Roadha Mihaaru
ގޮއިދޫ-ފެހެންދޫ-ފުޅަދޫ ފަޅުތެރޭ ރިސޯޓެއް ހަދައިދޭނަން

ގޮއިދޫ-ފެހެންދޫ-ފުޅަދޫގެ ފަޅުތެރޭގައި ރިސޯޓެއް ހަދައިދޭނަން: ރައީސް

21 އޯގަސްޓް 2023

އާބާދީ ކުޑަ، ބ. ގޮއިދޫ-ފެހެންދޫ-ފުޅަދޫ ފަޅުތެރޭގައި ރިސޯޓެއް ހަދައިދީ، ފެހެންދު އަށް ގިނަ ކަންތައްތައް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު ބ. ފުޅަދޫން އާސިމާ ނިޒާރު

އާބާދީ ކުޑަ، ބ. ގޮއިދޫ-ފެހެންދޫ-ފުޅަދޫ ފަޅުތެރޭގައި ރިސޯޓެއް ހަދައިދީ، ފެހެންދު އަށް ގިނަ ކަންތައްތައް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ފުޅަދު އަށް ވަޑައިގެން، މި ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޓޫރިޒަމް ތަރައްގީ ކުރުމަށް މި ސަރަހައްދަށް ވުރެ ރަނގަޅު ތަނެއް ނެތް ކަމަށެވެ. އެހެންވެ، ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމަށް ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ތަން ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށް ހުޅުވާލާނެ ކަމަށެވެ.

"ފުޅަދު އަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމީ ޔަގީން ކަމެއް. އެގޮތުން މި ފަޅުތެރޭގައި، ގޮއިދޫ-ފެހެންދޫ-ފުޅަދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަޅުގަނޑުމެން އޯޕަން ކޮށްލާނަން ޕްރައިވެޓް ސެކްޓާ އަށް. މި އަށް ވުރެ ފައްކާ ސަރަހައްދެއް ޓޫރިޒަމަށް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ފުޅަދުއަށް ރައީސްގެ ވައުދުތައް:

- ފަޅުތެރޭގައި ރިސޯޓެއް ހެދުން.

- ފްލޯޓިން ޖެޓީ.

- އިންޑޯ ވޮލީ ކޯޓެއް.

- ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުން.

- ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް.

- ސަރުކާރުގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް ހެދުން.

- ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުން.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، މި އަތޮޅުގެ ފުރަތަމަ ރަށް، ފެހެންދުއަށް ވަޑައިގަތުމުން އެ މަނިކުފާނަަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، މި އަތޮޅުގެ ފުރަތަމަ ރަށް، ފެހެންދުއަށް ވަޑައިގަތުމުން އެ މަނިކުފާނަަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރު އެއް ބީޗު އޮތީ ބ. އަތޮޅުގައި ކަމަށެވެ. އަތިރިމަތި ބަލާލުމަށް ވެސް ގިނަ ބަޔަކު އަންނާނެ ކަމަށާއި އެއާއެކު، ރަށުގެ އިގުތިސޯދު ތިން ގުނަ ވާނެ ކަމަށް، ލޯކަލް ޓޫރިޒަމް ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ފުޅަދޫގައި ރައީސް ވިދާޅުވި އެވެ.

ރިސޯޓުގެ އިތުރުން، ފުޅަދޫގައި ބޭނުންކުރާ ކުދި ޑިންގީތަކާއި ދޯނިތައް އެޅުމަށް ފްލޯޓިން ޖެޓީއެއް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ މި ރަށަށް ގިނަ ކަންތައްތައް ކޮށްދޭނެ ކަމަށެވެ. އެއީ ރަނގަޅު ބަދަލުތަކަކަށް ވާނެ ކަމަށާއި އެއާއެކު، ރަށުގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު ދިރިއުޅެވޭނެ މުސްތަގުބަލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، މި ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި. މި ފަދަ ހިތް ހަމަޖެހޭ ތަނެއްގައި އުޅެން ބޭނުން ނުވާނީ ކާކުތޯ؟ ހަމައެކަނި އޮތް ހުރަހަކީ މި ދެންނެވި މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.