Roadha Mihaaru
ޖޭއެސްސީގެ މެމްބަރުކަމަށް ހަ ވަކީލަކު ކުރިމަތިލައިފި

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ހަ ބޭފުޅަކު ކުރިމަތިލައިފި

24 ޖުލައި 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރު ކަމަށް ހަ ވަކީލަކު ކުރިމަތިލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރު ކަމަށް ހަ ވަކީލަކު ކުރިމަތިލައްވައިފި އެވެ.

ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރަކު އިންތިޚާބުކުރަނީ އެ މަގާމުގައި ކުރިން ހުންނެވި ލަތީފާ ގާސިމްގެ މެމްބަރުކަން މި މަހު ތަސްދީގު ކުރެއްވި ގާނޫނީ ފަންނުގެ ގާނޫނާ އެކު ގެއްލި، އެ މަގާމު ހުސްވުމުންނެވެ. ވަކީލުންގެ މެދުގައި އެ އިންތިޚާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެ މަގާމަށް ކުރިމަތިލެއްވީ އަލީ ރަޝީދާއި އަބްދުލްމާނިއު ހުސައިނާއި އަހުމަދު ރަޝީދު ހުސައިނާއި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި ހަނީފާ ޚާލިދުގެ އިތުރުން ޖޭއެސްސީގައި މިހާރު އާންމުންގެ މެމްބަރެއްގެ ގޮތުގައި އިންނަވާ އަބްދުލްހަންނާނު އަހުމަދެވެ. އެ ބޭފުޅުންގެ ނަންތައް ރޭ ވަނީ ތަރުތީބުކޮށްފަ އެވެ.

ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިޚާބު ބާއްވަނީ ވަކީލުން ރެގިއުލޭޓްކުރަން އަލަށް އުފެއްދި ބާ ކައުންސިލްގެ ބެލުމުގެ ދަށުން އިލެކްޝަންސް ކޮމިޝަނުންނެވެ.

ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.

އޭގެ ތެރެއިން ވަކީލުންގެ މެމްބަރާއި އާންމުންގެ މެމްބަރާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އުމުރު މަތިކުރަން ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން މިހާރު އޮތީ އިސްލާހު ހުށަހަޅައިފަ އެވެ.