30 ޖުލައި 2019
ބ. ފެހެންދު އަށް ރައީސަކު ވަޑައިނުގަންނަވާތާ 40 އަހަރު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް މިއަދު ވަޑައިގެންފި އެވެ.
ބ. ފެހެންދު އަށް ރައީސަކު ވަޑައިނުގަންނަވާތާ 40 އަހަރު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް މިއަދު ވަޑައިގެންފި އެވެ.
ވެރިކަމުގައި ހުންނަވައި އެންމެ ފަހުން އެ ރަށަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ފެހެންދޫ ކައުންސިލުން މިއަދު ބުނީ 1979 ގައި މައުމޫން ވަޑައިގަތީ، ވެރިކަމުގެ ހުވާ ކުރައްވައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބ. ފެހެންދުއަށް ކުރެއްވި ދަތުރުފުޅު
އޭގެ ފަހުން ވެރިކަމުގައި ހުންނަވައި އެއްވެސް ރައީސަކު އެ ރަށަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ދެ ފަހަރަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވި ކަމަށާއި އެއީ އެމަނިކުފާނުގެ ވެރިކަން 2012 ގައި ނިމުނު ފަހުން ކަމަށް ކައުންސިލުން ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފެހެންދު އަށް ވަޑައިގަތީ ބ. އަތޮޅުގެ ސިއްހީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ އަތޮޅު އޭދަފުއްޓަށް ކުރައްވާ ދަތުރުފުޅުގަ އެވެ. ފެހެންދޫގެ އިތުރުން އެ އަތޮޅު ފުޅަދު އަށް ވެސް އެމަނިކުފާނު ވަޑައިގަތެވެ. ދެން ވަޑައިގަންނަވާނީ އޭދަފުށި، ކިހާދޫ އަދި ދޮންފަނަށެވެ.
ރައީސް ފެހެންދޫގައި.--ފޮޓޯ/ރައީސް އޮފީސް
ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ފަޒީލް ވިދާޅުވީ ރައީސް މިއަދު ކުރެއްވި ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމެވި ދަތުރުފުޅެއް ނޫން ކަމަށެވެ. އެހެންވިޔަސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެހެންދު އަށް ވަޑައިގެން އެ ރަށަށް ބޭނުންވާ ކަންކަން ވަނީ އޮޅުންފިލުއްވައިފަ އެވެ.
"މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރެއްވި. މި ރަށަށް ބޭނުންވާ ތަރައްގީގެ ކަންކަން ރައީސަށް ހުށަހެޅި. އޭގެ ތެރޭގައި ފެނާއި ނަރުދަމަ އާއި ބަނދަރާއި މިސްކިތުގެ ވާހަކަ ހިމެނޭ،" ފަޒީލް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެހެންދު އަށް ވަޑައިގެން އެ ރަށުގެ ކައުންސިލަރުންނާއި ސަރުކާރުގެ އިދާރާތަކުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ފެހެންދު އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އޮޅުން ފިލުއްވި ކަމަށެވެ.
ރައީސް ފެހެންދޫގައި. --ފޮޓޯ/ރައީސް އޮފީސް
އެގޮތުން، އެ ރަށުގެ ބަނދަރު ބޭނުން ކުރުމުގައި ހުރި ދަތިތަކާއި ނަރުދަމާ އާއި ކަރަންޓުގެ މައްސަލަތަކާއި ސިއްހީ ދާއިރާގައި ހުރި ބައެއް ގޮންޖެހުންތަކާއި ރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުންނާއި އޭޓީއެމެއްގެ ޚިދުމަތް ގާއިމް ކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ފެރީގެ ޚިދުމަތް ރަނގަޅު ކުރުމާއި ރަށުގެ ތައުލީމީ ދާއިރާގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް، ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެހެންދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ބައެއް މަޝްރޫއު ތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ކައުންސިލަރުންނާ ހިއްސާ ކުރެއްވި އެވެ. މީގެ އިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުން ވެސް ކައުންސިލަރުންނާއި ހިއްސާ ކުރެއްވި އެވެ.
ރައީސް ފެހެންދުއަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
"އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ހައްލު ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ބ. އަތޮޅުގެ ރަށްތަކުގެ ތެެރެއިން އާބާދީ މަދަސް ފެހެންދު އަކީ ގުދުރަތީ ގޮތުން ރީތި އަދި ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ރަށެކެވެ. އެންމެ ގިނަ ބަޔަކަށް ކަމުދަނީ އެ ރަށުގެ ހިތްގައިމު ގޮނޑު ދޮށެވެ.
ފެހެންދޫގެ އާބާދީ އަކީ ގާތްގަނޑަކަށް 300 މީހުންނެވެ. އެކަމަކު ރަށުގައި ދިރިއުޅެނީ ކައުންސިލުން ބުނިގޮތުގައި 150 މީހުންނެވެ. މީހުން މަދުވުމުގެ ސަބަބުން ފެހެންދޫ އޮތީ ހުރިހާ ވެރިކަމެއްގައި ވެސް މާބޮޑަށް އަޅައިނުލެވި އޮތް ރަށެއްގެ ގޮތުގަ އެވެ. އަސާސީ ޚިދުމަތްތަކެއް ނެތެވެ. އެ ރަށުގެ ދަރިވަރުން ކިޔަވަން ކުރަން ޖެހިފައި އޮތީ ވެސް ހިތްދަތި ދަތުރެކެވެ.
ފެހެންދޫޫ ކައުންސިލަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް.
ފެހެންދޫގެ ދަރިވަރުން ކިޔަވަން ދަނީ އެ އަތޮޅު ގޮއިދޫ ސްކޫލަށެވެ. ޑިންގީގައި ކުރާ މި ދަތުރަށް ހައްލެއް ހޯދައި ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެހީވެފަ އެވެ. ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ އެ ރަށަށް ވަނީ މިދިޔަ މަހުގެ ތެރޭގައި ކަނޑައަޅައިފަ އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްގެ އުއްމީދަކީ އެ ރަށަށް ޚާއްސަ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވުމެވެ.
ގޮއިދޫ-ފެހެންދޫ-ފުޅަދޫ ފަޅުތެރޭ ރިސޯޓެއް ހަދައިދޭނަން
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް
ގޮއިފުޅަފެހެންދޫ ގުޅުވައިލެވޭހާ ފައިސާ ބަނދަރުތަކަށް
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފި
އާމްދަނީގެ 5 ޕަސެންޓް ކައުންސިލަށް! ސަރުކާރަށް ސާބަސް
ރައީސް، ބ. އަތޮޅަށް ވަޑައިގެންފި
ތަރައްގީގެ ނަމުގައި އިބޫ ވައްކަމެއް ނުކުރާނެ: ޝާހިދު
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު