Roadha Mihaaru
ލޯނު ނުލިބުމުގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާކޮށްފި

ގިނަ ބަޔަކަށް ލޯނު ނުލިބުމުގެ ކަންބޮޑުވުންތައް އެމްޑީޕީން މިނިސްޓަރަށް ހުށަހަޅައިފި

09 ޖޫން 2019

މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ގިނަ ބަޔަކަށް ނުލިބުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ މިއަދު ބައްދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ގިނަ ބަޔަކަށް ނުލިބުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާ މިއަދު ބައްދަލުކޮށްފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ފޮޓޯ ޓުވީޓު ކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މަތީ ތައުލީމަށް ކިޔެވުމަށް ދޫކުރާ ލޯންގައި ހުރި އުސޫލުތަކާ މެދު މެމްބަރުންގެ ހުރި ކަންބޮޑުވުންތައް ހަޔަ އެޑިއުކޭޝަން މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށެވެ.

މީކައިލް ނަސީމް މިއަދު ކުރެއްވި ޓުވީޓު.

އެގޮތުން ފޯމްތައް ޑިސްކޮލިފައި ކުރުމުގެ ކުރިން އެކަން އެންގުމާއި ފޯމްތައް ބާތިލް ކުރާ ނަމަ، އެއީ ކީއްވެކަން ބެލުމުގެ އެކަށީގެންވާ ފުރުސަތެއް ދޭންވާނެ ކަމަށް މީކައިލް ވިދާޅުވި އެވެ. އަދި ޕޯޓަލް މައްސަލައަކާ ހުރެ، ފޯމްތައް ޑިސްކޮލިފައިވެގެން ނުވާނެ ކަމަށް މީކަލް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ލޯން ސްކީމް އޮންނަން ވާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ލޯނު ލިބުނީ އެންމެ 79 މީހަކަށެވެ. މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ މީހުންނަށް ލޯނު ދިނުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވަނީ ގިނަ ބަޔަކަށް ލޯނު ނުލިބުނީ އާންމު ކޮށްފައިވާ އުސޫލާ ޚިލާފަށް ހުށަހެޅުމުން ކަމަށެވެ. އެ މީހުން ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސާފުކޮށް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އުސޫލާ ޚިލާފު ފޯމު ބަލައިގަތް ސަބަބާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާއަކަށްވީ އުސޫލުތަކާ ހިލާފަށް ފޯމު ހުށަހެޅުމުން ފޯމުތައް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި ޑިސްކޮލިފައި ކުރުމެވެ. ނުބައިކޮށް ފޯމު ހުށަހަޅައިފި ނަމަ، އެކަން ދަރިވަރުންނަށް އަންގައި އެ ރަނގަޅު ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދޭން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ.