Roadha Mihaaru
ވާވޭ އަށް ލުޔެއް ލިބޭތޯ ޗިޕް ކުންފުނިތަކުން ބަލަނީ

ވާވޭ އަށް ލުޔެއް ލިބޭތޯ އިންޓެލް އަދި ކުއަލްކޮމްއިން މަސައްކަތްކުރަނީ

18 ޖޫން 2019

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ ވާވޭއާ އެކު މުއާމަލާތްކުރުން، އެމެރިކާ ސަރުކާރުން މަނާކުރުމުން، ޚަބަރު ސުރުޚީތަކުގައި އެކަން ފާހަގަކުރަމުން ދިޔައީ އެއީ ހަމައެކަނި ވާވޭ އަށް ލިބުނު ގެއްލުމެއް ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ ވާވޭއާ އެކު މުއާމަލާތްކުރުން، އެމެރިކާ ސަރުކާރުން މަނާކުރުމުން، ޚަބަރު ސުރުޚީތަކުގައި އެކަން ފާހަގަކުރަމުން ދިޔައީ އެއީ ހަމައެކަނި ވާވޭ އަށް ލިބުނު ގެއްލުމެއް ކަމަށެވެ.

ވާވޭއާ އެކު އެމެރިކާ ކުންފުނިތަކުން ކުރަމުން ދިޔައީ ވިޔަފާރި އެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން އުފައްދާ މުދާތައް ވާވޭއިން ގަނެ އެވެ. އެ މުދާތައް ގަތުމަށް ވާވޭއިން 2018 ގައި 11 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ވެ އެވެ. މިއީ އެމެރިކާ ކުންފުނިތަކަށް ލިބޭ އާމްދަނީ އެކެވެ. މި އަދަދު ކުރި އަށް އޮތް ތަނުގައި އޮތީ އިތުރުވާ ގޮތަށެވެ. ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާ ކުންފުނިތަކަށް މަނާކުރި ހިސާބުން އެއީ ދެން ލިބޭނެ ފައިސާއެއް ނޫނެވެ. ދެރަ މިވީ ވަކިން ކޮން ބަޔަކަށް ހެއްޔެވެ؟

ވާހަކަތައް މިހާރު އެހެން ގޮތަކަށް އެބަ ބަދަލުވެ އެވެ. އިންޓެލް، ކުއަލްކޮމް އަދި ޒިލިންކްސް އަށް ވެސް މިހާރު ގެއްލުންވާން ފަށައިފި އެވެ. އެހެންވެ، މި ކުންފުނިތަކުން އަމިއްލަ އަށް އިސްނަގައިގެން އެމެރިކާ ސަރުކާރު ރުއްސޭތޯ އެބަ ބަލަ އެވެ. މިއީ ވާވޭ އަށް އޯގާތެރިވުމަށް އެ މީހުން ކުރާ ކަމަށް ނޫނެވެ. ލިބެމުން ދިޔަ މާލީ ތަނަވަސްކަން ބަންދުވުމުން ކުންފުންޏަށް ގެއްލުންވާނެކަން ކަށަވަރުވީ އެވެ.

ވާވޭ އަށް ދަތިކުރަން އެމެރިކާއިން ފިޔަވަޅު އެޅި ހިސާބުން، ވާވޭއާ ދެކޮޅު ކުންފުނިތަކެއް، ޓެކްނޮލޮޖީ ސިނާއަތުން ވެސް ފާހަގަވި އެވެ. އެ ކުންފުނިތަކުން ހީކުރީ އެމެރިކާ ސަރުކާރުން ބުނާހާ ގޮތެއް ވާވޭ ހަދާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމާ ގުޅުން ހުރި އެއްވެސް ގޮތަކަށް ބަދަލުހިފަން ބޭނުން ނޫން ކަމަށް ވާވޭ ބުންޏެވެ. އަދި އެމެރިކާގެ ރުހުން ހޯދުމަށްޓަކައި މަޝްވަރާކުރަން ހުށަހަޅާ ބަޔަކަށް ނުވާނެ ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް ވިޔަފާރިގައި ކުންފުނިތަކުގެ މެދުގައި ހަމަހަމަ އުސޫލުން ވިޔަފާރިކުރުމަށް މަޝްވަރާކުރާނެ ކަމަށް ބުންޏެވެ.

ވާވޭއިން އަޅައިނުލުމުން މިހާރު މި ފެންނަނީ އެމެރިކާގެ ކުންފުނިތަކުން ތެޅެންފެށިތަނެވެ. ވިޔަފާރި ދިރާސާކުރާ މީހުންގެ ނަޒުރުގައި، ވާވޭއާ އެކު ގުޅުން ކަނޑާލުމުން، ވާވޭ އަށް ވުރެ ބޮޑު ގެއްލުން އެމެރިކާ ކުންފުނިތަކަށް ވާނެ އެވެ.

އެމެރިކާގައި ހިންގާ ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ "ބްރޯޑްކޮމް"އިން ބުނި ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބޭ އާމްދަނީ ދަށްވާނެ އެވެ. އެމެރިކާގެ ޗިޕް ކުންފުނިތަކުން ވެސް ވަނީ މި މޭރުމުން ވާހަކަދައްކާފަ އެވެ. އެމެރިކާ ކުންފުނިތަކަކަށް ވާތީ އަނގަގަދަކުރަން ނުކެރިގެން ތިބެނީ އެވެ.