09 ޖުލައި 2020
ޓޫރިޒަމް ހުއްޓުމާ އެކު، ރާއްޖެ ޑޮލަރަށް ޖެހި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18ރ. އަށް އުފުލިއްޖެ އެވެ.
ޓޫރިޒަމް ހުއްޓުމާ އެކު، ރާއްޖެ ޑޮލަރަށް ޖެހި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18ރ. އަށް އުފުލިއްޖެ އެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ ކަމަށް ވިޔަސް، މާލޭގައި ހިންގާ ޑޮލަރު އެކްސްޗޭންޖުތަކުން 15.72ރ. ޑޮލަރު ގަނެ އެވެ. އެކަމަކު ޑޮލަރުގެ ޑިމާންޑް އަނެއްކާވެސް ބޮޑީ ކަޅު ބާޒާރުގަ އެވެ. އެގޮތުން ކަޅު ބާޒާރުގައި 17ރ.-18ރ. އާ ދެމެދުގެ އަގެއްގައި ޑޮލަރު ގަނެ އެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ވެސް މިހާރު ކަޅު ބާޒާރުން ޑޮލަރު ގަތުން ނޫން އެހެން މަގެއް ނެތެވެ. އެހެންކަމުން ކުރިއަށް އޮތީ މުދަލުގެ އަގު ބޮޑުވުމުގެ ދުވަސްތަކެއް ކަމަށް، ތަޖުރިބާކާރުން ލަފާކުރެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓްކުރާ ކުންފުންޏެއްގެ ވެރިޔަކު "މިހާރު"އަށް ވިދާޅުވީ ވިޔަފާރިވެރިންނަށް ބޭނުންވާ ޑޮލަރުގެ 70 ޕަސެންޓް ބޭންކުތަކުން ކުރިން ހަމަޖައްސައިދިނަސް މިހާރު އެ މިންވަރު 30 ޕަސެންޓަށް ވެއްޓިއްޖެ ކަމަށެވެ. އޭގެ ސަބަބުން ކަޅު ބާޒާރުން ޑޮލަރު ގަތުން ނޫން ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމަކީ ހުރިހާ ވިޔަފާރިވެރިންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންގެ އިތުރުން އާއްމުންނަށް ވެސް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ވިދާޅުވި އެވެ.
"އަސްލު ރާއްޖޭގައި ޑޮލަރު ނެތޭ ބުންޏަސް ރަނގަޅުވާނެ. މީގެ ސަބަބުން ތަކެތީގެ އަގަށް އަންނަ ބަދަލު މިހާރު ނުފެނުނަސް ދުވަސްކޮޅަކުން ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް މި ހާލަތަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅިއްޖެ ނަމަ ޑޮލަރުގެ އަގު މިހާރަށް ވުރެ ވެސް ރާއްޖޭގައި ބޮޑުވެ، ރުފިޔާގެ އަގު ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް، ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
Rising dollar rate is alarming as it will have ripple effects on the whole community, especially at a time when everyone’s suffering. @MMA_Maldives & Govt need to take urgent action to ensure prices of goods can be kept at affordable rates & survival of businesses of all scales.
— Hassan Shiyam (@HassanShiyam) July 7, 2020
ޑޮލަރުގެ ރޭޓު ބޮޑުވުމާ ގުޅިގެން ކަނބޮޑުވުން ފާޅުކޮށް ވީބީ މާޓުގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް ކުރި ޓްވީޓެއް--
ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މުދާ އެތެރެކުރާ ވީބީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް ވިދާޅުވީ އާންމުންގެ އަތް ފޯރާ ފަށުގައި މުދަލުގެ އަގު ހިފަހައްޓަން ސަރުކާރާއި އެމްއެމްއޭ އިން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
"ޑޮލަރުގެ އަގު މައްޗަށް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ،" ހަސަން ކުރެއްވި ޓްވީޓެއްގައި ލިއުއްވި އެވެ.
"އެންމެން ވެސް ހާލުގައި ޖެހިފައި ތިބި ދަނޑިވަޅެއްގައި އޭގެ ނުބައި އަސަރު މުޅި މުޖުތަމައުއަށް ކުރާނެ އެވެ."
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެހެން ވިޔަފާރިވެރިޔަކު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވިޔަނުދީ ކޮންޓްރޯލްކުރަން ސަރުކާރުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިވެރިންނަށް ދޫކުރާ ޑޮލަރު އިތުރުކޮށް ކަޅު ބާޒާރުގައި އޮތް ޑޮލަރުގެ ޑިމާންޑް ކުޑަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި މައްޗަށް ދާ ނަމަ ހުރިހާ ދިވެހިންނަށް ވެސް އޭގެ އަސަރު ކުރާނެ. އެހެންވީމާ އެމްއެމްއޭ އާއި ސަރުކާރާ ގުޅިގެން އެބަ ޖެހޭ ބޭންކުތަކުން ވިޔަފާރިވެރިން ބޭނުންވާ ވަރަށް ޑޮލަރު ލިބޭ ގޮތް ހަދައިދޭން. ކުރިން ވެސް އެގޮތަށް އޮތީމަ ޑޮލަރުގެ އަގު ހިފެހެއްޓިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ޑޮލަރު ދޫކުރި މިންވަރު އިތުރުކޮށްފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި ރާއްޖެއަށް ޑޮލަރު އެންމެ ގިނައިން ވަންނަ ދާއިރާ ކަމަށްވާ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ތިން މަސް ވެއްޖެ އެވެ. މި މަހު 15 ގައި އަލުން ޓޫރިޒަމް ހުޅުވާލި ނަމަވެސް އިގްތިސާދު ރަނގަޅުވާން ދެތިން މަސް ދުވަސް ނަގާނެ ކަމަށް ވިޔަފާރިވެރިން ގަބޫލުކުރެ އެވެ. އެކަމަކު އެ ރަނގަޅުވުން ވެސް ގުޅިފައި އޮތީ، ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު ބަދަލުވާ ގޮތުގެ މައްޗަށެވެ.
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް ނުތިބެވޭނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ލައިސަންސް އޮތަސް، ހިންގަނީ ކަޅު ބާޒާރު!
ޑޮލަރަށް ޖެހުން ހައްލު ކުރާނީ ކިހިނެއް؟
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެ
ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ
އަޅާނުލައި ތިއްބާ ޑޮލަރުގެ އަގު 17ރ.ގައި ހަރުލައިފި
"ޑޮލަރާގުޅޭ ފިޔަވަޅުތައް ލަސްވަނީ ލޮކްޑައުންތަކާ ހެދި"