Roadha Mihaaru
ގޮއިދޫ-ފެހެންދޫ ކޯޒްވޭ:ކުޑަ ރަށަކަށް ބޮޑު އުއްމީދެއް!

ގޮއިދޫ-ފެހެންދޫ ކޯޒްވޭ: ކުޑަ ރަށަކަށް ބޮޑު އުއްމީދެއް!

01 އޯގަސްޓް 2019

ބ. ގޮއިދު އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެން، އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމުގެ ޔަގީންކަމާ އެކު އެ ރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބ. ގޮއިދު އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެން، އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމުގެ ޔަގީންކަމާ އެކު އެ ރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.

އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ގިނަ ޚިދުމަތްތަކުން މަހްރޫމްވެފައި އޮތް ފެހެންދޫގައި މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަން އިއުލާންކޮށްދެއްވީ މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެހެންދު އަށް ވަޑައިގަތީ ވެރިކަމުގައި ހުންނަވައި ރައީސަކު އެ ރަށަށް ވަޑައިނުގަންނަވާތާ 40 އަހަރު ފަހުންނެވެ.

ކައުންސިލްގެ ރައީސް މޫސާ ނަސީމް މިއަދު ވިދާޅުވީ ކޯޒްވޭގެ ވައުދަކީ އަސާސީ ޚިދުމަތްތަކަށް އެ ރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު އުފުލާ ތަކުލީފަށް ލުޔެއް ލިބޭނެ ކަމުގެ އުއްމީދެއް ކަމަށެވެ. އޭގެ އިތުރުން ވެސް ދެ މަޝްރޫއެއް އަންނަ އަހަރު އެ ރަށުގައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަފާތުކުރުމާއި އެކަހެރި ކުރުމުގެ މާޒީއެއް އޮތް ރަށެއް މިއީ. ރައްޔިތުން ހުށަހެޅި ގިނަ ކަންކަމުގެ ތެރެއިން ހާއްސަކޮށް ކޯޒްވޭއަކުން ދެ ރަށް ގުޅާލުމަކީ ރައްޔިތުން ވަރަށް ބޭނުންވެފައި ތިބި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް ފެހެންދު އަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ފެހެންދު އަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

އާބާދީ މަދުވެފައި، ސަރުކާރުތަކަށް ސިޔާސީ މާ ބޮޑު ފައިދާއެއް ނުވުމަކީ ބާކީކޮށް، ތަފާތުކުރަން ޖެހޭ ސަބަބެއް ނޫން. --ކައުންސިލް

ކައުންސިލުން ގަބޫލުކުރާ ގޮތުގައި ފެންދު އަކީ އާބާދީ ބޮޑު ރަށްތަކާއި މަދު ރަށްތަކުގެ މެދުގައި ސަރުކާރުތަކުން ގެންގުޅުނު ތަފާތު ކުރުމުގެ މިސާލެކެވެ. އެ ރަށް އެކަހެރިކޮށްފައި ބޭއްވީ ސަރުކާރުތަކަށް އެ ރަށުން ކުރާނެ ސިޔާސީ މާބޮޑު ފައިދާއެއް ވެސް ނޯންނާތީ ކަމަށް ވުން އެކަށީގެންވާ ކަމަށް ކައުންސިލުން ބުންޏެވެ.

ތައުލީމާއި ސިއްހީ ޚިދުމަތާއި ކަރަންޓާއި ނަރުދަމަ އާއި ދަތުރުކުރުމުގެ ލުއި ފަސޭހަތަކުން މިއަދާ ހަމައަށް އެ ރަށް އޮތީ މަހްރޫމްވެފަ އެވެ. މި ޝަކުވާތައް އަޑު ނީއްވާ ސަރުކާރެއް ނުދެ އެވެ. ހުރިހާ ސަރުކާރުތަކުން ވެސް ދެނީ އެއް ޖަވާބެކެވެ. އާބާދީ މަދު ރަށްތަކުގައި މަޝްރޫއުތައް ހިންގަން ބަޖެޓުގެ ދަތިކަމާ އެކު ގޮންޖެހުންތައް ބޮޑުވުމެވެ.

ރައީސަށް މަރުހަބާ ކިޔަން ނުކުތް ބަޔަކާ ބައްދަލު ކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސަށް މަރުހަބާ ކިޔަން ނުކުތް ބަޔަކާ ބައްދަލު ކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް

މޫސަ ވިދާޅުވި ގޮތުގައި މި ވެރިކަން ފެށުމާ އެކު ރައްޔިތުންގެ ޝަކުވާތައް ބަންޑެލިކޮށްގެން ކައުންސިލަރުން މާލެ އަށް ދަތުރެއް ކުރެއްވީ މާ ބޮޑު އުއްމީދެއް އޮވެގެންނެއް ނޫނެވެ. އެ ރަށުގެ ޖުމްލަ އާބާދީއަކީ 300 މީހުންނެވެ. އެކަމަކު ރަށުގައި ދިރިއުޅެނީ 150 މީހުންނެވެ.

މި މީހުންނާ މެދު ސަރުކާރުގެ ވިސްނުން އޮތް ގޮތެއް ބެލުމަށް ކައުންސިލަރުން ހުށަހެޅީ މަޝްރޫއުތަކެކެވެ. މީގެތެރެއިން ގިނަ މަޝްރޫއުތަކެއްގެ ޔަގީންކަން މި ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ވަނީ ދީފަ އެވެ. އެއާއެކު އެ ރަށުގައި އުޖާލާ މުސްތަގުބަލެއް އޮތް ކަމުގެ އުއްމީދެއް ވެސް ރައީސް ދެއްވި ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެ ވައުދުތަކަކީ ކުޑަ ރަށަކަށް ސަރުކާރަށް ދެވޭނެ ބޮޑު ހަދިޔާ އެކެވެ. މި މަޝްރޫއުތައް ކުރިން ހުށަހަޅާފައިވިޔަސް ގިނަ ކަންކަމަށް ސަރުކާރުތަކުން އިޖާބައެއް ނުދިނެވެ.

"ރައީސްއާ އަޅުގަނޑުމެން ބައްދަލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯޒްވޭގެ ޔަގީންކަން މި ދެއްވީ. އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމަށް،" މޫސަ ވިދާޅުވި އެވެ.

ފެހެންދޫން ރައީސަށް މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ ރައީސް އޮފީސް

ފެހެންދޫން ރައީސަށް މަރުހަބާ ދަންނަވަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. --ފޮޓޯ/ ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ދެ ރަށް ގުޅުވާލުމަކީ ރައްޔިތުންނަށް ފައިދާކުރާނެ އަދި ސަރުކާރަށް ޚަރަދު ކުޑަވާނެ ކަމެކެވެ. އެންމެ ބޮޑު ލުޔެއް ލިބޭނީ ތައުލީމާއި ސިއްހީ ޚިދުމަތްތައް ހޯދަން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އާބާދީ މަދުކަމުން ފެހެންދޫން ތައުލީމެއް ނުލިބެ އެވެ. އެ ރަށުގެ ދަރިވަރުން ޑިންގީއެއްގައި ކިޔަވަން ދަނީ ގޮއިދު އަށެވެ. ހަމަ މިގޮތަށް، ސިއްޚީ ޚިދުމަތްތަކުގައި ވެސް ބަރޯސާ ވަނީ ގޮއިދު އަށެވެ. ފެހެންދޫގެ ހެލްތު ސެންޓަރެއް ހުރި ނަމަވެސް މާ ބޮޑު ބޭނުމެއް ނުހިފެ އެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް ފަރުވާއެއް ލިބެނީ ގޮއިދޫންނެވެ.

"އެއް ފަޅެއްގެ ތެރޭގައި އޮންނަ މި ދެ ރަށުގައި މި އޮންނަނީ މޭލެހާ ދުރުމިން. ޑިންގީއެއްގައި ގާތްގަނޑަކަށް ފަސް މިނެޓް ނުވަތަ ހަތް މިނެޓުން ދަތުރު ނިންމޭ. އެހެންވީމަ ދެ ރަށް ގުޅާލައި ބަސް ދަތުރެއް ބޭއްވުމަކީ ބޮޑު ފަސޭހަ އަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފެހެންދޫ ކައުންސިލަރުންނާ އެކު. --ފޮޓޯ/ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފެހެންދޫ ކައުންސިލަރުންނާ އެކު. --ފޮޓޯ/ރައީސް އޮފީސް

އަސާސީ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ވުމުގެ އިތުރުން ކައުންސިލުން ފާހަގަކުރާ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ، އާބާދީ މަދުވުމުން އަޅާނުލައި ދޫކޮށްލާ މާޒީ ބަދަލުވުމުގެ ނިޝާންތައް ފެނުމުގެ ހިތްހަމަޖެހުމެވެ.

"ކުޑަ ރަށަކަށް ވީތީ ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ސަރުކާރުތަކުން ގަބޫލުކުރީ. މި ރަށުގެ ތާރީޚު ވެސް ގުޅިފައި އޮތީ އެ ވިސްނުމާއި ތަފާތުކުރުންތަކާ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެހެންދު އަކީ މީހުން ދިރިއުޅެން ޖެހޭ ރަށެއްގެ ނޫން ކަމަށް ބައެއް ސަރުކާރުތަކުން ދެކި މީހުން ބަދަލުކުރަން މަސައްކަތް ވެސް ކޮށްފައި އެބަހުއްޓެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ މޫސަ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުންނެވެ. އަސާސީ ޚިދުމަތް ނުލިބުނަސް ވަރިހަމަކޮށް، ރަށުން ހިޖުރަނުކުރަން ދެއްކި ހިތްވަރެވެ.

"އާބާދީ މަދުވެފައި، ސަރުކާރުތަކަށް ސިޔާސީ މާ ބޮޑު ފައިދާއެއް ނުވުމަކީ ބާކީކޮށް، ތަފާތުކުރަން ޖެހޭ ސަބަބެއް ނޫން. ދޫކޮށްލަން ޖެހެނީ އެ ވިސްނުން،" މޫސަ ވިދާޅުވި އެވެ.