Roadha Mihaaru
އެމްޓީސީސީން ޔަންމާ އިންޖީނާ ބެހޭ ހާއްސަ ކެމްޕޭނެއް

ޔަންމާ އިންޖީނުގައި ބޭނުންކުރަނީ އޮރިޖިނަލް އެއްޗެހިތޯ ބެލުމުގެ ކެމްޕޭނެއް ފަށައިފި

16 ޖޫން 2019

ޔަންމާ އޭޝިއާއާ ގުޅިގެން އެމްޓީސީސީން ޔަންމާ ސޭލްސް ސާވިސް ކެމްޕެއިންއެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޔަންމާ އޭޝިއާއާ ގުޅިގެން އެމްޓީސީސީން ޔަންމާ ސޭލްސް ސާވިސް ކެމްޕެއިންއެއް މިއަދު ފަށައިފި އެވެ.

މިއީ ރާއްޖޭގެ އުޅަނދުތަކުގައި ބޭނުންކުރާ ޔަންމާ އިންޖީނުގެ ބައިތަކަކީ އޮރިޖިނަލް އެއްޗެހިތޯ ބަލައި އިންޖީނުގެ ވެރިފަރާތާ އެ މައުލޫމާތު ހިއްސާކުރަން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭނާ ގުޅޭ ގޮތުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެންމެ ބޮޑު މަގުސަދަކީ ކެމްޕޭން ނިމޭއިރު ރާއްޖޭގައި ޔަންމާ އިންޖީނު ބޭނުންކުރާ އެންމެން ވެސް ގެންގުޅެނީ އޭގެ އޮރިޖިނަލް ބައިތައް ކަމަށް ހެދުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކެމްޕޭން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާނެ އެވެ.

"މި ކެމްޕޭނުގެ ބޭނުމަކީ އަޅުގަނޑުމެންގެ އިންޖީނުތަކުގައި ބޭނުންކުރާ ސްޕެއާ ޕާޓުތަކަކީ ޖެނުއިން ސްޕެއާ ޕާޓުތައް ކަމުގައި ވެގެން ދިއުން. މި ކެމްޕޭނަކީ ވަރަށް މުހިންމު ކެމްޕޭނެއް. އެހެންކަމުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މި ކެމްޕޭން ކުރިއަށްގެންދާނަން،" ޝާހު ވިދާޅުވި އެވެ.

މި ކެމްޕޭނުގައި ޔަންމާ އޭޝިއާގެ ސޭލްސް ޑިޕާޓުމަންޓުގެ މީހުން މާލޭގެ ބަނދަރަށް މިއަދު ޒިޔާރަތްކޮށް ޔަންމާ އިންޖީނު އަޅާފައި ހުންނަ އުޅަނދުފަހަރަށް އަރައި އެ އިންޖީނުތަކުގައި ހުރީ އޮރިޖިނަލް ބައިތަކެއްތޯ ވަނީ ބަލައިފަ އެވެ.

ޔަންމާ އޭޝިއާ މިޑްލް އީސްޓުގެ ބްރާންޗު މެނޭޖަރު އިސްމާއިލް ނާފިއު ވިދާޅުވީ އިންޖީނުތަކާ ބެހޭ މައުލޫމާތު އެމްޓީސީސީ އާއި އިންޖީނުގެ ވެރިފަރާތަށް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އިންޖީނުގެ ހާލަތާއި އިންޖީނުގެ ބައިތަކަކީ އޮރިޖިނަލް ބައިތަކެއްތޯ ބަލައި އެ މައުލޫމާތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކެމްޕޭނުގައި އަޅުގަނޑުމެން އިންޖީނުތައް ޗެކުކޮށް އެ އިންޖީނުގެ ހާލަތާއި އިންޖީނުގައި ބޭނުން ކުރަނީ ޖެނުއިން ސްޕެއާ ޕާޓްސްތޯ ބަލައި އެ މައުލޫމާތު ހިއްސާ ކުރާނަން،" ނާފިއު ވިދާޅުވި އެވެ.

އެމްޓީސީސީން ފެށި މި ކެމްޕޭނާ ގުޅުވައިގެން ސާވިސް ކިޓުތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި 25 ޕަސެންޓާއި 38 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓު ލިބޭ ކިޓުތަކެއް ހިމެނެ އެވެ.