Roadha Mihaaru

އީސީގެ މެމްބަރުކަމުން އާސިފް ވަކިކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން މުހައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

03 ޖުލައި 2025

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން މުހައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާސިފާއި އިލެކްޝަން ކޮމިޝަންގެ އޭރުގެ ނައިބު ރައީސް އަލީ ނަޝާތު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަންގައި އޮޅުވާލުމުގެ އަމަލުތަކެއް ހިންގައި، އީސީގައި ހުރި މައުލޫމާތު ވިއްކި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގައި ނަޝާތާއި އާސިފްގެ އިތުރުން އެ ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރަށް ވެސް މަޖިލީހުގެ ކޮމެޓީން އެ ތުހުމަތުތައް ކުރި އެވެ. އެކަމަކު އެ ތިން ބޭފުޅުންގެ ތެރެއިން ނަޝާތާއި އާސިފް ވަކިކުރުމަށްފަހު ޒާހިރު ވަކިނުކުރަން މަޖިލީހުގެ ތަޅުމުން ފާސްކުރި އެވެ.

އެ މައްސަލާގައި އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމްގައި ބުނީ ގާނޫނުއަސާސީގެ 177 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހާލަތެއް އީސީގެ މެމްބަރަކަށް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، މެމްބަރުކަމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމަށެވެ.

ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލައިގެ ތެރެއިން އާސިފްގެ ފަރާތުން އެދޭ ކަމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުގެ ތެެރެއަށް ވަދެ، މަޖިލީހުން ނިންމި ނިންމުމަކީ ގޯސްކޮށް ނިންމާފައިވާ ނިންމެއް ކަމަށް ކޯޓުން ކަނޑައެޅުމަށް ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އީސީގެ މެމްބަރުކަމުން އޭނާ ވަކިކުރުމުގައި ގާނޫނުއަސާސީގައިވާ އިޖުރާއަތާ ހިލާފް ކަމެއް ހިނގި ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެެހެންވެ، ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން މަޖިލީހުން ނިންމާފައިވާ ނިންމުމަކަށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާއާ ހިލާފަށް ޗެލެންޖް ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާނެ ކަމަށާއި އެހެންވެ، ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި އާސިފް ވަކިކުރީ އޭނާގެ މެމްބަރުކަމުގެ މުއްދަތުން އެއް އަހަރަށް ވުރެ ގިނަ ދުވަސް ބާކީ އޮއްވަ އެވެ.