Roadha Mihaaru
އިންގްލެންޑް ބަލިކޮށް ޕާކިސްތާނަށް އާ ހިތްވަރެއް

އިންގްލެންޑް ބަލިކޮށް ޕާކިސްތާނަށް އާ ހިތްވަރެއް

04 ޖޫން 2019

ނޮޓިންހަމް (ޖޫން 4) – ކްރިކެޓް ވޯލްޑް ކަޕުގައި ފުރަތަމަ މެޗުން ވެސްޓް އިންޑީޒް އަތުން ބަލިވެ ފެންވަރާ މެދު ސުވާލު އުފެދުނު ޕާކިސްތާނުން އިއްޔެ މުބާރާތުގެ ފޭވަރިޓް އިންގްލެންޑް އަތުން 14 ލަނޑުން މޮޅުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނޮޓިންހަމް (ޖޫން 4) – ކްރިކެޓް ވޯލްޑް ކަޕުގައި ފުރަތަމަ މެޗުން ވެސްޓް އިންޑީޒް އަތުން ބަލިވެ ފެންވަރާ މެދު ސުވާލު އުފެދުނު ޕާކިސްތާނުން އިއްޔެ މުބާރާތުގެ ފޭވަރިޓް އިންގްލެންޑް އަތުން 14 ލަނޑުން މޮޅުވެ ގިނަ ބަޔަކު ހައިރާންކޮށްލައިފި އެވެ.

އެންމެ ފަހުން ކުޅުނު 11 ވަންޑޭ އިންޓަނޭޝަނަލް މެޗުން ވެސް ބަލިވެ އަދި އޭގެ ތެރޭގައި އިންގްލެންޑް އަތުން 4-0 އިން ބަލިވި ސިލްސިލާއެއް ވެސް ހިމެނޭ ޕާކިސްތާން އިއްޔެ ފެނުނީ ވަރަށް ތަފާތުކޮށެވެ. އެ ޓީމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 348 ލަނޑު ހެދި އެވެ. މުހައްމަދު ހަފީޒް 84 ލަނޑު ހަދައި ސައްތައާ ގާތްކުރަނިކޮށް ނުބައިވިއިރު ކެޕްޓަން ސަރްފަރާޒް އަހުމަދު ނުބައިވީ 55 ލަނޑު ހެދި ފަހުންނެވެ.

އިންގްލެންޑަށް ދެން ޖެހުނީ، ވޯލްޑް ކަޕުގެ ތާރީހުގައި ފަހަތުން އަރައި ހަމަކުރަން ޖެހޭ އެންމެ ބޮޑު ނަތީޖާއާ ކުރިމަތިލާށެވެ. އެ ޓީމުން އެކަން ކާމިޔާބުކުރުމާ ވަރަށް ގާތަށް ވެސް ދިޔަ އެވެ. އެކަމަކު 50 އޯވަރު ހަމަވި އިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 334 ލަނޑެވެ. އިންގްލެންޑުގެ ޖޮއޭ ރޫޓް (107) އަދި ޖޯސް ބުޓްލާ (103) ވަނީ ސައްތައެއް ހަދައިފަ އެވެ.

"މިއީ ޓީމު މަސައްކަތެއް. އުކުންތެރިން ވެސް އެހާމެ މޮޅަށް މިއަދު އުކީ. އަހަރެމެން މިއަދު ތަފާތުތަކެއް ވެސް ގެނައިން. އަހަރެމެން ފެށީ ޝަދާބު އަރުވައިގެން. އެއީ އަހަރެމެންނަށް އެނގޭ އިންގްލެންޑުގެ އޯޕަނިން ކުޅުންތެރިން ސްޕިން ބޯޅައަށް އެހާ މޮޅު ނޫންކަން،" ޕާކިސްތާނުގެ ކެޕްޓަން ސަރްފަރާޒް ބުންޏެވެ.

މި މެޗުގައި ޕާކިސްތާނަށް ލިބުނު އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ ސަޕޯޓެވެ. އިނގިރޭސި ވިލާތުގައި ގިނަ އަދަދަކަށް ޕާކިސްތާން ރައްޔިތުން ދިރިއުޅޭއިރު، ގިނަ ބަޔަކު ދަނޑަށް ވަދެ ފުރިހަމަ ތަރުހީބެއް ދިނެވެ. އަނެއްކޮޅުން މި މޮޅާ އެކު ޕާކިސްތާން މިވަނީ 1992 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުލަވަރުތައް ދައްކާލައިފަ އެވެ. އެ ފަހަރު ވެސް ފުރަތަމަ މެޗުން ބަލިވެ ކިރިޔާ ކިރިޔާ ސެމީ ފައިނަލަށް ހޮވުނު ނަމަވެސް އެ ޓީމުން އެންމެ ފަހުން ތަށި ނެގީ އެވެ.

މުބާރާތުގައި ޕާކިސްތާން ދެން ބައްދަލުކުރާނީ ހުކުރު ދުވަހު ސްރީ ލަންކާއާ ދެކޮޅަށެވެ. ލަންކާ ވަނީ ފުރަތަމަ މެޗުން ނިއު ޒީލެންޑް އަތުން 10 ވިކެޓުން ބަލިވެފަ އެވެ. އިންގްލެންޑަށް ދެން އޮތީ ހޮނިހިރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗެވެ. ބަންގްލަދޭޝް އިން ވަނީ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ އަތުން 21 ލަނޑުން މޮޅުވެފަ އެވެ.

ވެސްޓް އިންޑީޒް، ނިއު ޒީލެންޑް، އިންގްލެންޑް، އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ، ދެކުނު އެފްރިކާ، އަފްގާނިސްތާން، ސްރީ ލަންކާ އަދި ޕާކިސްތާން ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ފައިނަލް މެޗު އޮންނާނީ ލަންޑަނުގެ ލޯޑްސްގައި ޖުލައި 14 ވަނަ ދުވަހު އެވެ.