Roadha Mihaaru
ޓޫރިޒަމަށް ދޫކުރި ތަންތަން ތަރައްގީކުރަން ލުއި ދެނީ

ޓޫރިޒަމަށް ދޫކުރި ތަންތަން ތަރައްގީކުރަން ލުއި ގޮތްތަކެއް ހަމަޖައްސަނީ

04 ޖުލައި 2019

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ ގަވައިދެއް ހަދައި ގެޒެޓްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ ގަވައިދެއް ހަދައި ގެޒެޓްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށް މިހާތަނަށް ތަރައްގީކުރެވިފައި ނުވާ ތަންތަން ނިންމުމަށް ލުއި ގޮތެއް ހޯދައިދީ ހިތްވަރު ދިނުމަށް އެކުލަވާލި ގަވައިދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ގަވައިދާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުއްޓިފައި ނުވަތަ މަޑުޖެހިފައި ހުރި ރަށްތައް ޕްލޭންތަކާ އެއްގޮތަށް އަވަސް މިނުގައި ތަރައްގީކުރަން މި ގަވައިދަކީ އެހީއަކަށް ވާނެ ކަމަށެވެ. އަދި މި ގަވައިދާ އެކު، "ސީއެސްއާރުގެ ނަމުގައި ޕާޓީ އޮފީސް ހެދުމާއި އިންވެސްޓަރުންނަށް މަޖުބޫރުކޮށްގެން ވާނުވާ ނޭނގޭ ގޮތަށް ފައިސާ ނެގި އުސޫލު ކަށްވަޅަށް ލެވުނީ" ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ކުރެއްވި ޓުވީޓު.

ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ތަން ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް އިތުރު މުއްދަތެއް ދިނުމާއި ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދޭން ވާނެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައި ނުވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" މި ގަވައިދުގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ދީފައިވެ އެވެ.

ގަވައިދުގެ ދަށުން މިނިސްޓްރީ އަށް ލިބޭ އިހްތިޔާރަކީ ކުއްޔަށް ދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް މުއްދަތު ދިނުމާއި ކުއްޔަށް ދޫކުރާ ތަން ބައިބަޔަށް ބަހާލައިގެން ތަރައްގީކޮށް ނިންމުމަށް މުއްދަތެއް ދިނުމެވެ.

ގަވައިދަށް އަމަލު ކުރަން ފަށާ އިރު، "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށް ދިނުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާފައިވާ ފަރާތްތަކަށް އެ ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވާ ތާރީހުން ފެށިގެން ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް މުއްދަތު އިތުރުކޮށް ދިނުމުގެ އިހްތިޔާރު ވެސް މިނިސްޓްރީ އަށް ދީފައިވެ އެވެ.

ގަވައިދުގެ ދަށުން އިތުރުކޮށްދޭ މުއްދަތު ހަމަވުމުގެ ކުރިން އެ ތަނެއް ހިންގަން ނުފަށާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހާލައިގެން ތަރައްގީކުރާ ތަނެއް އަދި މަދުވެގެން އެއް ފޭސް ނިންމައިފައި ނުވާ ނަމަ، ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވާ ތާރީހުން ފެށިގެން ދެ އަހަރު ތެރޭގައި ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާ ހިމެނޭ ގޮތަށް އެހާ ތަނަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ. އަދި އިތުރުކޮށްދޭ މުއްދަތާއި ފަސްކޮށްދޭ ކުއްޔާއި ޖޫރިމަނާ ނުދައްކާ ނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު މިނިސްޓްރީ އަށް އޮންނާނެ އެވެ.