންހެން ރެފްރީ އެއް

ޔުއެފާ ސުޕަ ކަޕް މެޗަށް އަންހެން ރެފްރީ އެއް

03 އޯގަސްޓް 2019

ޕެރިސް، ފްރާންސް (އޮގަސްޓް 3) - އަންނަ ހަފްތާގައި އޮންނަ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ޔުއެފާ ސުޕަ ކަޕްގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ރެފްރީ އަކަށް ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓް ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް، ފްރާންސް (އޮގަސްޓް 3) - އަންނަ ހަފްތާގައި އޮންނަ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ޔުއެފާ ސުޕަ ކަޕްގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ރެފްރީ އަކަށް ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓް ހަމަޖައްސައިފި އެވެ.

މިއީ ޔުއެފާގެ ފިރިހެނުންގެ ފުޓްބޯޅައިގެ ވަރުގަދަ މެޗެއްގައި އަންހެން ރެފްރީއެއް އިންސާފުކުރާނެ ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީ އާއި މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ލިވަޕޫލް ކުޅޭ ސުޕަ ކަޕް މެޗު އޮންނާނީ މި މަހު 14 ވަނަ ދުވަހު އެވެ.

މެޗުކެނޑުމަކަށް ފަހު އަންހެން ރެފްރީ އަކު ފިރިހެން މެޗެއްގައި އިންސާފުކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަރުމަނުގެ ފުރަތަމަ ޑިވިޝަނު މެޗެއްގަ އެވެ. ވާޑާ ބްރެމެން އާއި ހާތާ ބާލިން ކުޅުނު މި މެޗުގައި ރެފްރީކަން ކުރީ ޖަރުމަނުގެ އަންހެން ރެފްރީ ބިބިއާނާ ސްޓޭންހޯސް އެވެ.

އުމުރުން 35 އަހަރުގެ ފްރަޕާޓް ވަނީ މިދިޔަ މަހު އޮތް އަންހެން ވޯލްޑް ކަޕް ފައިނަލު މެޗުގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އޭނާ އަށް ޔުއެފާ ސުޕަ ކަޕް މެޗުން ފުރުސަތު ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ފާއިތުވި މަސްތަކުގައި އޭނާ އިންސާފުކުރި މެޗުތަކުގައި ނިންމުންތައް ރަނގަޅުވުމުންނެވެ. މިދިޔަ އޭޕްރީލް މަހު ފްރަޕާޓް ވަނީ ފްރާންސް ފުރަތަމަ ޑިވިޝަނުގައި އެމިއެންސް އާއި ސްޓްރޯސްބާގް ކުޅުނު މެޗުގައި ރެފްރީކަން ކޮށްފަ އެވެ. މިހާރު އޭނާ ވަނީ ކުރިއަށް އޮތް ފްރާންސްގެ ފުޓްބޯޅަ ސީޒަނުގެ ވަރުގަދަ މެޗުތަކުގައި އިންސާފުކުރާ ރެފްރީންގެ އިސް ޕޫލަށް ޕްރޮމޯޓްކޮށްފަ އެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ކުރިއެރުން ހޯދާ ފަރާތްތަކަށް ހައްގު ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި އެކަން ކުރާއިރު ވަކި ޖިންސަކަށް ނުބަލާނެ ކަމަށެވެ.

"އަހަރެން ވަރަށް އުފަލާ އެކު ފާހަގަކުރަން ސުޕަ ކަޕް މެޗުގައި ހުރި އަންހެން އޮފިޝަލުން ބޭނުންކުރެވޭކަން. ފްރަޕާޓް ރެފްރީކަން ކުރާއިރު އެސިސްޓަންޓުންގެ ގޮތުގައި އެހީތެރިންނަށް ތިބޭނީ ވެސް އަންހެނުން. އެއީ މެނުއެލާ ނިކޮލޯސީ އަދި މިޝޭލޭ އޮނީލް،" ކެފެރިން ވިދާޅުވި އެވެ.

"އުއްމީދަކީ މި ފުރުސަތުގެ ބޭނުން މި ހުރިހާ އަންހެން އޮފިޝަލުން ވަރަށް ފުރިހަމަ އަށް ހިފުން."

ޔުއެފާ އިން އެންމެ ފުރަތަމަ ފިރިހެން މެޗަކަށް އަންހެން ރެފްރީ އަކު ހަމަޖެއްސީ 2004 ވަނަ އަހަރު އެވެ. އެ ގޮތުން ސްވިޒަލެންޑުގެ އަންހެން ރެފްރީ ނިކޯލް ޕެޓީނިޔާޓް ވަނީ 2004 އިން 2009 އަށް ޔުއެފާ ކަޕް (ޔޫރޮޕާ ލީގު)ގެ ތިން ކޮލިފައިން މެޗެއްގައި އިންސާފުކޮށްފަ އެވެ.