Roadha Mihaaru

ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު ސަރުކާރުން ވަކިކޮށްފި އެވެ.

ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު ސަރުކާރުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށް "މިހާރު" އަށް ނުރަސްމީކޮށް އެނގިފައި ވެ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުން ޣާނިޔާ ވަކިކުރިއިރު، ފަނޑިޔާރު ޑީޑީ އަށް ކުރާ ރިޝްވަތުގެ މައްސަލާގައި ހިމެނޭ ފައިސާ ޖަމާވި ކަމަށް ބުނަނީ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާގެ އެކައުންޓަށެވެ.

މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން ފަށާފައިވާތީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ފަނޑިޔާރު ޑީޑީ ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުން ފާހަގަވި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުން ކަމަށް ވެ އެވެ.

ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ސިޔާސީ މަގާމުން މި ވަކިކުރީ، ފިރިކަލުންނަށް ކުރާ ރިޝްވަތުގެ ތުހުމަތަށް ބަލައި ސަރުކާރުން ފިޔަވަޅު ނޭޅުމުން ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ އެމްބެސެޑަރަކަށް ޣާނިޔާ އައްޔަން ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އިރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާތީ އާއި ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާތީ ޣާނިޔާގެ މައްޗަށް 2013 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ވެސް ފޮނުވި އެވެ. އެކަމަކު، ފަހުން އެ މައްސަލަ އަށް ވީ ގޮތެއް އަދި ސާފެއް ނުވެ އެވެ.