Roadha Mihaaru
"ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަނާޅާތީ"

ގިނަ ކުދިންނަށް ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެފުށް ހުށަނާޅާތީ!

09 ޖޫން 2019

މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނީ، ހުށަހެޅި ސެޓްފިކެޓްތަކުގެ ދެފުށް ހުށަހަޅާފައި ނެތުމުން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަތީ ތައުލީމަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނީ، ހުށަހެޅި ސެޓްފިކެޓްތަކުގެ ދެފުށް ހުށަހަޅާފައި ނެތުމުން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ލޯނު އެހީ ހޯދުމަށް 993 ދަރިވަރުން ހުށަހެޅި އެވެ. އެކަމަކު އޭގެ ތެރެއިން ލޯނު ލިބުނީ އެންމެ 79 ދަރިވަރަކަށެވެ.

ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ނުލިބި ޝަކުވާ ބޮޑުވެފައިވަނިކޮށް، މިނިސްޓްރީން ވަނީ ދަރިވަރުންގެ ފޯމުތައް ބަލައިނުގަތް ސަބަބު އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން ސެޓްފިކެޓްތަކުގެ ދެ ފުށް ނުހިމަނައިގެން 271 ދަރިވަރުންނަށް އެ ފުރުސަތު ގެއްލުނެވެ. އެއީ އަލަށް ޑިގްރީއަށް ކިޔަވާ 183 ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ 88 ދަރިވަރުންނެވެ.

ހަޔަ އެޑިއުކޭޝަނުން ބުނިގޮތުގައި ކިޔަވަން ފުރުސަތު ހުޅުވާލި ގައުމުތައް ނޫން އެހެން ގައުމެއްގައި ކިޔަވަން ބޭނުން ވެގެން ހުށަހެޅި، 192 ދަރިވަރުން ޑިސްކޮލިފައި ވި އެވެ. ސެޓްފިކެޓްތައް ހަމަނުވެގެން 183 ކުދިންނަށް ލޯނުގެ ފުރުސަތު ގެއްލުނު އިރު، ރާއްޖޭގައި ކިޔަވާ ކޯސްތައް، ބޭރުން ކިޔަވަން ބޭނުންވެގެން ހުށަހެޅި 106 ދަރިވަރުންނަށް ލޯނު ދުލެއް ނުކުރި އެވެ.

ލޯނަށް ހުށަހެޅި ދަރިވަރުން ޑިސްކޮލިފައިވި އިތުރު ސަބަބުތަކުގެ ތެރޭގައި އެޕްލިކޭޝަންތައް ހަމަނުވުމާއި އެކްރެޑިޓް ނުކުރާ ސެޓްފިކެޓްތައް ހިމެނުން ފަދަ ކަންކަން ހިމެނެ އެވެ.

ހަޔަ އެޑިއުކޭޝަނުން މިހެން ބުނި ނަމަވެސް ބައެއް ދަރިވަރުން މި ސަބަބުތަކެއް ގަބޫލެއް ނުކުރެ އެވެ.

ރާއްޖޭން ބޭރުގައި ކިޔެވި ކޯހުން އެއް ވަނަ ހޯދައިގެން މާސްޓާސްއަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅި ދަރިވަރަކު ބުނިގޮތުގައި އޭނާއަށް ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ނުހިމަނާތީ ކަމަށް ބުނި ނަމަވެސް އެއީ ދޮގެކެވެ.

"އެކަހަލަ ކަމެއް ހިނގާފާނެތީ އަޅުގަނޑު ޑޮކިއުމަންޓްތަކުގެ ދެ ފުށް އެޓޭޗްކޮށް، އެތަން ވީޑިއޯ ވެސް ކުރިން. އެ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުމުން އެތަނުން ޖަވާބެއް ނުލިބޭ،" އެ ދަރިވަރު ބުންޏެވެ.

އޭނާ ބުނީ ކިޔެވި ކޯހުން ލިބުނު މަތީ ފާހާއެކު ލޯނު ލިބޭނެ ކަމުގެ އުއްމީދުގައި ޔުނިވަސިޓީން ޖާގަ ހޯދައި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ލޯނު ނުލިބޭކަން އެންގީ އަންނަ މަހު އެކެއްގައި ކިޔެވުން ފަށަން އޮއްވާ ކަމަށް ބުންޏެވެ.

"ޑިގްރީއިން ހޯދޭނެ އެންމެ މަތީ ފާސް ހޯދިން. އެކަމަކު އެ ވަރުން ވެސް ލޯނެއް ނުލިބުން،" ވަރަށް މާޔޫސްވެ ހުރެ އެ ދަރިވަރު ބުންޏެވެ.

ގިނަ ކުދިންތަކަކަށް ލޯނު ނުލިބުނު ސަބަބާ ގުޅޭގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ކުރެއްވި ހަމައެކަނި ޓްވީޓްގައި ވިދާޅުވީ ލޯނު ނުލިބުނީ އުސޫލާ ހިލާފަށް ލޯނަށް ހުށަހަޅާފައިވާތީ އެވެ. އެއާއެކު ގިނަ ބައެއްގެ ޝަކުވާއަކަށް ވީ އުސޫލާ ހިލާފުވި ނަމަވެސް ފޯމުތައް ބަލައިގަތުމެވެ.

ބައެއް ދަރިވަރުން ދެކޭ ގޮތުގައި ފޯމުގައި މައްސަލައެއް އުޅޭ ނަމަ އެކަން ދަރިވަރުންނަށް އެނގޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ. ބާތިލްކުރަން ޖެހޭނީ އެކަަންކަން ފުރިހަމަނުކުރުމުން ކަމަށް ވެސް އެ މީހުން ދެކެ އެވެ. މިފަހަރު ލޯނަށް އެދި ހުށަހަޅަން ޖެހުނީ އޮންލައިން ޕޯޓަލްއަކުންނެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވަނީ މިނިސްޓަރާ ބައްދަލުކޮށް، މި ޝަކުވާތައް ހިއްސާކޮށްފަ އެވެ.