02 ސެޕްޓެމްބަރ 2019
ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށްލީ ނަމެއްގަ އެވެ. ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގާތާ އަށް އަހަރު ވެފައިވީ ނަމަވެސް ހާލަތު ބަދަލެއް ނުވެ އެވެ. އަދިވެސް އޮތީ މައި ސަރުކާރަށް އާދޭސް ދެންނެވުމެވެ!
ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށްލީ ނަމެއްގަ އެވެ. ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގާތާ އަށް އަހަރު ވެފައިވީ ނަމަވެސް ހާލަތު ބަދަލެއް ނުވެ އެވެ. އަދިވެސް އޮތީ މައި ސަރުކާރަށް އާދޭސް ދެންނެވުމެވެ!
ރަށުގެ މަގު ބައްތިއެއް އެނދިޔަސް ނުވަތަ ރައްޔިތުންނަށް ނަފާވާ ގޮތަށް ބިމެއް ކުއްޔަށް ދޫކުރަން ވިޔަސް ބޮޑު ސިޓީ ފޮނުވަން ޖެހެނީ ގުޅުން ހުރި ވުޒާރާ އަކަށެވެ. ރައްޔިތުންގެ އެ އާދޭސް ރައްދުވާ ވުޒާރާއެއް ހިންގަވާ ވަޒީރުގެ "ހެޔޮފުޅުކަމުން" ބައެއް ފަހަރަށް ވަރަށް އަވަހަށް އެ ކަމެއް ހަމަޖެހިދާނެ އެވެ. ނުވަތަ، ކައުންސިލްގައި އޭރަކު ތިއްބަވާ ކައުންސިލަރުންގެ ފިކުރަކަށް ބަލައި އެކަން ނުވެ ވެސް ހިނގައިދާނެ އެވެ.
ގިނަ ފަހަރަށް ކައުންސިލްތަކަށް ލިބޭ ޖަވާބަކީ، ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަކަށް ނުވާތީ އެކަން ހަމަޖެއްސެން ނެތް ކަމެވެ.
ލާމަރުކަޒީ ގާނޫނުގައި އިދާރީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައި ވަނީ ކައުންސިލްތަކާ އެވެ. އޭގެތެރޭގައި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި މިސްކިތްތައް ބެލެހެއްޓުމާއި ޔޫޓިލިޓީޒްގެ ޚިދުމަތްތައް ހިމެނެ އެވެ. އެކަމަކު މި ކަންކަން ކުރަން އެކަށީގެންވާ ބަޖެޓެއް ދައުލަތުން ކައުންސިލްތަކަށް ހަމަޖައްސައެއް ނުދެ އެވެ.
ގާނޫނުގައި ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަންކަން ކުރުމުގައި ނަމޫނާ ދައްކާ އެއް ކައުންސިލަކީ އއ. އުކުޅަހު ކައުންސިލެވެ. ބަޖެޓުގެ ތެރެއިން ނުވެއްޖެ ނަމަ ކޮންމެވެސް އެހެން ގޮތަކުން އެހީ ހޯދައިގެން ނަމަވެސް ކަންކަން ކުރެވޭތޯ ބަލަ އެވެ. ރަށާއި ރައްޔިތުންގެ ތަރައްގީ އަށް ގިނަ ޕްލޭންތަކެއް ކޮންމެ އަހަރަކު ވެސް ހަދަ އެވެ. އެކަމަކު ކުރިމަތިވިވަނީ މާލީ ގޮންޖެހުންތަކެވެ. ގިނަ ކަންކަން ކަރުދާހުގައި އޮވެ، ޝަކުވާ ކުރަން ރައްޔިތުންނަށް ޖާގަ ލިބޭ ސަބަބަކީ އެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އުުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންްްސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ: މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ނުވެ އޮތުމަކީ އެންމެ ބޮޑު ގޮންޖެހުން.
ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް މި އަހަރަށް ކަނޑައެޅި ފައިސާ ބަހާލުމުން އުކުޅަހު ކައުންސިލަށް ލިބުނީ 3.7 މިލިއަން ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލް މުވައްޒަފުންގެ މުސާރަ އާއި އިދާރީ ހިންގުމުގެ ޚަރަދުތަކަށް ފަހު އެހެން ކަމަކަށް ފައިސާ ބާކީއެއް ނުވެ އެވެ.
"ދެން އެ ކަމެއް ހަމަޖައްސައިދޭން އެދެން ޖެހެނީ ގުޅުން ހުރި މިނިސްޓްރީއެއްގައި. ގިނަ ފަހަރަށް ކުރިއެރުމެއް ނުލިބޭ. މި ދަތިކަމުގައި ކައުންސިލްތައް މި ހިންގަނީ،" އުކުޅަހުގެ ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވި އެވެ.
އެކަމަކު މި މާޒީ މިގޮތުގައި ދިގުދަންމާކަށް މި ސަރުކާރު ބޭނުމެއް ނުވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގެ ތެރެއިން އެންމެ މުހިއްމު އިސްކަމެއް ދެއްވާ އެއް ކަމަކީ، މައި ސަރުކާރަށް ބާރުތައް ޖަމާވެފައި އޮތުން ނިމުމަކަށް ގެންނެވުމެވެ. ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒު ކުރުމެވެ. އެ ވައުދު ފުއްދެވުމަށް މުޅި ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވައިފަ އެވެ.
އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ މިއެވެ.
"މި މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާއީ އެތައް މައްސަލަތައް ހައްލުކުރެވެން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކުރެވި، ވަޒީފާތައް އުފެދި ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެން. މި ހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެ އަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލެވިގެން." އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ހުޅުއްވައި ދެއްވަމުން ރައީސް ވިދާޅުވެފައިވެ އެވެ.
އެންމެ މުހިއްމު ބަދަލެއްގެ ގޮތުގައި އޮތީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމެވެ.
- ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓް ކައުންސިލްތަކަށް ޚާއްސަކުރުން.
- ކައުންސިލްތަކުން ދޭ ޚިދުމަތްތަކުން ނަގާ ފީ އާއި ކުއްޔަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީގެ ގޮތުގައި ކަނޑައެޅުން.
- ބިމާއި ރަށްރަށާއި ފަޅާއި ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ވާ ފައިސާ ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ކަނޑައެޅުން.
- މީހުން ދިރިއުޅޭ ރަށްތަކުގެ ބިމު ކުލީގެ 100 ޕަސެންޓް ކައުންސިލަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހަމަޖެއްސުން.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ ކައުންސިލްތަކަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ނައްތާލަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެންމެ މުހިއްމު އެއް ބަދަލަކީ ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލްތައް ބާރުވެރިކުރުވަން މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް ގިނަ އިސްލާހުތަކެއް ގެންނާނެ. މާލީ ގޮތުން ބާރުވެރިނުވެ އޮތް އޮތުން ވެސް ނިމުމަކަށް މި ސަރުކާރުން ގެންނާނެ،" ޝައުނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝައުނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދައުލަތުގެ ބަޖެޓް އެކުލަވާލަމުން އަންނަ އިރު ކައުންސިލްތަކާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ބަޖެޓު ވެސް އޮންނަނީ އެކި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ބަދަލުގައި މި ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތައް ސީދާ ކައުންސިލްތަކުން ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ މި އަހަރުގެ އާމްދަނީ އަށް ބަލާއިރު ފަސް ޕަސެންޓަކީ 1.1 ބިލިއަން ރުފިޔާ އެވެ. ކައުންސިލްތަކަށް ކަނޑައަޅާ ނަމަ އެއީ ބޮޑު އަދަދެކެވެ. މި ފަސް ޕަސެންޓް ކައުންސިލްތަކަށް ހަމަޖެއްސުމުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، މައި ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުން އަމިއްލަ އަށް ކުރިއަށް ގެންދެވޭނެ ކަން ޝައުނާ ފާހަގަކުރެއްވި އެވެ.
ކައުންސިލްތަކަށް ދޭ އާމްދަނީގެ ފަސް ޕަސެންޓް، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ބަހާލުމަށް ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާ އަށް ފަހު މިހާރު ވަނީ ފިޒްކަލް ފޯމިއުލާއެއް އެކުލަވާލައިފަ އެވެ. މި ފޯމިއުލާ އެކުލަވާލި އިރު ބެލީ، އާބާދީ އާއި އިދާރީ ދާއިރާގައި މީހުން އުޅޭ ރަށްރަށުގެ އަދަދާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރަން ޖެހޭ ޚަރަދާއި އިދާރީ ދާއިރާ އާއި ރަށްރަށާ ހުރި ދުރުމިނާއި ކައުންސިލަށް ލިބޭ އާމްދަނީގެ އިތުރުން ހަމަހަމަކަން ދެމެހެއްޓުމަށެވެ.
އާމްދަނީގެ ފަސް ޕަސެންޓު ހަމަޖެއްސުމުގެ އިތުރުން، ކައުންސިލުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި އެ ފީ ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭން ވަނީ ނިންމައިފަ އެވެ.
"މިގޮތަށް ހެދުމުން އެ ފީތަކާއި ކުއްޔަކީ ސީދާ ކައުންސިލަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ހަމަޖެހިގެންދާނެ،" ޝައުނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ރޯޑްވާދިނަސް ފީ އާއި ވެހިކަލް ފީތަކާއި ބަނދަރު ކުލި ހިމެނެ އެވެ.
އަނެއް އިސްލާހުގެ ގޮތުގައި، ބިމާއި ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓަށް ވާ ފައިސާ ވަކި ފަންޑަކަށް ޖަމާކޮށް، އެ ފައިސާ ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީއެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖެއްސުމަކީ ވެސް އަންނާނެ ބޮޑު ބަދަލެކެވެ. މި އަހަރު ބަޖެޓުގައި ޕީއެސްއައިޕީގެ 710 މަޝްރޫއު ހިމެނުނު އިރު، އޭގެ ތެރެއިން 373 މަޝްރޫއަކީ ފަސް މިލިއަނަށް ވުރެން ކުޑަ ބަޖެޓެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކެވެ.
ށ. ފުނަދޫ: ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް މަޝްރޫއުތައް ކައުންސިލްތަކުން އަމިއްލަ އަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސަން ސަރުކާރުން ވަނީ ނިންމާފައި .---ފޮޓޯ:މިހާރު
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވީ މާލީ ގޮތުން ކައުންސިލްތައް ލާމަރުކަޒު ކޮށްފި ނަމަ ހަގީގީ މާނައިގައި ނިޒާމް ހިނގައިގަންނަން ފަށާނެ ކަމަށެވެ. ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވާނީ މައި ސަރުކާރަށް ބަރޯސާވެ، ހައްގު މިންވަރު ނުލިބި ތިބެން ޖެހުން ނިމުމަކަށް އައުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައުކަތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި ރަށު ތަރައްގީ އަށް ޕްލޭން އެކުލަވާލައި ތަންފީޒު ނުވެ ތިބެން ޖެހުމުގެ މާޔޫސްކަން ވެސް އޭރަށް ނިމުމަކަށް އަންނާނެ އެވެ.
"ކައުންސިލްތަކުން އަމިއްލަ އަށް ކަންކަން ރާވައި ހިންގޭނެ. ޕާކުތަކާއި ބީޗު ފަދަ ތަންތަން ތަރައްގީ ކުރެވޭނެ. އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ކަންކަން ކުރެވޭނެ. ތައުލީމާއި ސިއްހަތާއި ޒުވާނުންގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ،" ޝައުކަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިސްލާހުތައް ގެނެސްފި ނަމަ، ރަށްތައް ތަރައްގީވެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގަން ފެށީއްސުރެން ކުރަމުން އަންނަ ޝަކުވާތަކަށް ހައްލުތަކަށް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅުން ހުރި ކަންކަން ބާރު ސްޕީޑުގައި ކުރެވިގެން ދިއުމަކީ ކައުންސިލްތަކާއި ރައްޔިތުންނަށް ވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް،" ޝައުކަތު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އެ ހިތްހަމަޖެހުން ރަށްރަށުގެ ރައްޔިތުންނަށް ހޯއްދަވައިދެއްވަން ނުކުންނަވަ އެވެ.
ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް
ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފި
ދެން އޮތީ ރައްޔިތުން ބާރުވެރިކުރުން: ރައީސް
ރައީސްގެ ދައުވަތަކަށް ކައުންސިލްތައް އެއް މޭޒަކަށް
އަންހެނުންނަށް 33 ޕަސެންޓް، މައްސަލައަކީ ކޮބާ؟
ކައުންސިލްތައް ފަސް އަހަރަށް ބަދަލުކުރަން ފާސްކޮށްފި
ކައުންސިލްތައް 5 އަހަރަށް ބަދަލުކުރަން ފާސްކޮށްފި
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ
ޖަޒީރާ ތަރައްގީއަކީ ލާމަރުކަޒީ ރާއްޖެ ބިނާކުރުން:ރައީސް