Roadha Mihaaru
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ހިނގައްޖެ

ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ހިނގައްޖެ

11 ޖުލައި 2019

ރާއްޖެ އަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު ވެސް މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު މި އަހަރުގެ ޖޫން މަހު ދަށަށް ހިނގައްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި އަދަދު ވެސް މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު މި އަހަރުގެ ޖޫން މަހު ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން މިއަދު އާއްމު ކުރި ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު މި ޖޫން މަހު އިމްޕޯޓް ކުރި އަދަދު ވަނީ ފަސް ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންގައި 3.5 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި ވާއިރު މި އަހަރު އިމްޕޯޓްކޮށްފައި ވަނީ 3.3 ބިލިޔަން ރުފިޔާގެ މުދަލެވެ.

މި އަހަރުގެ ޖޫންމަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު މިދިޔަ އަހަރަށް ވުރެ ދަށް ވެފައި ވަނީ ހަތް ޕަސެންޓުންނެވެ. އެގޮތުން މި އަހަރުގެ ޖޫން މަހު ރާއްޖެއިން 113 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި ނަމަވެސް މި އަހަރު އެކްސްޕޯޓް ކުރީ 104 މިލިޔަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓް އިމްޕޯޓް ދަށަށް ދިޔަ ނަމަވެސް ކަސްޓަމްސް އިން ބުނީ މި އަހަރު އެ ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ 13 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އޮގޮތުން މިދިޔަ އަހަރުގެ ޖޫން މަހު ލިބުނީ 235 މިލިޔަން ރުފިޔާގެ އާމްދަނީއެއް ކަމަށް ވިޔަސް މި އަަހަރު 266 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެކްސްޕޯޓް އިމްޕޯޓް ދަށް ވި ނަމަވެސް އާމްދަނީ އިތުރުވީ ބެލެވޭ ގޮތުގައި ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށްފައި ވާތީ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު، އަގުގެ ގޮތުން ރާއްޖެ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ޗައިނާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ދެ ގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 19 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ސިންގަޕޫރުންނެވެ. އެއީ 13 ޕަސެންޓެވެ. ހަތަރު ވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ އިންޑިއާއިނނެވެ. ފަސް ވަނަ އަކީ ސްރީލަންކާ އެވެ.

އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖޭން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ޖަރުމަނުވިލާތަށެވެ. އެއީ ޖުމްލަ އެކްސްޕޯޓްގެ 42 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރި ފަރަންސޭސިވިލާތަށް އެކްސްޕޯޓް ކުރީ 11 ޕަސެންޓް މުދަލެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ޔޫއޭއީ އަށެވެ. ހަތަރު ވަނަ އަކީ އެމެރިކާ އަދި ފަސް ވަނައަކީ ކޮސްޓަރިކާ އެވެ.