Roadha Mihaaru
ކުދި ގޯސްތަކުން "ކުށްވެރިން" ދޫވުން: ނިމުމެއް ނެތް؟

ކުދި ގޯސްތަކުން "ކުށްވެރިން" ދޫވުން: ނިމުމެއް ނެތް؟!

12 ޖޫން 2019

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން އިޖްރާއީ އެކި މައްސަލަތަކާ ހެދި ދޫވުމަކީ އާ ކަމެއް ނޫނެވެ. ކޯޓު އަމުރެއް ނެތި ތަންތަނަށް ވަނުމާއި ކޯޓު އަމުރުގައިވާ ގަޑިއަށް ވުރެ ކުރިން ތަންތަނަށް ވަދެ ހެކި ހޯދުމުންނާއި ހައްޔަރުކުރުމަށް ފަހު ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ހުރުމުން ވެސް ޖިނާއީ ބައެއް މައްސަލަތައް ނާކާމިޔާބުވެ، ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ދޫކޮށްލަން ޖެހިފައި އެބަ ހުއްޓެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން އިޖްރާއީ އެކި މައްސަލަތަކާ ހެދި ދޫވުމަކީ އާ ކަމެއް ނޫނެވެ. ކޯޓު އަމުރެއް ނެތި ތަންތަނަށް ވަނުމާއި ކޯޓު އަމުރުގައިވާ ގަޑިއަށް ވުރެ ކުރިން ތަންތަނަށް ވަދެ ހެކި ހޯދުމުންނާއި ހައްޔަރުކުރުމަށް ފަހު ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ހުރުމުން ވެސް ޖިނާއީ ބައެއް މައްސަލަތައް ނާކާމިޔާބުވެ، ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ދޫކޮށްލަން ޖެހިފައި އެބަ ހުއްޓެވެ.

ދާދި ފަހުން ވަނީ އޭގެ ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ. ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލަން ޖެހުމެވެ. ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން ހުޅުމާލޭގެ ގެއެއް ބަލައި، ފާސްކުރުމަށް ފަހު ހައްޔަރުކުރި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހުން ދޫކޮށްލަން އެ ކޯޓުން އަމުރުކުރީ ހައްޔަރުކުރަން ނެރުނު އަމުރުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން، އަމުރު ނެރުއްވި ގާޒީގެ ނަން ނެތުމުންނެވެ.

ދެވަނަ ފަހަރަށް ހުޅުމާލޭ ކޯޓުގެ އާ އަމުރެއްގެ ދަށުން އެ ދެ މީހުން އަލުން ހައްޔަރުކޮށް، ހުޅުމާލޭ ކޯޓަށް ބަންދުގެ މުއްދަތު އިތުރު ކުރަން ގެންދިއުމުން އެ ކޯޓުން ވެސް އެ މީހުން ދޫކޮށްލީ އެވެ. މިފަހަރު ދިމާވި މައްސަލައަކީ ބަންދުގެ މުއްދަތު މަޖިލީހަށް ހާޒިރުވީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގައި ބުނާ ފަދައިން، މައްސަލަ ތަހުގީގުކުރާ ފުލުސް މީހާ ކަމަށް ނުވުމެވެ. ފުލުފުލުގައި މީޑިއާގެ ސުރުހީތަކަށް އަންނަމުންދިޔަ މި މައްސަލަ އެންމެ ފަހުން "ގައުމީ ބޮޑު މައްސަލައަކަށް" ވާ ހިސާބަށް ވެސް ދިޔަ އެވެ.

އެ މައްސަލާގައި އެ މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު ފުރަތަމަ އަމުރުގައި ކޯޓުގެ ތައްގަނޑާއި ގާޒީގެ ސޮއި އޮތެވެ. މައްސަލަ ދިމާވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން ގާޒީގެ ނަން ނެތުމުންނެވެ. ގާޒީގެ ނަން ނެތުން ފަދަ އިދާރީ ކަމެއްގައި، ބޮޑު ތުހުމަތެއް ކުރެވޭ ބަޔަކު ދޫކޮށްލުމަކީ ބޮޑު މައްސަލައެކެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކުށެއްގެ ތުހުމަތުކުރެވޭ ވަގުތުން ފެށިގެން އެ މައްސަލައެއްގައި ތަހުގީގު މަރުހަލާ އާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގައި، ހުކުމް ކުރުމާ ހަމައަށް ވެސް އަމަލު ކުރަން ޖެހޭ ހުރިހާ އިޖްރާއާތުތަކެއް އަކުރުން އަކުރަށް ބަޔާން ކޮށްފައި އެބަ ހުއްޓެވެ. އެހެންވެ، އެއްވެސް މައްސަލައެއްގައި އެއިން އިޖްރާއާތެއް ފުރިހަމަ ނުކޮށް ދޫކޮށްލެވޭނެ ގޮތެއް ނެތެވެ. އަދި އިޖްރާއާތު ފުރިހަމަ ނުކޮށް ދޫކޮށްލުމަށް ފަހު، "މިއީ އަބަދުވެސް އަމަލުކުރާ އުސޫލު" ކަމަށް ބުނެ އެއްވެސް ބަޔަކަށް މިހާރު ޒިންމާއިން ރެކިގަނެވޭކަށް ވެސް ނެތެވެ. ގާނޫނު އޮތީ އެހާ ވެސް ތަފްސީލުކޮށެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި، ކޯޓު އަމުރެއްގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ބުނެފައި އެބަ އޮތެވެ. އޭގެ ތެރެއިން އެއް ޝަރުތަކީ އަމުރު ނެރޭ ފަނޑިޔާރު ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު އެ އަމުރެއްގައި އޮންނަން ޖެހުމެވެ. އެއީ ދެބަސްވެވެން ނެތް މިންވަރަށް ގާނޫނުގައި ލިޔެވިފައި އޮތް ކަމެކެވެ. އެހެންވެ، އެފަދަ އަސާސީ ޝަރުތެއް ފުރިހަމަ ނުކޮށް ކޯޓު އަމުރެއް ދޫކުރުމަކީ ކޯޓުން ވެފައިވާ އިހުމާލެކެވެ.

ދެން އޮތީ ފުލުހުން އަމަލުކުރި ގޮތެވެ. ޖިނާއީ ތަހުގީގުތަކާ ގުޅިގެން ކޯޓުތަކުން ދޫކުރާ އަމުރުތަކަކީ ފުލުހުން އެދޭ އެދުމަކަށް ބިނާކޮށް، އެ އަމުރެއްގައި ބުނާ ދާއިރާގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ފުލުހުންނަށް ދޭ ހުއްދައެކެވެ. އެ ހުއްދަ ކޯޓު އަމުރަކުން ފުލުހުންނަށް ދިނުމުން، އެ އަމުރުގައި މައްސަލައެއް އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރު ކުރުމަށް ފުލުހުންގެ މައްޗަށް އޮތް ޒިންމާ ވެސް ބޮޑެވެ.

އެހެނީ ފުލުހުން އެދިގެން ކޯޓުން ނެރޭ އަމުރެއް ގޯސްކޮށް އޮއްވާ އެ އަމުރުގެ ދަށުން ފުލުހުން މީހަކު ހައްޔަރުކުރުން ނުވަތަ ތަނެއް ބަލައި ފާސްކުރުން ފަދަ ކަމެއް ކޮށްފި ނަމަ، އެއިން ނުކުންނާނެ ގާނޫނީ ނަތީޖާއަކީ އެ އަމުރުގެ ދަށުން ފުލުހުން ހިންގާ އިޖްރާއާތުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދުމެވެ. މިއީ ފުލުހުން ފަދަ ޖިނާއީ އަދުލުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއަކަށް އޮޅިފައި އޮވެގެން ވާނެ ކަމެއް ނޫނެވެ. އެކަންކަން ބެލުމެއް ނެތި، އެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތުގައި ވެސް އިހުމާލު ވަރަށް ބޮޑެވެ.

ޖިނާއީ މައްސަލައެއްގައި އަމަލުކުރާ އިޖްރާއާތު ގޯސްވެއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ ދޫކޮށްލުން އެކަންޏެއް ނޫނެވެ. އިޖްރާއާތުު ގޯސްވެއްޖެ ނަމަ، ހޯދާ ހެކިތައް ވެސް ގާނޫނީ ގޮތުން ބަލައިނުގަނެވި، މުޅި އެ ދައުވާ ކާމިޔާބު ނުވެ ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. ކިތަންމެ ވަރުގަދަ ހެކިތަކެއް ލިބިފައި ހުއްޓަސް، އިޖްރާއާތު ގޯސް ނަމަ އެއަށް ގާނޫނީ ގޮތުން ރިއާޔަތެއް ނުކުރެވޭނެ އެވެ. އެގޮތަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައި ވެސް އެބަހުއްޓެވެ.

މީހަކު ހައްޔަރު ކުރަނީ: -- ފޮޓޯ/މިހާރު

މީހަކު ހައްޔަރު ކުރަނީ: -- ފޮޓޯ/މިހާރު

މީގެ އަހަރުތަކެއް ކުރިން، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މާލޭގައި މަގަކުން މީހަކު ހިފެހެއްޓުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާއާ އެކު އެ މީހާގެ އޮފީހަށް ފުލުހުން ވަންއިރު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނެވެ. އެ ތަކެތިން އެ މީހާގެ އިނގިލީގެ ނިޝާން ވެސް ފެނުނެވެ. އެކަމަކު އެ އޮފީހަށް ވަނުމުގެ ކޯޓު އަމުރެއް ފުލުހުން ހޯދާފައެއް ނެތެވެ. އެންމެ ފަހުން އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުން އެ މީހާ މިނިވަންވީ އެވެ.

ކޯޓު އަމުރެއް ނެތި މީހެއްގެ އަމިއްލަ ތަނަކަށް ފުލުހުން ވަދެ ހެކި ހޯދާފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވާތީ އަދި ގާނޫނާ ޚިލާފަށް ހޯދާ އެއްވެސް ހެއްކެއް ބަލައިގަތުން ގާނޫނުއަސާސީ މަނާކުރާތީ ހައި ކޯޓުން ނިންމީ އެތަނުން ފުލުހުން ހޯދި އެއްވެސް ހެއްކެއް ގާނޫނީ ގޮތުން ބަލައިނުގަނެވޭނެ ކަމަށެވެ.

ހައި ކޯޓުން ކުރި އެހެން ހުކުމެއްގައި ބުނެފައިވާ ގޮތުން ގޯސްކޮށް އިޖްރާއާތެއް ހިންގުމަށް ފަހު، ދެން ހުރި ކަންކަން އިޖްރާއާތުތަކާ އެއްގޮތަށް ކުރިޔަސް ފަހުން ކުރާ ހުރިހާ ކަމެއް ވެސް ބާތިލްވާނެ އެވެ. ސަބަބަކީ ފެށުން ބިނާވެފައިވަނީ ގޯސް އިޖްރާއާތެއްގެ މައްޗަށް ކަމަށް ވާތީ އެވެ.

މާނައަކީ މިސާލަކަށް، ތަނެއް ބަލައި ފާސްކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތެއް ފުރިހަމަ ނުކޮށް އޮތުމަށް ފަހު އޭގެ ފަހަށް ހުރިހާ އިޖްރާއާތެއް ރަނގަޅަށް ފުރިހަމަ ކުރިޔަސް، އެ ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމެވެ. މިއީ މިފަދަ މައްސަލަތަކުގައި މުއައްސަސާތަކުން ހައްތަހާ ވެސް ސަމާލުވާން ޖެހޭ ކަންކަމެވެ.

ތިން ކިލޯގެ ޑްރަގް މައްސަލާގައި ތިން ވަނަ ފަހަރު އެ މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު މި ހިސާބުން އަދި މި މައްސަލަ ނިމުނީ ކަމަކަށް ވެސް ބެލެވޭކަށް ނެތެވެ. ސަބަބަކީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ވެސް ގާޒީގެ ނަމެއް ނެތެވެ.

އެހެންވުމުން، ބަލައި ފާސްކުރުމުގެ އެ އަމުރުގެ ދަށުން އެތަނުން ފުލުހުން ހޯދި ހެކިތަކަކީ ގާނޫނާ ޚިލާފް ހެކިތަކެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އެ މައްސަލާގައި ދައުވާ އުފުލައި، ޝަރީއަތް ހިންގާ މަރުހަލާގައި އެ މައްސަލަ ފެންމަތިވެއްޖެ ނަމަ، އޭނާއާ ދެކޮޅަށް ގާނޫނީ ގޮތުން ބަލައިގަނެވޭ ފަދަ އެއްވެސް ހެއްކެއް ނެތި، އެއްކޮށް މިނިވަންވެގެން ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މާ ބޮޑު ކަމެއް ކަމަށް ނުބަލައި އިޖްރާއާތާ ޚިލާފަށް ކުރެވޭ ކުދިކުދި ކަންކަމުގެ ސަބަބުން ޝަރީއަތުގެ މަރުހަލާގައި މުޅި މައްސަލަ ނާކާމިޔާބުވެގެން ދިއުމުގެ ފުރުސަތު އޮވެ އެވެ. އެހެން ބައެއް ގައުމުތަކުގައި ގާނޫނީ ނިޒާމުތަކުގައި، އިޖްރާއާތުތަކާ ޚިލާފަށް ހެދޭ ކުދި ގޯސްތަކުގެ ސަބަބުން މުޅި މައްސަލައަށް އަސަރު ނުކުރިޔަސް، ރާއްޖޭގެ ނިޒާމް އޮތީ އެކަންކަމަށް އަޅާނުލައި، ދޫކޮށްލެވޭ ގޮތަކަށް ނޫން ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

"ގާނޫނާ ޚިލާފަށް ހޯދާ އެއްވެސް ހެއްކެއް ބަލައިނުގަނެވޭނެ ކަމަށް ގާނޫނުއަސާސީގައި މުތުލަގުކޮށް ވަނީ ބުނެފައި. ވަކި ހާލަތްތަކެއްގައި އެފަދަ އެއްޗެއް ބަލައިގަނެވިދާނެއޭ ބުނެފައި އެއްވެސް އިހްތިޔާރެއް ނުވަތަ ޑިސްކްރެޝަނެއް ނެތް ދީފައެއް. އެހެންވީމަ ގާނޫނާ ޚިލާފަށް ކުރާ ކަމަކަށް ނުވަތަ ހޯދާ އެއްޗަކަށް އެއްވެސް މިންވަރަކަށް ރިއާޔަތެއް ނުކުރެވޭނެ،" ވަކީލަކު ވިދާޅުވި އެވެ.

އަމަލު ކުރަމުން އައި އުސޫލު ކަމަށް ބުނެ ހުއްޖަތު ދެއްކި ޒަމާން ފާއިތުވެއްޖެ އެވެ. ހުރިހާ އިޖްރާއާތުތައް ތަފްސީލުކޮށް ގާނޫނުގައި މިހާރު ހުރީ ލިޔެފަ އެވެ. އެހެންވެ، އެ އިޖްރާއާތުތައް ފުރިހަމަ ކުރުމުގައި މުއައްސަސާތަކުން އިހުމާލުވުމުގެ ސަބަބުން، ބޮޑެތި ތުހުމަތުކުރެވޭ މީހުން ދޫވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެން ދޫވާ ނަމަ އެއީ ބަޔަކު ގަސްދުގައި ކުރާ ކަމެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ ލިބެ އެވެ.