Roadha Mihaaru
ޖޭއެސްސީއަށް ވަކީލަކު ހޮވަން ބާއްވާ އިންތިޚާބު ފަށައިފި

ޖޭއެސްސީއަށް ވަކީލަކު ހޮވަން ބާއްވާ އިންތިޚާބު ފަށައިފި

27 ޖުލައި 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މާލެ އާއި އައްޑޫގައި މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މާލެ އާއި އައްޑޫގައި މިއަދު ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ޖޭއެސްސީ އަށް ވަކީލަކު ހޮވަން ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށް މާލޭގައި ހުންނަ އިންތިޚާބާ ބެހޭ މައި މަރުކަޒާއި (ބާ ޖަމާލުއްދީން) އައްޑޫ ޝަރަފުއްދީން ސްކޫލްގައި ކަމަށެވެ.

އެގޮތުން މާލޭގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާފައި ހުރި އިރު، އައްޑޫގައި ބަހައްޓާފައި ވަނީ އެންމެ ފޮއްޓެކެވެ.

ޖޭއެސްސީ އަށް ވަކީލުންގެ ތެރެއިން މެމްބަރަކު އިންތިޚާބުކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ލަތީފާ ގާސިމްގެ މެމްބަރުކަން މި މަހު ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ގާނޫނާ އެކު ގެއްލި، އެ މަގާމު ހުސްވުމުންނެވެ.

އެ މަގާމަށް ކުރިމަތިލެއްވީ އަލީ ރަޝީދާއި އަބްދުލްމާނިއު ހުސައިނާއި އަހުމަދު ރަޝީދު ހުސައިނާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ހަނީފާ ޚާލިދުގެ އިތުރުން ޖޭއެސްސީގައި މިހާރު އާންމުންގެ މެމްބަރެއްގެ ގޮތުގައި އިންނަވާ އަބްދުލްހަންނާނު އަހުމަދެވެ.

ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.