Roadha Mihaaru
ނުފިލާނެ ކަމަށް ވިދާޅުވި އަދީބު މި ހެދީ ކިހިނެއް؟

ނުފިލާނެ ކަމަށް ވިދާޅުވި އަދީބު މި ހެދީ ކިހިނެއް؟

01 އޯގަސްޓް 2019

"ޒިންމާ އިން ރެކިގަތުމާއި ފިލުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ"!

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

"ޒިންމާ އިން ރެކިގަތުމާއި ފިލުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ"!

ދައުލަތުގެ 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވުމުގައި އިސްކޮށް އުޅުނު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ވާހަކަ ވިދާޅުވިތާ އަދި މަސް ދުވަސް ނުވެ އެވެ. މިއަދު އޭނާ އަތުލައިގަތީ ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާ އަށް އެތެރެވެގެން އުޅެނިކޮށެވެ.

މިދިޔަ ސަރުކާރުގައި އޭނާ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ދެކޮޅުހެދީ ވެސް ފިލައިފާނެތީ އެވެ. އެކަމަކު އިންސާނަކަށް ވީތީ ބޭސްފަރުވާގެ ހައްގުން މަހްރޫމް ނުކުރަން މި ސަރުކާރުން އޭނާ އިންޑިއާ އަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ފޮނުވި އެވެ. ފިލައިފާނެ ކަމަށް ބުނެ ސަރުކާރަށް އިންތިހާ އަށް ޕްރެޝަރު ވެސް ކުރި އެވެ.

އެހެންވެ ސަރުކާރަށް މަޖުބޫރުވީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާށެވެ. އެ ދަތުރުގައި އަދީބަށް ފިލުމުގެ ފުރުސަތު ނުލިބުނީ އެވެ. ދިވެހި ފުލުހުންނާއި އިންޑިއާގެ ފުލުހުން ދިޔައީ އޭނާ އެޅި ކޮންމެ ފިޔަވަޅަކަށް ފާރަލަމުންނެވެ.

އެނބުރި ރާއްޖެ ވަޑައިގެން އުދާސްތައް ބޭރުކުރެއްވީ ހަމްދަރުދީ ހޯއްދެވުމުގެ ޓުވީޓަކުންނެވެ. ނުފިލީ ގައުމު ދެކެ ލޯބިވާތީ ކަމަށް ވިދާޅުވި އެވެ. ތަހުގީގުތަކާ ވެސް ކުރިމަތިލައްވާނެ ކަމަށާއި ފިނޑިވެ ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު މި ވާހަކަތަކާ އެއްގޮތަށް މަހެއްހާ ދުވަހު ވެސް އަމަލެއް ނުކުރެއްވުނެވެ. "މޮޅު ޕްލޭނެއް" ރާވައި، ކަނޑު މަގުން ފިއްލަވަން އުޅުއްވީ އެވެ. އެކަމަކު މަންޒިލާ ހަމައަށް ވަޑައިނުގެންނެވެނީސް އޭނާގެ ޕްލޭން ފޭލްވެއްޖެ އެވެ.

އަދީބު ފިލި ކަމަށް ބުނަނީ މި ޓަގް ބޯޓުގައި.

އަދީބު ފިލި ކަމަށް ބުނަނީ މި ޓަގް ބޯޓުގައި.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުގައި އޮތް ޓަގު ބޯޓަކުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި ކަނޑު މަގުން ފިއްލެވީ ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުންނެވެ. އޭނާ މިހާރު ހުންނެވީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ބޭސްފަރުވާ އިން އައިސް ހަމްދަރުދީ ހޯދަން ކުރި މެސެޖް.

ފުލުހުންނާއި ތަހުގީގީ އެހެން އިދާރާތައް ވެސް އިއްޔެއާ ހަމައަށް ބޭތިއްބީ ނުފިއްލަވާނެ ކަމަށް ދެއްވި ޔަގީން ކަމުގެ މަޅީގައި ޖައްސައިފަ އެވެ. ދައުލަތުގެ ފައިސާ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކޮށް ހިންގި ކަންކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގުތަކަށް، ފުލުހުން އެދުނު ކޮންމެ ވަގުތަކު އޭނާ ދިޔައީ އެއްބާރުލުން ވެސް ދެއްވަމުންނެވެ.

އަދީބު ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގަށް އެންމެ ފަހުން ބަޔާން ނެގީ، އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގަ އެވެ. މިނިވަން ދުވަހުގެ ރަސްމިއްޔާތުތައް އޮތުމާ އެކު އެ ހަފުތާ ބަންދަށް ތިން ދުވަސް ލިބޭތީ އަދީބު ބޭނުންވީ އާއިލާ އެކު ރިސޯޓަކަށް ވަޑައިގަންނަވާށެވެ. އެ ކަން ފުލުހުންނާ ވެސް ހިއްސާކުރެއްވި އެވެ.

އެކަމަކު މިދިޔަ ހަފުތާ ބަންދުގައި އޭނާ ރިސޯޓަކަށް ވަޑައިގަތް ކަމެއް ސާފެއް ނޫނެވެ. ޔަގީންވާ ކަމަކީ އެންމެ ފަހުން ތަހުގީގަށް ހާޒިރުވި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ވެސް އޭނާ ޔަގީންކަން ދެއްވަމުން އައީ މާލޭގައި ހުންނެވި ކަމަށެވެ.

މި ހަފުތާގައި ފުރަތަމަ ހަމަޖެއްސީ މިދިޔަ ހޯމަ ދުވަހު އޭނާގެ ބަޔާން ނެގުމަށެވެ. އެކަމަކު ސަބަބުތަކެއް މެދުވެރިވެ، އެ ދުވަހާއި ޖެހިގެން އައި ދުވަހު ވެސް ތަހުގީގު ކުރިއަކަށް ނުގެންދެ އެވެ. އޭނާ އަށް އިއްޔެ އެންގީ ދޭއް ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވާށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 1:45 އަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަން އޭނާ އޮތީ ތަހުގީގު ޓީމާއި ފުލުހުންނަށް ވެސް ފޯނުން އަންގަވައިފަ އެވެ. އެކަމަކު ފަހުން އޭނާގެ ހަބަރެއް ތަހުގީގީ އިދާރާތަކަށް ނުވި އެވެ.

އިތުބާރު ހުރި ފަރާތްތަކުން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އަދީބުގެ އޮޅުވާލުން ފުލުހުންނަށް ރޭކާލީ އެ ހިސާބުންނެވެ. އެކަމުގައި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ވާހަކަ ނުދައްކައި ތިއްބައި ސޯޝަލް މީޑިއާގައި ފެތުރުނީ އޭނާ ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގަތް ހަބަރެވެ.

އިންޑިއާ އަށް ފުރީ ދެ ދުވަސް ކުރިން!

ޓަގު ބޯޓެއްގައި އެންމެ އަވަހަށް ވެސް ޓުޓިކޮރިންއަށް އެތެރެވާން ދެ ދުވަހާ ބައި ހޭދަވާނެ އެވެ. އެހެންކަމުން، ޔަގީންވާ އެއް ކަމަކީ އަދީބު ރާއްޖެ އިން ފުރުއްވީ އިއްޔެއަކު ނޫން ކަމެވެ. ލަފާ ކުރެވޭ ގޮތުގައި، އޭނާ ފިލުމުގެ ދަތުރު ފަށާނީ މިދިޔަ ހޯމަ ދުވަހެވެ.

ފޯނުން އެކި މީހުންނާ މުއާމަލާތު ކުރަމުން ގެންދެވީ ރާއްޖޭގައި ހުންނެވިކަން ދެއްކެވުމުގެ ގޮތުން ކަމަށް ވެދާނެ އެވެ. އަދި މިކަމުގައި އޭނާއަށް އެހެން ބަޔަކު އެހީތެރިވެފައި ވެސް އޮވެދާނެ އެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރު ސަރަހައްދު.

އިންޑިއާގެ ޓުޓިކޮރިން ބަނދަރު ސަރަހައްދު.

މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަދީބު އަތުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާސްޕޯޓެއް އޮވެ އެވެ. އެހެންވެ އޭނާގެ އަމާޒަކީ ޓަގު ބޯޓުގައި އިންޑިއާ އަށް އެތެރެވުމަށް ފަހު، ކޮންމެވެސް އެހެން ގައުމަކަށް ވަޑައިގަތުން ކަމަށް ބައެއް ބޭފުޅުން ލަފާކުރައްވަ އެވެ.

ހުރިހާ ހުކުމްތަކުން އަދީބު މިނިވަންވެފައިވާތީ އޭނާ ހުންނެވީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަކު ނޫނެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ފުލުހުން ދިޔައީ އޭނާ އަށް ފާރަލަމުންނެވެ. ވަޑައިގަންނަވާ ތަންތަނާއި ބައްދަލު ކުރައްވާ މީހުން ވެސް ބަލައި ހެދި އެވެ.

އެހެންކަމުން، އޭނާ އަށް ފިއްލެވުމުގެ ފުރުސަތު ލިބިވަޑައިގެން ގޮތް ސާފުކޮށްދޭން ޖެހޭނީ ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކުންނެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ކްރިމިނަލް ކޯޓުން ބާތިލްކުރުމުން ފާޑުކިއުން އަމާޒުވި އެވެ. އޭރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ކޯޓުތަކުގެ ނިންމުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތެވެ.

މިނިސްޓަރު އޭރު ވިދާޅުވެފައި ވަނީ އަދީބާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތަހުގީގު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ދިޔަ ކަމަށެވެ. އެ މައްސަލަތަކުގައި، ފުލުހުން ވަރަށް ގިނަ ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ، އަދީބަށް ތުހުމަތު ކުރެވޭ މާލީ އަދި އެ ނޫން ކުށްތަކުގައި ވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ހޯދިފައި ނުވާ ވަރުގެ ބޮޑު ކުރިއެރުންތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި ތަހުގީގުތަކާއި ޝަރީއަތްތަކުން ރެކެން އަދީބު އުޅުއްވީ ފިއްލަވާށެވެ. މައްސަލަ އަކީ ރާއްޖޭގެ އެންމެ ބޮޑު ކުށްވެރިންގެ ލިސްޓުގައި ހިމެނުމުގެ މަގުގައި ހުންނެވި އަދީބު ނުފިއްލަވާނެ ކަމަށް ދެއްކެވި ދަޅަތަކަށް ރަސްމީ އިދާރާތަކުން ވެސް ހެއްލުމެވެ.

އޭނާގެ ރީތި ބަސްތަކާއި ކުރެއްވި ޓްވީޓްތަކަކީ ހަމަ އޮޅުވާލުމާއި މަކަރުކަން މި އޮތީ ފެންނާށެވެ.